ހަނގުރާމައިގެ ކުށްވެރިންގެ ގޮތުގައި ހަމާސްއިން ހިފަހައްޓާފައި ތިބި ޔަހޫދީން މިނިވަންކުރުމަށް ބާރުއެޅުމަށް ގައިދީންގެ އާއިލާތަކުން ގަތަރަށް ހިންގައްޖެ އެވެ.
ޣައްޒާ ހަނގުރާމާގައި އަސީރުން މިނިވަންކުރުމަށް ކުރެވޭ މުއާމަލާތްތައް ހިންގަނީ ގަތަރު މެދުވެރިކޮށެވެ. މިހާތަނަށް މިނިވަން ކުރެވުނު ބަޔަކު މިނިވަން ކުރެވިފައި ވަނީ ވެސް ގަތަރު އިސްވެ ކުރި މަސައްކަތުން -- ހަމާސްއާ ޔަހޫދީ ދައުލަތާ މަޝްވަރާކޮށްގެންނެެވެ.
އޮކްޓޯބަރު ހަތެއްގައި ޣައްޒާ ހަނގުރާމަ ފަށައިގަތް ފަހުން، ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއް ހަފުތާއަށް ހަމަލާތައް ހުއްޓާލުމުގައި އެމެރިކާ އަދި މިސްރުން މުހިންމު ދައުރެއް އަދާކުރި ނަމަވެސް، ކުށްވެރިން ބަދަލުކުރުމުގައި އެންމެ އިސް ދައުތެއް އަދާކުރަނީ ގަތަރާއި ސައޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ނެވެ.
ޔަހޫދީ އާއިލާތަކުން ގަތަރަށް ގޮސް، ހަމާސްއާ މަޝްވަރާކުރުމަށް ބާރުއަޅާނެ އެވެ. އަދި މަޝްވަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިޝަލުންނާ ބައްދަލުކޮށް މަޝްވަރާތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް އާދޭސްކުރާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޔަހޫދީ އާއިލާތަކުން ގަތަރަށް ކުރާ ދަތުރުގައި، ގަތަރުގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން އަބަދުއްރަހްމާން އައްސާނީއާ ބައްދަލުކުރައްވާނެ އެވެ. އަދި އެމެރިކާއިން ގަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓިމީ ޑޭވިސްއާ ވެސް ބައްދަލުކުރައްވާނެ އެވެ.
ޔަހޫދީ ދައުލަތުން ބުނާ ގޮތުން ހަމާސްގެ ބެލުމުގެ ދަށުގައި އަދިވެސް 136 ޔަހޫދީއަކު އެބަ ތިއްބެ އެވެ. އޭގެ ތެރޭގައި އާންމުންނާއި -- ޔަހޫދީ އަސްކަރިއްޔާގައި ކުރިން މަސައްކަތްކުރި މީހުން ހިމެނެ އެވެ.
ހަމާސްގެ ބެލުމުގެ ދަށުގައި މި މީހުން ތިބި ނަމަވެސް، ހަމާސްއިން ކުރިން ބުނި ގޮތުން އަސީރުންގެ ގޮތުގައި ހިފަހައްޓާފައި ތިބި ބައެއް ޔަހޫދީން ވަނީ ޒަޔަނިސްޓުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަރުވެފަ އެވެ.
މިއީ ހަގީގަތުގައި ވެސް ކުށްވެރިން މަރުވި ސަބަބު ކަމެއް ނޭނގެ އެވެ. ފަހަރެއްގައި ޔަހޫދީން ދެމުން ގެންދާ ހަމަލާތައް ހުއްވުޓުވާލުމުގެ ނިޔަތުގައި ހާމާސްއިން ދެއްކި ވާހަކައަކަށް ވެސް ވެދާނެ އެވެ.
ޚަބަރުތައް ބުނާ ގޮތުން ޒަޔަނިސްޓުންގެ މިސްނުމަކީ އިތުރު ޣައްޒާއިން މީހުން ހުސްކޮށް -- މީހުން ވަނުން މަނާ ސަރަހައްދެއް ޣައްޒާގައި ގާޢިމުކުރުމެވެ. މިކަން މި ގޮތަށް ކޮށްފި ނަމަ ވަނުން މަނާ ސަރައްދަށް ފަލަސްތީން މީހުންނަށް ވެސް ނުވަދެވޭނެ އެވެ.
ޣައްޒާއިން މީހުން ބޭރުކޮށް މަނާ ސަރަހައްދެން ކަނޑައެޅުމަކީ އެމެރިކާއާ ހުޅަގުން ވެސް ނުރުހޭ ކަމެކެވެ. މިކަން މި ގޮތަށް ކޮށްގެން ނުވާނެ ކަމަށް އެމެރިކާއިން ވަނީ ބުނެ އިންޒާރުދީފަ އެވެ.