ފައްޔާޒް އިސްމާއީލް

"ގާބިލު ދިވެހިން ތިއްބާ ބޭރު މީހުން ނުނަގާނެ"

ގާބިލު ދިވެހިން ތިއްބައި ބޭރު މީހުން ދެން ވަޒީފާތަކަށް ނުނަގާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅު ވެއްޖެ އެވެ

ރާއްޖޭގައި މިވަގުތު އުޅޭ ބަންގްލަދޭޝް މީހުނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ސާފު ކުރަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ. އެ ފުުރުސަތުގެ ތެރެއިން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވަނީ ބިދޭސީންގެ ސަބަބުން ދިވެހިންނަށް ވަޒީފާތައް ލިބުމުގައި ހުރި ގޮން ޖެހުންތަކާ ގުޅޭ ސުވާލެއް ކުރައްވައިފަ އެވެ.

އެ ސުވާލަަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ ބިދޭސީންނަށް ވަޒީފާތައް ދޭތީ ދިވެހިންނަށް ވަޒީފާތައް ދިނުމަށް ކޮންމެ ވެސް ވަރެއްގެ ގޮންޖެހުންތަކެއް އޮންނަ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ އިގްތިސޯދު މިހާރު ކުރިއަރަމުންދާ ސްޕީޑުގައި އިންސާނީ ވަސީލަތްތައް އަޅުގަނޑުމެންނަށް ބޭނުންވާ ކަމަށާއި އަދި ރާއްޖޭގައި ވަޒީފާ ނެތް އެންމެން ވަޒީފާއަށް ނުކުތަސް ބޭނުންވާ އަދަދަށް މީހުން ލިބޭނެކަމާމެދު ޝައްކު ކަަމަށެވެެ.

ފައްޔާޒު ވިދާޅުވީ ބިދޭސީންގެ ޖުމްލަ އާބާދީ ދިވެހީންގެ 40 ޕަސެންޓާ ކައިރި ކުރާ ކަމަށާއި އެއީ ކަންބޮޑުވާ މައްސަލައަކަށްވާ އިރު އެކަމަށް ގޮތެއް ނިންމަން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އެހެން ނަމަވެސް އިގްތިސޯދު ކުރިއަށްދާ ކަމަށްވަންޏާ ހިއުމަން ރިސޯސާސް އެބަ ބޭނުންވޭ. މިއީ ކޮންތާކުން ހޯދަން ޖެހޭ ބައެއްތޯ އަޅުގަނޑުމެން ބަލަން ޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި ވަޒީފާ ނެތި އުޅެނީ 30،000 އާ ގާތް ކުރާ އަދަދެއްގެ މީހުން. އޭގެ ތެރެއިން ވެސް 15،000 މީހުން ވަޒީފާއެއް ހޯދަން އުޅެނީ." ފައްޔާޒު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ދިވެހިންނަށް ވަޒީފާތައް ހޯދައިދިނުމަށް މިހާރު ވެސް މަަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ދާދި ފަހުން ހުޅުވި ޖޮބް ސެންޓަރަކީ ވެސް އެއަށް އިތުރުވި ބޮޅެއް ކަމަށެވެ.

"ޖޮބް ސެންޓަރުން ކުރިއަށް އޮތް ތަނުގައި ފަންކްޝަން ވެގެން ދާނީ ދިވެއްސަކު ކޮލިފައިޑް މީހަކު ރަޖިސްޓްރީކޮށްފައި އޮއްވައި އަޅުގަނޑުމެންނެއް ނުދޭނަން ބޭރު މީހެއް ގެންނާކަށް ފުރުސަތެއް." ފައްޔާޒު ވިދާޅުވި އެވެ.