ބިދޭސީން

މި ތިން އަހަރު އެންމެ ގިނައިން ގެނައީ އިންޑިއާ މީހުން

މި ސަރުކާރުން ވެރިކަމާ ހަވާލުވެ ތިން އަހަރުވީ އިރު ރާއްޖޭގައި މަސައްކަތް ކުރަން އެންމެ ގިނައިން ގެނައީ އިންޑިއާގެ މީހުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިވަގުތު އުޅޭ ބަންގްލަދޭޝް މީހުނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު ހޯދަން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެދިވަޑައިގަތުމުން އެކަން ސާފު ކުރަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިއަދު ވަނީ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކޮށްފަ އެވެ.

އާޒިމްގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒު މިއަދު ވިދާޅުވީ މި ތިން އަަހަރު އިންޑިއާގެ މަސައްކަތްތެރިން ގެންނަން 23،000 ކޯޓާ ދޫކުރި ކަމަށެވެ. އެއީ 2019 ވަނަ އަަހަރު 11،000 ، 2020 ވަނަ އަހަރު 5000 އަދި މިއަަހަރު 7000 ކޯޓާ ކަމަށެވެ.

އިންޑިއާއާ އަޅާ ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން މީހުން ގެންނަ ބަނގުލަދޭޝްއިން މީހުން ގެންނަން މި ދެ އަަހަރު ހުއްދަ ދިނީ އެންމެ 113 މީހުން ނަށެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް ގައުމަކުން 100،000 އަށްވުރެ ގިނަ ބިދޭސީން ނުގެންނާނެ ކަމަށާއި ނަމަވެސް ގަވައިދާ ހިލާފަށް މިހާރު ރާއްޖޭގައި އުޅޭ ބަނގުލަދޭޝް މީހުންނާއެކު ރާއްޖޭގައި އުޅޭ ބަނގުލަދޭޝް މީހުންގެ ޖުމުލަ އަދަދު 100،000 އަށް ވުރެ ގިނަވާނެ ކަމަށެވެ. ނަމަވެސް ރަސްމީ ރެކޯޑުތަކުން ދައްކަނީ ރާއްޖޭގައި 63،750 ބަނގުލަދޭޝް މީހުން އުޅޭ ކަމަަށް ދައްކާ ކަަމަށެވެ.

އިންޑިއާއިން ގެންނަ މަސައްކަތްތެރިން މި ތިން އަހަރު ތެރޭގައި ވަރަށް ބޮޑަށް އިތުރުވި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ އެންމެ ފަހަރު (2018 ވަނަ އަަހަރު) ރާއްޖެއަށް ގެނައީ އިންޑިއާގެ 5000 މީހުން ނެވެ. ނަމަވެސް ހަމަ އެ އަހަރު ރާއްޖެއަށް ބަނގުލަދޭޝްގެ 27،000 މީހުން އެތެރެކުރި އެވެ.

ރައީސް ޔާމިންގެ ވެރިކަމުގެ ފަހު ދުވަސްކޮޅު އިންޑިއާއާ ގުޅުން ގޯސްވެ އިންޑިއާގެ މަސައްކަތްތެރިންނަށް ވިސާ ނުލިބޭކަމަށް ބުނެ އެގައުމުގެ މީހުން ޝަކުވާވެސް ކޮށްފައި ވެއެވެ.

ނަމަވެސް ވެރިކަން ބަދަލުވެ އިންޑިއާގެ މަސައްކަތްތެރިން ގެންނަލެއް ގިނަވި އިރު ދިވެހި ފުލުހުން ރާއްޖޭގައި ހިންގާ އެންމެ ބޮޑު މަޝްރޫއުއަށް 600 އެއްހާ މަސައްކްތެރިން ގެންނަން ވަނީ ނިންމައިފަ އެވެ.