ދުނިޔެ

އިޒުރޭލަށް ރޮކެޓް ހަމަލާތަކެއް އަރައި، 12 މަރު

އަރަބިންގެ އަތުން ޔަހޫދީން ފޭރިގެންފައި އޮތް ގޯލާންގެ އުސް ބިންތަކަށް ބަޔަކު ދިން ރޮކެޓް ހަމަލާތަކެއްގައި 12 މީހަކު މަރުވެ 37 މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

އިޒުރޭލުން ބުނާ ގޮތުން ރޮކެޓް ހަމަލާތައް ދިނީ އީރާންގެ މަދަދާއެކު ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ހަނގުރާމަވެރިންނެވެ. އެ ޖަމާއަތުން ބުނަނީ ޔަހޫދީން ހަދަނީ ދޮގު ކަމަށެވެ.

ގޯލާންގެ އުސް ބިންތަކަށް ބަޔަކު ދިން ރޮކެޓް ހަމަލާތަކުގައި ހިޒްބުﷲގެ އެއްވެސް ދައުރެއް ބައިވެރިވުމެއް ނެތް ކަމަށް އެ ޖަމާއަތުން ބުންޏެވެ.

ޔަހޫދީން ބުނާ ގޮތުން ހިޒްބުﷲވެސް ހަދަނީ ދޮގެވެ. އިޒުރޭލުގެ މަސްލަހަތު އޮތް ތަނަކަށް ހަމަލާދިފައި ފިލޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށް ޔަހޫދީން ބުނެ އެވެ. އަދި ވޭންދެނިވި ހަމަލާތަކަކަށް އިންތިޒާރު ކުރުމަށްވެސް އިޒުރޭލުން ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރޮކެޓް ހަމަލާތަކުގައި ޒަހަމްވި ކަމަށް ބުނާ 37 މީހުންގެ ތެރޭގައި ގިނައީ ބޮޑެތި އަނިޔާ ލިބިފައި ތިބި މީހުންނެވެ. ބަައެއް މީހުން ވަރަށް ސީރިއަސް ކަމަށްވެސް ހަބަރުތައް ބުނެ އެވެ.

އިޒުރޭލުގެ ޗެނަލް 12 ޓީވީން ބުނާ ގޮތުން ބަދަލުހިފުމުގެ ގޮތުން ހިޒްބުﷲ އަށް ދޭނެ ހަމަލާއަކާ މެދު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އަސްކަރިއްޔާއާ އެކު މަޝްވަރާކުރައްވާފަ އެވެ. ނަމަވެސް ހަމަލާދޭނެ ވަގުތެއް އަދި އާންމެއް ނުކުރެ އެވެ.

ފަލަސްތީންގެ ޣާއްޒާގައި ފެށުނު ހަނގުރާމަ މިހާރު އެ އޮތީ ލުބްނާނަށް ފުޅާވެފަ އެވެ. އިޒުރޭލު ސިފައިންނާއި ހިޒްބުﷲގެ ހަނގުރާމަވެރިންނާ ދެމެދު -- ދޭތެރެެ ދޭތެރެއިން ހަމަލާތައް ބަދަލުކުރަމުންދާއިރު، ކޮންމެ ގައުމަކަށް ވެސް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ.

އަނެއްކޮޅުން ލުބްނާނަށް ހަމަލާދީފިނަމަ ހަނގުރާމައިގެ ތެރެއަށް އީރާން ވަންނާނެ ކަމަށް އެ ގައުމުން އޮތީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަނގުރާމައިގެ ތެރެއަށް އީރާން ވަދެއްޖެނަމަ މަސްރަހު ވަރަށް ބޮޑަށް ހޫނުވެގެންދާނެ އެވެ. އަދި އިޒުރޭލަށް ލިބޭ ގެއްލުންތައް ނިސްބަތުން ކުޑައެއް ނުވާނެ އެވެ.