ދުނިޔެ

"އިޒްރޭލަށް ދުވާލަކު 2،500 ރޮކެޓް ހިޒްބުﷲ ފޮނުވާނެ"

ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ އާއި ފަލަސްތީންގެ ހަމާސްއަށް އެންމެ ބޮޑަށް މަދަދުވެރި ވަނީ އިރާނުންނެވެ. މިއީ މުޅި ދުނިޔެ ދަންނަ ކަމެކެވެ. އީރާންގެ އެހީތެރިކަމާއެކު މި ޖަމާއަތްތަކުން އަސްކަރީ ބާރުވެރިކަން ވެސް ވަނީ ލިބިގެންފަ އެވެ.

އިޒްރޭލުން ބުނާ ގޮތުން ހިޒްބްﷲ އާއި ހަމާސްއާ ހަނގުރާމަ ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެއިން ކޮންމެ ގުރޫޕަކަށް ހަމަލާދިން ނަމަވެސް ރޮކެޓްތައް އޮހެން ފަށާ ކަމަށް އިޒްރޭލުން ބުނެ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއާ ހަވާލާދީ އޭއެފްޕީ ބުނާ ގޮތުން ހިޒްބުﷲއާ ހަނގުރާމަކުރަން ޖެހިއްޖެ ނަމަ ދުވާލަކު 2،500 ރޮކެޓް ކޮންމެހެން ވެސް މަތަކުރަން ޖެހެ އެވެ. އެކަމަށް ތައްޔާރު ނަމަވެސް އެއީ ބުރަ ބޮޑު އަދި ޚަރަދު ބޮޑު ކަމެއް ކަމަށް ވެސް އިޒްރޭލުން ބުނެ އެވެ.

ހާމާސްއާ ހިޒްބުﷲ އެކުއެކިގައި އިޒްރޭލަށް ހަމަލާދޭން ފަށައިފި ނަމަ، އެމެރިކާގެ ވަރަށް ބޮޑު އެހީތެރިކަމާއެކު އިޒްރޭލުގައި ބަހައްޓާފައި ހުރި ދިފާއީ ނިޒާމް، އަޔަން ޑޯމްއަށް ވެސް ތައްކަތުކުރަން ދަތިވާނެ ކަމަށް އިޒްރޭލު އަސްކަރިއްޔާއީން ބުނާ ކަމަށް އޭއެފްޕީން ބުނެ އެވެ.

ހަމާސްއާ ހިޒްބުﷲއާ ދެކޮޅަށް ކުރާ ހަނގުރާމަތައް ވީހާވެސް ކުރުކުރުން އިޒްރޭލުން ވިސްނަނީ ދިގުދެމިގެން ދިއުމުން ލިބިދާނެ އިގުތިސޯދީ އަދި ފަރުދީ ގެއްލުން ކުޑަކުރަން ކަމަށް ވެއެވެ.

އިޒްރޭލުން ދޭ ގަދަފަދަ ހަމަލާތަކުގައި މުޅިތަން ސުންނާފަތިކުރަނީ ދުޝަމަނުންގެ ބާރު އަވަހަށް ކަނޑުވާލަން ކަމަށް ވެއެވެ. އެހެން ނަމަވެސް ހަނގުރާމަތައް ގިނަ ފަހަރު ހިނގައިދަނީ އިޒްރޭލުގެ ޕްލޭނާ އެއްގޮތަކަށް ނޫނެވެ.

މިއަހަރުގެ މޭމަހު އިޒްރޭލުން ފަލަސްތީންގެ ހަމާސްއަށް ދިން ހަމަލާތަކުގައި އިޒްރޭލު ވިސްނާފައި އޮތް ގޮތާ މުޅިން ޚިލާފަށް ބޮޑެތި ގެއްލުން އެ މީހުންނަށް ލިބިފައިވެ އެވެ. އަސްކަރީ މާހިރުން ބުނާ ގޮތުން މިއީ އިޒްރޭލުން ވަރަށް ކަންބޮޑުވި ކަމެކެވެ. އަދި ހަމާސްގެ ބާރުވެރިކަމާ މެދު އިޒްރޭލަށް ކުރިން ހީކުރެވުނު ގޮތް، ކުރެވުނު އަންދާޒާ ރަނގަޅު ނޫން ކަމަށް އަސްކަރިއްޔާއިން ގަބޫލުކުރެ އެވެ.