ދުނިޔެ

އިޒުރޭލަށް ދުވަހަކުވެސް ހަމާސް ބަލިނުކުރެވޭނެ: އެމެރިކާ

އިޒުރޭލުގެ ބާރުގަދަ އަސްކަރިއްޔާއިން އުންޑައެއް ނެތް ޣާއްޒާއަށް އަރައިގަނެ މުޅި ތަން ސުންނާފަތިކުރިއިރު ވެސް ހަމާސްގެ ބާރުވެރިކަމެއް ލޮޅުމެއް ނާރަ އެވެ. އެކަމަކު އިޒުރޭލު ސިފައިން ޣާއްޒާއަށް އަރައި އެ ތިބީ ހަމާސް ބަލިކުރަން ހުވައިކޮށްގެންނެވެ.

އެމެރިކާގެ ޖާސޫސީ އޮފިޝަލުން ބުނާ ގޮތުން އިޒުރޭލަށް އެމެރިކާއިން ކިތަންމެ ވަރަކަށް އެހީވި ނަމަވެސް، ހަމާސް ބަލިކުރުމުގެ ގާބިލުކަން ޒަޔަނިސްޓުންނަށް ލިބިފައެއް ނެތެވެ.

އިޒުރޭލުގެ ބާރުގަދަ ބޮންތަކުން ހަމާސްއަށް ތަދުވި ނަމަވެސް -- އެމެރިކާގެ ޖާސޫސުން ބުނާ ގޮތުން، ދުނިޔެއަށް ފެންނަ ހަގީގަތަކީ ހަމާސްއިން މިހާރުވެ އިޒުރޭލަށް ރޮކެޓް ހަމަލާތައް ދޭކަމެވެ.

ހަމާސްއިން ބޭނުންކުރާ ފެންވަރުގެ ހަތިޔާރު އެ ޖަމާއަތުގައި ހުރި އަދަދު އިޒުރޭލަށް އަންދާޒާކުރަން ނޭނގޭ ކަމަށް ސެކިޔުރިޓީ މާހިރުން ބުނެ އެވެ.

މެދުއިރުމަތީގެ މަސްރަހު މިހާރު އޮތީ ސަރަހައްދީ ހަނގުރާމައަކަށް މިސްރާބުޖަހާފަ އެވެ. މި ހާލަތުގައި އީރާނުން އިސްވެ އިޒުރޭލަށް ހަމަލާދީފި ނަމަ ހަމާސްގެ ހަގީގީ ބާރުވެރިކަން ފެންނާނެ ކަމަށް އަސްކަރީ މާހިރުން ބުނެ އެވެ.

ހަމާސްގެ އަތުގައި އަދިވެސް ޒަޔަނިސްޓް އަސީރުން އެބަ ތިއްބެވެ. ތިބި ތަނެއް އަދި ތިބި ހާލެއްވެސް އިޒުރޭލަށް ހަގީގަތުގައި ނޭނގެ އެވެ. ހަމާސްގެ އަތްދަށުގައި އަސީރުން ތިބޭތާ މިހާރު އަހަރެއް ވަނީ އެވެ.

އިޒުރޭލު ސިފައިން ޣައްޒާއަށް އަރައިގަތީ ފާއިތުވި އަހަރު އޮކްޓޯބަަރު ހަތެއްގަ އެވެ. ޣައްޒާއަށް އެރުމުގެ ކުރިން އިޒުރޭލަށް ހީވެފައި އޮތީ އަސީރުން މިނިވަންކޮށްގެން ޖެހިގެން އޮތް ހުކުރުދުވަހު ޣާއްޒާއިން ފޭބޭނެ ކަމަށެވެ. އެކަމަކު ޔަހޫދީންގެ ރޭވުން މިހާރު އެ އޮތީ ފަނުފުލުން ގޮސްފަ އެވެ.

އަސްކަރީ މާހިރުން ދެކޭ ގޮތުގައި އިޒުރޭލަށް ދެން އެންމެ ރަނގަޅު ގޮތަަކަށް ވާނީ ހަމާސްއާ އެކު ޑީލެއް ހެދުމެވެ. އަދި އެއްބަސްވެވޭ މާއްދާތަކަށް ބަރޯސާކޮށް އަސީރުން މިނިވަންކުރުމެވެ.

އީރާން ލައްވައި އިޒުރޭލަށް ހަމަލާދިނުމަކީ މެދުއިރުމައްޗަށް އަދި އިޒުރޭލަށް ވެސް ރަނގަޅު ގޮތަކަށް ނުވާނެ އެވެ. އެމެރިކާ އާއި ގުޅީފައި އޮތް ބާރުތަކުން އީރާން އަންދާލި ނަމަވެސް، އިޒުރޭލުން ބައެއް އަނދައިގެން ނުދާނެ ގޮތް އެއީ ނެތް ގޮތް ކަމަށް މާހިރުން ބުނެ އެވެ.