ހަބަރު

ބިދޭސީންނަށް ރަށްވެހިކަންދޭ ވިސްނުމެއް ނެތް: ސަރުކާރު

ބިދޭސީންނަށް ރެޒިޑެންސް ވިސާ ދިނުމަކީ ސިޓިޒަންޝިޕްއާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި ބިދޭސީންނަށް ރަށްވެހިކަން ދިނުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން އިމިގްރޭޝަން ގާނޫނަށް ހުށައެޅި އިސްލާހުތަކުގެ ބިލް ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވަނިކޮށް، އިތުރު އިސްލާހުތަކެއް ގެނައުމަށް މަޖިލީހުގެ ރައީސް ވަނީ ބިލު އަލުން އަނބުރާ އެ ކޮމިޓީއަށް ފޮނުވާލައިފަ އެވެ. އެގޮތުން ދިވެއްސަކާއި ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ލިބިގެން އެ އިދާރާއިން ގަބޫލުކުރާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ކުރުމަށް އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ރެޒިޑެންސް ވިސާ ދިނުމަށް ވަނީ ހުށަހަޅައިފަ އެވެ. އަދި ރާއްޖޭގައި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާފައިވާ ބިދޭސީންނަށް ވެސް ރެޒިޑެންސީ ވިސާ ދިނުމަށް ވަނީ އާ އިސްލާހުގައި ހުށަހަޅައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ހާޒިރުވެވަަޑައިގެން ވާހަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ދިވެހި ރައްޔިތުކަން އެއްވެސް އެހެން ފަރާތަކަށް ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އެކަމާ ބެހޭ ގޮތުން ވަރަށް ޒަމާންވީ ސިޓިޒަންޝިޕް ގާނޫނެއް މިހާރު ވެސް އޮންނަ ކަމަށެވެ. ސަރުކާރުން އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ ރެޒިޑެންސީ ވިސާގެ ކަންކަމަކީ ސިޓިޒަންޝިޕްއާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި ރެޒިޑެންސް ވިސާއަކީ ޓޫރިސްޓް ވިސާ ގޮތައް ތަންކޮޅެއް ދިގު މުއްދަތަކަށް ބޭރު މީހުންނަށް ހުރެވޭ ވިސާއެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"[ސިޓިޒަންޝިޕް] ގާނޫނު އެބަ އޮތް މިހާރު ވެސް. އަޅުގަނޑު ދެކޭ ގޮތުގައއި އެ ގާނޫނަކީ މޮޑަނައިޒް ކޮށްލަން ޖެހޭ ގާނޫނެއް ކޮންމެހެން ބޭނުންވާ ކަމަށް ވާނަމަ، އެހެން ނަމަވެސް އަޅުގަނޑުމެން ސަރުކާރުގަ ހާއްސަކަމެއް ދީގެން ސިޓިޒަންޝިޕެއް ދިނުމުގައި ވިސްނުމެއް އެއްގޮތަކަށް ވެސް ނެތް،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ބޭރު މީހުންނަށް ކޯޕަރޭޓް ރެޒިޑެންސް ވިސާއެއް ދޫކުރެވޭ ގޮތައް 2015 ވަަނަ އަހަރުން ފެށިގެން އޮންނަ ކަމަށާއި އެ ހުއްދަ ލިބޭނީ އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ބަޔަކަށް ކަމަށެވެ. އެ ވިސާ ލިބޭ ބައެއް ކަނޑައެޅުމުގައި ބަލާ ޝަރުތުތަކު ތެރޭގައި 50 މިލިއަން ޑޮލަަރުގެ އިންވެސްޓްމަންޓެއް ކުރުމާއި އެއް މިލިއަން ޑޮލަރުގެ މަޝްރޫއެއްގައި އިންވެސްޓްކޮށްފައި އޮތުން ހިމެނޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

އެ ޝަރުތު ހަމަވާ ކޮންމެ ފަރާތަށް ވެސް ރާއްޖޭގައި ތިބެވޭނެ ކޯޕަރޭޓް ރެޒިޑެންސް ވިސާ ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީން މިހާތަނަށް 27 މީހަކަސް ކޯޕަރޭޓް ރެޒިޑެންސް ވިސާ ދޫކޮށްފައިވާާ ކަމަށް ފަައްޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހުށަހެޅީ ވަކި މާއްދާއެއް ކޯޕަރޭޓް ރެޒިޑެންސްގެ ދަށުން ގާނޫނަށް ލުމަށްޓަކައި. އެގޮތައް ކޮމިޓީން ފާސްކޮށްފައި ވަނީ. އެއީ އެކަމަށް ގާނޫނީ ބާރު އިތުރު ކުރަން. މިހާރު އަޅުގަނޑުމެންނަށް އެ ބޭނުން އެބަ ފުދޭ," ފައްޔާޒް ވިދާޅުވި އެވެ.

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީ މީހުންނަށް ރެޒިޑަންސް ވިސާ ލިބުމުގެ ޖާގަ މިހާރު ވެސް ގާނޫނުން ލިބިދޭ ކަމަށާއި ނަމަވެސް އެކަން އޮންނަ ގޮތުން ބޮޑެތި ތަކުލީފުތަކާ އެ މީހުންނަށް ކުރިމަތިލާން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ފައްޔާޒް ވިދާޅުވީ އަހަރަކު އެއްފަހަރު ވިސާ އާ ކުރުމާއި ކަައިވެންޏެއް ރޫޅުމުން ދަރިން ހުއްޓަސް ހަފްތާއެއްގެ ތެރޭގައި ބިދޭސީ މީހާ ރާއްޖެއިން ފުރައިގެން ދާން ޖެހޭ ގޮތައް އޮންނަ އޮތުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މާލޭގައި ކުއްޔަށް ހިފައިގެން އުޅޭ މީހުންނަށް ރެޒިޑަންސީ ވިސާ ދިނުމުގެ ބޭނުމެއް ނެތް ކަމަށާއި ސަރުކާރުގެ ވިސްނުން ހުރީ "ސެކަންޑް ހޯމް" ޕްރޮގްރާމެއް ތައާރަފްކޮށް އެއަށް ރެޒިޑެންސީ ވިސާއެއް ދިނުން ކަމަށެވެ. އަދި އެކަމަކީ މިހާރުގެ ގާނޫނުން ވެސް ކުރެވެން އޮތް ކަމެއް ކަމަށާއި އެހެން ނަމަވެސް އެކަން ކުރެވޭ އަގުތަކަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"އަދަދުތައް ކުޑަ ކުރުމަކީ ރަނގަޅު ކަމެއް. ފަސް ލައްކަ ޑޮލަރުގެ އިންވެސްޓަމްންޓެއް ހެދީމަ ވެސް ރެޒިޑެންސް ވިސާ ލިބޭނެ ފުރުސަަތު ދިނުން. ވަރަށް ބޮޑަށް ރައްޔިތުންނަށް އޮޅޭ ގޮތައް މި އިސްލާހާ ގުޅޭ ގޮތުން ވާހަކަ ދެކެވެނީ. އެއްގޮތަކަށް ވެސް މި އިސްލާހަކީ ސިޓިޒަންޝިޕަކާ ގުޅުން ހުރި ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.