ދުނިޔެ

ހުރިހާ އަސީރުން ދިރި ތިއްބާ ގެނެވޭނެ ކަމަށް ދަންނަވަން ދަތި: އިޒުރޭލު

ހަމާސް އިން އަސީރުކޮށްފައި ތިބި ހުރިހާ ޔަހޫދީން ދިރި ތިއްބާ ގެއަށް ގެނެވޭނެ ކަމަށް ދަންނަވަން ކެރިވަޑައިނުގަންނަވާ ކަމަށް އިޒުރޭލުގެ މާލީ ވަޒީރު ބެލަޒްއެލް ސްމޮތުރިޗް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އަސީރުންގެ އާއިލާތަކާ ބައްދަލުކުރައްވައި އެ މީހުން ކުރި ޝަކުވާތަކަށްފަހު އެވެ.

އަސީރުންގެ އާއިލާތައް އެދެނީ ހަނގުރާމަ ހުއްޓާލާފައި ނަމަވެސް އެ މީހުންގެ އާއިލާ މެމްބަރުން ގެއަށް ގެނައުމަށެވެ.

އާއިލާތައް ދެކޭ ގޮތުގައި ފަލަސްތީންގެ ޣައްޒާއަށް އިޒުރޭލުން މިހާރު ދެމުން ގެންދާ ހަމަލާތަކަކީ އޭގައި އަސާސެއް އޮތް ހަމަލާތަކެއް ނޫނެވެ. އެއީ ވެރިކަމުގައި ތިބި ބަޔަކު ސިޔާސީ މަންފާއަކަށްޓަކައި ކުރުވާ ކަމެއް ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.

ބެލަޒްއެލް ސްމޮތުރިޗް، އަސީރުންގެ އާއިލާތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަތަކުގެ އޯޑިއޯ މިހާރު ވަނީ ލީކުވެފަ އެވެ.

އޭނާ ދެއްކެވި ވާހަކަތަކުގައި -- އޯޑިއޯ އިން އިވޭ ގޮތުން އޭނާ ވިދާޅުވަނީ ހަމާސްގެ އަތްދަށުގައި ތިބި ޔަހޫދީން ގެނައުމަކީ އޭނާއަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އެ މީހުން ދިރި ތިއްބާ ގެންނަން ފުރުސަތު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވެ އެވެ.

މާލީ ވަޒީރު ވިދާޅުވީ އަސީރުން މިނިވަންކޮށްގެން ރަށަށް ގެނައުމުގެ ބާރާއި ކުޅަދާނަކަން އޭނާއަށް ލިބިފައި ނެތް ކަމަށެވެ.

އޭނާ އަދި ވިދާޅުވީ އަސީރުން މިނިވަންކުރަން ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ފަރުދީ ގޮތުން އަމިއްލަ ކަމެއްގެ ގޮތުގައި ސަރުކާރާ މަޝްވަރާކުރާނެ ކަމަށެވެ.

ހަނގުރާމަކުރުމާއި ހަނގުރާމަ ހުއްޓާލުމަކީ އޭނާގެ އަތްމަތީގައި އޮތް ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. ޔަހޫދީންގެ ދިރިތިބުމާއި ނެތިިގެން ދިއުމަށް ބަލާއިރު ގައުމީ މަސްލަހަތަށް އިސްކަން ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ޔަހޫދީންނަށް ރަނގަޅު ގޮތެއް އޮތް ނަމަ އެ ގޮތެއް އިހްތިޔާރު ކުރައްވާނެ ކަމަށެވެ. ގައުމީ މަސްލަހަތުގެ މައްޗަށް ވަކި ފަރުދެއްގެ މަސްލަހަތު އިސްކުރުމަކީ -- ސަރުކާރު ހިންގަން ތިބި ވަޒީރުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.