ބިދޭސީން

ރާއްޖޭގައި 281،000 ބިދޭސީން އުޅޭ

ރާއްޖޭގައި 281،000 ބިދޭސީން އުޅޭ ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅު ވެއްޖެ އެވެ.

ރާއްޖޭގައި މިވަގުތު އުޅޭ ބަންގްލަދޭޝް މީހުނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ހޯދަން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެދިވަޑައިގަތުމުން އެކަން ސާފު ކުރަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

އާޒިމްގެ ސުވާލަށް ޖަވާބު ދެއްވަމުން ފައްޔާޒް ވިދާޅުވީ ރާއްޖޭގައި 281،000 ބިދޭސީން އުޅޭ ކަމަށް މިހާތަނަށް ސާފު ކުރެވުނު ރެކޯޑްތަކުން ދައްކާ ކަމަށެވެ. އޭގެ ތެރޭގައި ބަނގުލަދޭޝްގެ 63،750 މީހުން އުޅޭ ކަމަށެވެ.

ރެކޯޑްތަކުން އެ އަދަދަށް ބިދޭސީން އުޅޭ ކަމަށް ދެއްކި ނަމަވެސް ކުރިން ބިދޭސީންގެ ރެކޯޑްތައް ބަލަހައްޓަން ބޭނުންކުރި މައިގްރޭޝަން ޑޭޓާ ބޭސްތަކުން ބިދޭސީންގެ ޑޭޓާ ރަނގަޅަށް ބަލަހައްޓައިފައި ނުވާތީ ބިދޭސީންގެ ސީދާ އަދަދު ސާފު ނުކުރެވޭ ކަަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ކުރީގެ ސިސްޓަމުގައި 70،000 ބިދޭސީން ހިމެނޭއިރު އެއިން އެ މީހުން ރާއްޖެ އައި ތާރީހު އެނގެން ނެތް ކަަމަށާއި އަދި އެމީހުން ފުރި ކަން ވެސް އަދި ޑިޕޮސިޓް ދެއްކި ކަމެއް ވެސް އެނގެން ނެތް ކަމަށެވެ. ހަމަ އެހެންމެ އެ ބިދޭސީންގެ ޕާސްޕޯޓު ނަންބަރުތައް ވެސް ރަނގަޅަށް އެނގެން ނެތް ކަމަށް ފައްޔާޒު ފާހަގަ ކުރެއްވި އެވެ.

"އެ 70،000 މީހުންގެ ތެރެއިން އަޅުގަނޑުމެންގެ ރެގިއުލަރޭޒައިޝަންގެ ޕްރޮގްރާމްގެ ތެރެއިން 1000 އެއްހާ މީހުން ފާހަގަ ކުރެވިގެން ގޮސްފި ދެން މިހާރު އަޅުގަނޑުމެންނަށް އެނގޭ އެ 70،000 މީހުންގެ ތެރެއިން ލިސްޓުގައި އޮތް ނަމަވެސް ފުރައިގެން ދިޔަ ބައިވަރު މީހުން ހިމެނޭކަން. އެެހެންވީ އެކްސްޕެޓް އޮންލައިން ސިސްޓަމާއި އިމިގްރޭޝަނުން ފުރާއިރު ކެންސަލޭޝަނާ ލިންކު ނުވެ އޮތީމަ. އެހެން ނަމަވެސް މިހާރު އެކަން ރަނގަޅު ކުރަން މަސައްކަތް ކުރަމުން ދަނީ،" ފައްޔާޒު ވިދާޅުވި އެވެ.