ދުނިޔެ

ސުލްހައިގެ މަޝްވަރާތަކަށް އިޒުރޭލުގެ ވަފުދެއް ގަތަރަށް

ޣައްޒާ ހަނގުރާމާ ހުއްޓާލެވޭނެ ގޮތެއް ހޯދުމަށް އިޒުރޭލުގެ ވަފުދެއް ގަތަރަށް ހިނގައްޖެ އެވެ. މަޝްވަރާތައް އޮންނާނީ ހޯމަ ދުވަހު އެވެ.

މި ވަފުދުގައި އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ)ގެ ޑައިރެކްޓަރު ވިލިއަމް ބާންސް އާއި އިޒުރޭލުގެ ޖާސޫސީ އިދާރާ މޮސާދުގެ ވެރިޔާ ޑޭވިޑް ބާނިއާ، ގަތަރުގެ ބޮޑުވަޒީރު މުހައްމަދު ބިން އަބްދުއްރަހްމާން އަދި މިސްރުގެ އިންޓެލިޖެންސްގެ ވެރިޔާ އައްބާސް ކާމިލް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މި މަޝްވަރާތަކުގައި ބޮޑަށް ވާހަކަދައްކާނީ ހަމާސްގެ އަތްދަށުގައި ތިބި ޔަހޫދީން މިނިވަން ކުރެވޭނެ ގޮތެއް ހޯދުމަށް -- ހަމާސްއިން ކަނޑައަޅާފައި ހުރި ޝަރުތު ތަކަށެވެ.

ފަލަސްތީންގެ ޣާއްޒާއަށް އިޒުރޭލުން ދެމުންދާ ހަމަލާތައް ހުއްޓާލައި އަދި ހަމާސްއިން އަސީރުކޮށްފައި ތިބި ޔަހޫދީން މިނިވަންކުރުމަށް -- ގަތާރާއި މިސްރު މެދުވެރިކޮން މީގެ ކުރިންވެސް ވަނީ ސުލްހައިގެ އެއްބަސްވުންތައް އެކުލަވާލާފަ އެވެ. ނަމަވެސް މިއިން އެއްވެސް އެއްބަސްވުމަކަށް އިޒުރޭލު ރުހޭ ގޮތެއް ނުވި އެވެ.

އިޒުރޭލުން މި ފަހަރު ޖާސޫސީ ވެރިން ގަތަރަށް ފޮނުވީ ސުލްހައިގެ އެއްބަސްވުންތަކާ މެދު ތަންކޮޅެއް ސީރިއަސްކޮށް ވިސްނުމަށް ކަމަށް ބުނެވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަމާސްގެ އަތްދަށުގައި އަދިވެސް 120 ޔަހޫދީން އެބަ ތިއްބެވެ. ހަމާސްއިން ކަނޑައަޅާ ޝަރުތުތަކަށް އިޒުރޭލުން ރުހުން ނުދީގެން އެ މީހުންނަށް ގައުމަށް ނުދެވިފައި ތިބީ އެވެ.

ސުލްހައިގެ މަޝްވަރާތަކާ މެދު އިޒުރޭލުގެ ސަރުކާރުން ތަންކޮޅެއް ސީރިއަސްކަން ދައްކާ ސަބަބަކީ އިޒުރޭލުގެ ތެރޭގައި ހަމަނުޖެހުން ބޮޑުވެ ސަރުކާރުގެ މުދަލަށް ގެންލުން ދީފާނެ ކަމަށް ބެލެވެން ފެށުމުންނެވެ.

އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެރިކަމުން ދުރުކުރުމަށް އާންމުންގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ -- ހައިވޭތަކާއި ޕެޓްރޯލް ސްޓޭޝަންތައް ވަނީ ބަންދުކޮށްފަ އެވެ. ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކޮށް އަދި ސަރުކާރު އިދާރާތަަކަށް އެ މީހުންގެ ވާޖިބުތައް އަދާކުރުމަށްވެސް ދަނީ ހުރަސްއަޅަމުންނެވެ.