އެމެރިކާގެ މަހުޖަނު އީލޮން މަސްކް ޣާއްޒާއަށް ވަޑައިގަތުމަށް ހަމާސްގެ އިސް ވެރިއެއް ކަމަށްވާ އުސާމާ ހަމްދާން ދައުވަތު ދީފި އެވެ.
އުސާމާ ހަމްދާންގެ ދައުވަތުގައި ބުނެފައިވަނީ ޒަޔަނިސްޓުން ފައިޓަރު ޖެޓުތަކުން ޣައްޒާއަށް އެޅި ބިޔަ ބޮންތަކުން ކޮނެވިފައި ހުރި މާސިންގާ ވަޅުގަނޑުތައް ދެކެވަޑައި ގަތުމަށާއި، ޣައްޒާގެ އުމްރާނީ ތަރައްގީއަށް ޔަހޫދީން ދީފައި ހުރި ގެއްލުން އަންދާޒާކޮށް ލެއްވުމަށް އީލޮން މަސްކަށް ދައުވަތު ދޭ ކަމަށެވެ.
ޔަހޫދީންނާ ދެކޮޅަށް ބަސްބުނެ އެކްސްގައި މީހަކު ކުރި ޕޯސްޓަކަށް އީލޮން މަސްކް ތާއީދުކުރެއްވުމުން އޭނާ މިހާރު ހުންނެވީ ހޫނުފެނުގަ އެވެ.
އޭނާއަށް މި ކުރެއްވުނު ކަންތައް -- ނުކުރައްވާ ކަމެއް ގޮތުގައި ހެއްދެވުމަށް ވަޑައިގެން މިހާރު ހުންނެވީ ޒަޔަނިސްޓުންނާ އެކު ޔަހޫދީންގެ ވެރިންގެ އަރިހުގަ އެވެ.
ޔަހޫދީ އާބާދިތަކަށް ހަމާސް އިން ދިން ކަމަށް ބުނާ ގެއްލުންތައް ބައްލަވާލެވުމަށް ވަޑައިގެން އީލޮން މަސްކް ވަނީ ނިއްކުރިން ދާ ފޮހެލައްވާފަ އެވެ.
އެއަށް ފަހު ނޫސްވެރިންނާ މުހާތަބުކުރައްވައި މަސްކް ވިދާޅުވި ކަމަށް ވަނީ -- ޝޯޝަލް މީޑިއާގައި ހާއްސަކޮށް އޭނާގެ އެކްސް މެދުވެރިކޮށް ނަފްރަތު ފެތުރުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށެވެ.
އީލޮން މަސްކް އަކީ އޭނާގެ ބަސްމަގު ހުންނަ ގޮތުން ވަރަށް ފަސޭހައިން ހޫނުފެނަށް ވެއްޓި ވަޑައިގަންނަވާ ބޭފުޅެކެވެ. އަދި ދުނިޔޭގައި ހިނގާ ވަރަށް ބޮޑެތި އަދި އުދާސްކަން ގަދަ މައުލޫތަކަށް ކޮމެންޓްކުރައްވައި އަމިއްލަ ގައިގައި ހުޅުޖައްސަވާ ބޭފުޅެކެވެ.
އުސާމާ ހަމްދާންގެ މި ދައުވަތަކީ ހަމައެކަނި ޔަހޫދީންގެ އަރިހަށް މަސްކް ވަޑައިގަތުމުން ހަމަލާތަކުގެ ކިލަނބު ނޯބޭނެކަން ބުނެދިނުމަށް ދިން ދައުވަތެކެވެ.
ޣައްޒާ ހަނގުރާމާގައި ފަލަސްތީންގެ އާންމުނަށް ލިބުނު ގެއްލުމާ އަޅާ ކިޔޭ ވަރާ ގާތަށްވެސް ޔަހޫދިންނަށް ގެއްލުން ލިބިފައި ނުވާ ކަމަށް މަސްކަށް ދެއްކުމަކީ ވެސް ހަމާސްގެ ބޭނުމެކެވެ.
އޮކްޓޯބަރު ހަތަކުން ފެށިގެން ޒަޔަނިސްޓް އަސްކަރިއްޔާ އިން ޣައްޒާއަށް ދެމުން ގެންދިޔަ ހަމަލާތައް -- ނޮވެމްބަރު 24 ގައި ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. އެއީ ހަނގުރާމައިގެ ކުށްވެރިން ބަދަލުކުރުމަށާއި ޣާއްޒާއަށް ބޭނުންވާ އިންސާނީ އެހީ ވެއްދުމަށެވެ.
އދ އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ޔަހޫދީންނަށް ގޮވާލަނީ ޣައްޒާއަށް އަލުން ހަމަލާތައް ނުފެށުމަށެވެ. އަދި ފަލަސްތީންގެ އާންމުން ވިއްސިވިހާލި ކުރުމަށް ޔަހޫދީން ރާވާ ރޭވުންތައް ތަންފީޒު ނުކުރުމަށެވެ.