ބިދޭސީން

ސަރުކާރުގެ އަމާޒަކީ މިއަހަރު 20،000 ބިދޭސީން ފޮނުވާލުން

ރާއްޖެއަށް ގަވާއިދާ ހިލާފަށް އެއްވެސް ލިޔެކިއުމެއް ނެތި އެތެރެ ވެގެން މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން މަދުވެގެން 20،000 ބިދޭސީން މި އަހަރުގެ ތެރޭގައި ފޮނުވާލުމަކީ ސަރުކާރުގެ އަމާޒު ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން އަންދާޒާ ކުރާ ގޮތުގައި ރާއްޖެއަށް ގަވާއިދާ ހިލާފަށް ލިޔެކިއުމެއް ނެތި އެތެރެވެގެން 70،000 އަށް ވުރެ ގިނަ ބިދޭސީން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން 90 ޕަސެންޓަށް ވުރެ ގިނަ ބިދޭސީންނަކީ ބަންގްލަދޭޝް މީހުނެވެ. ސަރުކާރުން މިދިޔަ އަހަރު ވަނީ ބަންގްލަދޭޝް އިން އާންމު މަސައްކަތްތެރިން އެތެރެކުރުން މަނާކޮށްފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ، ބަންގްލަދޭޝް އިން އާާދައިގެ މަސައްކަތްތެރިން އެތެރެވުން މަނާ ކުރި ހިސާބުން އެ ގައުމުން މަސައްކަތްތެރިން ގެނައުން ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އޭގެ ސަބަބުން ގަވާއިދާ ހިލާފަށް އެތެރެވާ ބިދޭސީން މަދު ވެފައިވާ ކަމަށެވެ. -- ފައްޔާޒު ޖަލްސާގައި ބައިވެރި ވަޑައިގަތީ މިއަދު މަޖިލީހުގެ ކޮމެޓީއަކަށް ހާޒިރުވެ ވަޑައިގެންނެވުމަށްފަހު ޖަލްސާގައި ބައިވެރި ވަޑައިގެން ބިދޭސީންގެ މައްސަލާގައި މައުލޫމަތު ދެއްވުމުގެ ގޮތުންނެވެ.

ފައްޔާޒު ވިދާޅުވީ ސެޕްޓެމްބަރު 19، 2019 އިފައި މަނާ ކުރި ފަހުން ބަންގްލަދޭޝް އިން އާދައިގެ މަސައްކަތްތެރިންގެ ގޮތުގައި އެތެރެވެފައިވާނީ ހާހެއްހާ މީހުން ކަމަށައި އެއީ ވެސް ސެޕްޓެމްބަރު 19 އިގެ ކުރިން އެ ކަމަށް އެދިފައި އޮތުމުން އެތެރެވެފައިވާ މީހުން ކަމަށެވެ. އަދި މިހާރު އެ އަދަދަށް އިތުރުވުން ހުއްޓިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ގިނަ ބަޔަކު ގަވާއިދަށް ފައްތައި ލިޔެކިއުން ހަވާލުކުރި ފަހުން އެ ބިދޭސީންގެ ގައުމުތަކުން ބިދޭސީން ގެންދިއުމުގައި އެއްބާރުލުން ލިބެމުންދާ ކަމަށެވެ. މިހާތަނަށް 4000 ބިދޭސީން އެ ގައުމުތަކަށް ފޮނުވާލެވުނީ އޭގެ ސަބަބުން ކަމަށެވެ.

"އަޅުގަނޑު އުއްމީދު ކުރަނީ އަންޑޮކިއުމަންޓް 20،000 ބިދޭސީން އެ މީހުން ރުހުމުގައި ފޮނުވަން، އަޅުގަނޑު ބޭނުމެއް ނޫން، އެ މީހުން ނުރުހުމުގައި ފޮނުވާކަށް. ކުރިން ވެސް ފޮނުވިފައި އޮތީ އެއް ބަޔަކު ޑޮކިއުމަންޓް ކުރަން ސަރުކާރުން އިސްވެގެން މަސައްކަތް ފެށީމަ، ގަދަކަމުން ފޮނުވަން އުޅުނުނަމަ ނުވާނެ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އެ މައްސަލައަކީ އެތައް ޒަމާނަކުން ރާއްޖޭގައި ހިނގަމުން މިހާ ގޯސް ހިސާބަކަށް ގޮސްފައިވާ މައްސަލައެއް ކަމަށެވެ. އެއީ ބަޔަކު ވަރަށް ހަޑިހުތުރުގޮތަކަށް ކޮށްފައިވާ އިންސާނީ ވަގު ވިޔަފާރީގެ މައްސަލައެއް ކަމަށެވެ. ހައްލު ކުރަން ވަގުތު ނަގާނެ ކަމަށާއި ނަމަވެސް ހައްލު ކުރަން ކުރެވެން ހުރި ކަމެއް ކުރައްވާނެ ކަމަށެވެ.