ދުނިޔެ

ގަތަރުން 50 މިލިއަން ޑޮލަރުގެ އެހީ ޣައްޒާއަށް

ޣައްޒާއަށް އިންސާނީ އެހީގެ ގޮތުގައި 50 މިލިއަން ޑޮލަރު ދޭނެ ކަމަށް ބުނެފި އެވެ.

މިއީ އިންސާނީ އެހީތެރިކަމުގެ ގޮތުގައި ގަތަރުން ދޭން އުއްމީދު ކުރާ ޕެކޭޖްތަކުގެ ފެށުން ކަމަށްވެސް އެ ގައުމުން ބުނެ އެވެ.

ގަތަރުން ދޭ އެހީ އަކީ ރެފިއުޖީންނަށާއި ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޒަޚަމްވެފައި ތިބި މީހުންނަށް އަދި ނިކަމެތި ފަގީރުންނަށް ދޭ އެހީ އެކެވެ.

މި އެހީގައި ހިމެނެނީ ކާބޯތަކެއްޗާއި، ބޭސްވަރުވާ، އަންނައުނާއި އަދި މިފަދައިން އިންސާނުންނަށް ބޭނުންވާނެ ހުރިހާ ސާމާނެކެވެ.

ގަތަރުން ޣައްޒާއަށް ފޯރުކޮށްދޭ އެހެނިހެން އެހީތެރިކަމުގެ ތެރޭގައި ފަލަސްތީންގެ ޒުވާނުންނަށް 100 ސްކޯލާޝިޕް ދިނުމަށް ވެސް ވަނީ ވައުދުވެފަ އެވެ. އަދި ޒުވާނުންނަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އިތުރު އެހީދޭން ވެސް ވަނީ ނިންމާފަ އެވެ.

އަރަބި ގައުމުތަކުގެ ތެރެއިން ވެސް ސައޫދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި ގަތަރަކީ ފަލަސްތީނަށް ބޮޑެތި އެހީތައް ވެދޭ ގައުމުތަކެކެވެ.

މި ގައުމުތަކުން ފަލަސްތީނަށް އެހީތެރިވުމުގައި އދގެ ޖަމިއްޔާތައް މެދުވެރިކޮށް ކޮންމެ އަހަރު އެހީގެ ގޮތުގައި ދޭ ބޮޑެތި އަދަދުތައް ހިމެނެ އެވެ.

ގަތަރުން މީގެ ކުރިންވެސް ޣައްޒާއަށް ގިނަ އެހީތަކެއް ވަނީ ދީފަ އެވެ. މީގެތެރޭގައި 1،500 ޓަނުގެ ބޭސްފަރުވާ އާއި ކާނާ އަދި އަންނައުނު ހިމެނެ އެވެ.

ބަލި މީހުންނަށް ފަރުވާދިނުމަށް ފީލްޑް ހޮސްޕިޓަލަކާއި އެމެޖެންސީ ބޭސްވަރުވާއަށް ޚާއްސަ އާލާތްތަކެއް ވެސް ގަތަރުން ވަނީ ޣައްޒާއަށް ފޮނުވާފަ އެވެ.

ޣައްޒާއަށް ޒަޔަނިސްޓް ޔަހޫދީން ދެމުން ގެންދާ ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލައި އިންސާނީ އެހިތެރިކަން ފޮރުކޮށްދިނުމަށް ގަތަރުން ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ.

މިގޮތުން ޣައްޒާ ހަނގުރާ ދެމަހާ ކައިރިވެފައި ވަނިކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އަސީރުން ބަދަލުކުރުމަށް ހަމަލާތައް ހަތް ދުވަހަށް މެދު ކަނޑާލީވެސް އަރަބި ގައުމުތަކުން ކުރި މަސައްކަތުންނެވެ.

ގަތަރަކީ ޒަޔަނިސްޓުންނާއި ހަމާސްއާ ދެމެދު ކުރެވުނު މަޝްވަރާތަކުގައި އަމަލީ ގޮތުން ޖެހިލުން ކުޑަ މަސައްކަތްތަކެއް ކުރި -- ކުޑަކުޑަ ގައުމެކެވެ.

ޣައްޒާއަށް ޔަހޫދީން ދެމުން ގެންދާ ހަމަލާތައް ދާއީމަށް ހުއްޓުވުމަށް އަރަބި ގައުމުތަކުން ކެނޑިނޭޅި މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

ޒަޔަނިސްޓުންގެ ހަމަލާތަކުގައި ޣައްޒާއިން 18،700 އަށް ވުރެ ގިނަ މީހުން މިހާރުވެސް ވަނީ މަރުވެފަ އެވެ.