ދުނިޔެ

އަލްޖަޒީރާ މައިތިރިކުރަން އެމެރިކާއިން ގަތަރަށް އަންގައިފި

އަލްޖަޒީރާ ހަބަރު ނެޓްވޯކުން ހަމާސްއާ ގުޅުން ހުރި ހަބަރުތައް ގެނެސްދޭ ގޮތާ މެދު ކަންބޮޑުވާކަން އެމެރިކާ އިން ފާޅުކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން ވަނީ ގަތަރު ސަރުކާރުގެ ވެެރިންނަށް ގުޅުއްވައި، އަލްޖަޒީރާ މައިތިރިކުރުމަށް ދަންނަވާފަ އެވެ.

އެމެރިކާ ގަބޫލުކުރާ ގޮތުގައި ހަމާސް އަކީ ޓެރަރިސްޓް ޖަމާއަތެކެވެ. އެކަމަށް ބެލުމެއް ނެތި ގަތަރުން ހަމާސްއާ މެދު ވަރަށް ގާތްކޮށް ދެކޭ ކަމަށް ވިދާޅުވެ ބްލިންކެން ޝަކުވާކުރެއްވި އެވެ.

ބްލިންކެން ވިދާޅުވީ ޔަހޫދީންނާ ފަލަސްތީނާ ދެމެދު މިހާރު ހިނގާ ހަމަނުޖެހުންތަކުގައި އަލްޖަޒީރާ އެއްކޮޅަށް ބުރެވެފައި އޮންނަ ކަމަށެވެ. އަދި ހަމާސްއަށް ތާއީދުކޮށް ޔަހޫދީންގެ ސިއްރުތައް ފަޅާއަރާ ގޮތަށް އަލްޖަޒީރާ ހަބަރު ފަތުރާ ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

އަލްޖަޒީރާއަށް ކުރެވިދާނެ ކަންތައްތައް ކަމަށް ވިދާާޅުވެ ބްލިންކެން ވިދާޅުވީ ޔަހޫދީންނަށް ނަފުރަތުކުރާ ގޮތަށް ހަބަރުތައް ނުފެތުރުމާއި، ޔަހޫދީން ކުރާ ކަންތައްތައް ބޮޑުކޮށްގެން ނުކިޔުމެވެ.

ބްލިންކެން ވިދާޅުވީ އަލްޖަޒީރާ އިން ހަބަރު ފަތުރާ ގޮތުން ޔަހޫދީ ދައުލަތާ މެދު މީހުންގެ މެދުގައި ރުޅިވެރިކަން އުފެދެ އެވެ.

އަލްޖަޒީރާ އިން މިހާރު ގެނެސްދޭ ހަބަރުތަކުގެ ރާގު ތަންކޮޅެއް މަޑުމައިތިރި ކުރުމަށާއި ބޮޑެތި އަނިޔާތައް ފާޅުކަން ބޮޑު ގޮތުގައި ދެއްކުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

އެންޓަނީ ބްލިންކެންގެ ހުށަހެޅުމަށް ގަތަރު ސަރުކާރުން އަދި އެއްވެސް ޖަވާބެއް ނުދެ އެވެ. އެމެރިކާ ބޭނުންވާ ގޮތަށް އަލްޖަޒީރާގެ ކޮންޓެންޓް ބަދަލުކުރުމަކީ -- މެދުއިރުމަތީގައި މިހާރު އޮތް ހާލަތަށް ބަލާއިރު ގަތަރުން ކުރާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.

ޔަހޫދީންނާ މެދު ނަފުރަތު އުފެދޭ ގޮތަށް އަލްޖަޒިރާ އިން ހަބަރު ފަތުރާ ކަމަށް ބުނެ އިރުމަތީ ގުދުސްގައި ހުންނަ އަލްޖަޒީރާގެ އޮފީސް ބަންދުކުރަންވެސް ޔަހޫދީ ސަރުކާރުން އޮތީ ނިންމާފަ އެވެ.

ފަލަސްތީންގެ އަވަށްތަކަށް ޔަހޫދީ ސިފައިން އަރައިގަންނަ ކޮންމެ ފަހަރަކުހެން ޔަހޫދީންގެ ބިރުދެއްކުން އަލްޖަޒީރާއަށް ކުރިމަތިވެ އެވެ.

ޔަހޫދީން އެދޭ ގޮތަކީ ފަލަސްތީންގެ އާންމުންނަށް ކިތަންމެ ގެއްލުމެއް ދިނަސް، އެ ވާހަކަ ދުނިޔެއަށް ނުއިއްވުމެވެ.