ދުނިޔެ

ހަމާސްއާ ބެހޭ ގޮތުން އޭއެފްޕީ އިން ހެދީ ދޮގު: ހަމާސް

ޣައްޒާ ހަނގުރާމަ ހުއްޓާލުމާ ބެހޭގޮތުން ކުރެވެމުންދާ މަޝްވަރާތަކުން ހަމާސް ވަކިވެއްޖެ ކަމަށް ބުނެ އޭއެފްޕީ ނޫސް އެޖެންސީން ހެދި ދޮގު ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

އޭއެފްޕީ އިން ބުނި ގޮތުން އިޒުރޭލު ސިފައިން ޣައްޒާގެ ޚާން ޔޫނިސްއަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 70 މީހަކު މަރާލުމާ ގުޅިގެން ނުރުހުން ފާޅުކުރުމުގެ ގޮތުން، ސުލްހައިގެ ވާހަކަތަކުން ހަމާސް ވަނީ ވަކިވެފަ އެވެ.

ހަމާސްއިން ބުނީ އެ ޖަމާއަތާ ގުޅޭގޮތުން ދޮގު ހަބަރު ފެތުރުމުގައި، ހުޅަނގަށް ވާގިވެރިވާ ބައެއް އެހެން ނޫސް އެޖެންސީތައް ވެސް ބައިވެރިވި ކަމަށެވެ.

ހަމާސްއާ ބެހޭ ގޮތުން އޭއެފްޕީ އިން ޝާއިއުކުރި ރިޕޯޓްތަކުގައި ބުނެދޭން އުޅެފައި އޮތީ، ސުލްހައިގެ ވާހަކަތައް ކޮޅެއްގައި ޖެހެން ގާތްވެފައި ވަނިކޮށް އަދި ސުލްހައިގެ މަޝްވަރާތަކަށް އިޒުރޭލުވެސް ޝައުގުރެވިކަން ފާޅުކޮށްފައި ވަނިކޮށް، ހަމާސްއިން މަޝްވަރާތައް ދޫކޮށްލަނީ ކަމަށެވެ.

މިއީ ހަމާސް އަކީ ވިޔާނުދާ ބައެއް ކަމަށް ދޭހަކޮށްދިނުމަށް ބަޔަކު އަޑީގައި ތިބެގެން ހެދި ރިޕޯޓެއް ކަމަށް ހަމާސްއިން ބުންޏެވެ.

ގަތަރާއި މިސްރުގެ އެއްބާރުލުމާ އެކު، ގަތަރުގައި މިހާރު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުން ހެޔޮ ނަތީޖާއެއް ނުކުމެދާނެ ކަމަށް އޮތީ ބެލެވިފަ އެވެ. އިޒުރޭލުގެ ޖާސޫސީ އިދާރާ މޮސާދުގެ ބައިވެެރިވުމާ އެކު މަޝްވަރާތައް ދަނީ ދެކޮޅަށް ވެސް ފައިދާ ހުރި މިސްރާބަކަށް ކަމަށް ހަބަރުތައް ބުނެ އެވެ.

އޮކްޓޫބަރުރު 7، 2023 ގައި ހަމާސްގެ މުޖާހިދުން ޔަހޫދީ އާބާދީތަކަށް އަރައިގަތުމާ ގުޅިގެން ފެށުނު ހަނގުރާމައަށް އަހަރު ދުވަސް ވަނީ އެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން އެއްކޮށްފައި ހުރި ހިސާބުތަކުން -- މަރުވި މީހުން ކަމަށް އަދަދުކޮށްފައި ވަނީ 38،000 މީހުންނެވެ. ނަމަވެސް މިނިވަން ތަހުގީގުތައް ބުނާ ގޮތުން އިޒުރޭލުގެ ހަމަލާތަކުގައި ޣައްޒާއިން އެއްލައްކައަށް ވުރެ ގިނަ މީހުން ވާނީ މަރުވެފަ އެވެ.

ބޮޑެތި ޒަހަމްތަކާ އެކު 88،000 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލގައި ފަރުވާދީފައި ވާނެ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުންޏެވެ. މިއީ ކޮންމެވެސް އަދަދެއް ބުނަންޖެހޭތީ ބުނާ އަދަދެކެވެ.

ޣައްޒާ ހަނގުރާމައިގައި މުޅި ޣައްޒާގެ އުމްރާނީ ތަރައްގީ ބިމާހަމަވެ އަދި ދަނޑުވެރިކަން ފަދަ ހުރިހާ ސިނާއަތެއް ވަނީ ވެއްޔާ މޮޑެވިފަ އެވެ.