ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގަތަރާއި މިސްރު މެދުވެރިކޮށް ހަމާސްއާ ކުރި މަޝްވަރާތައް ކޮޅެއްގައި ޖެހިދާނެ ކަމަށް ބެލެވިފައި ވަނިކޮށް، ހަމާސްއިން ހުށަހެޅި ޝަރުތުތައް ގަބޫލު ނުކުރާނެ ކަމަށް ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ހަމާސްއިން ހުށަހެޅި ސުލްހައިގެ ޕްލޭނަށް އެއްބަސްވެވެން ނެތް ކަމަށް ވިދާޅުވެ ނަތަންޔާހޫ ވިދާޅުވީ ހަމާސް ނައްތާލުމަށް އެންމެ ފަހުގެ ގާކޮޅަށް ދާންދެން ނުފުރޮޅައި ދޫނުކުރައްވާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިޒުރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް ހުއްޓާނުލައި ކުރިއަށް ގެންދާނެކަން އެމެރިކާއަށް ވަނީ އަންގާފަ އެވެ. އަދި ހަމަލާތައް ވަރުގަދަކޮށް އިތުރުކުރަން ޖެހިދާނެކަން ވެސް ވަނީ އަންގާފަ އެވެ.
ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުން ހަމާސް ބަލިކުރަން ދެން އިތުރު ދުވަސްތަކެއް ނުނަގާނެ އެވެ. ޔަހޫދީންގެ އަންދާޒާ އަކީ މަހެއްހާ ދުވަހުގެ ތެރޭގައި ހަމާސް ބަލިކުރެވޭނެ ކަމަށެވެ.
"އަހަރެމެން މިދަނީ ކާމިޔާބީއާ ދިމާއަށް. މިކަމަށް އަހަރެއް ނުވަތަ އަހަރުތަކެއް ނުނަގާނެ، ނަތަންޔާހޫ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވި އިޒުރޭލުގެ ދިފާއީ ބާރުތަކަކީ އަޖައިބުދައްކާ ބައެއް ކަމަށެވެ. މާނަ އަކި އެއީ އެހާވެސް ކުޅަދާނެ ބައެއް ކަމެވެ.
ހަމާސްއިން ހުށަހެޅި ސުލްހައިގެ ކަރުދާހަށް ފާޑުވިދާޅުވެ އިޒުރޭލުގެ ދިފާއީ ވަޒީރު ޔޮއާވް ގަލަންޓް ވިދާޅުވީ -- ހަމާސްގެ ޝަރުތުތައް ހުރީ އިޒުރޭލުން ބަލައިނުގަންނާނެ ގޮތް ބަލައިގެން ހުށަހަޅާފައި ކަމަށެވެ.
ގަލަންޓް އަދި ވިދާޅުވި އިޒުރޭލުގެ އަސްކަރިއްޔާއިން ދެން ކަންތައް ކުރާނެ ގޮތް އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެންއަށް ހުށަހަޅާފައި ވާނެ ކަމަށެެވެ.
ހަމާސްގެ ހުށަހެޅުމަށް އިޒުރޭލުން ދިން ރައްދާ މެދު ހަމާސްއިން ބުނީ، މަސްރަހު ފިނިކުރަން އިޒުރޭލުން ނޭދޭ ނަމަ، މަސްރަހު އޮންނާނީ އިޒުރޭލުން އެދޭ ގޮތަށް ކަމަށެވެ.
ހަނގުރާމަކުރަން އިޒުރޭލުން އެދޭ ނަމަ ހަމާސްއިން ވެސް ހަނގުރާމަ ކުރާނެ ކަމަށް ހަމާސްއިން ބުންޏެވެ.
އަސީރުން މިނިވަންކުރުމަށް ހަމަލާތައް ހުއްޓާލުން އިޒުރޭލަށް ދަތިވާ ނަމަ، ޔަހޫދީ އަސީރުން ތިބޭނީ ހަމާސްގެ ބެލުމުގެ ދަށުގަައި ކަމަށް ވެސް ހަމާސްއިން ބުންޏެވެ.
އިޒުރޭލުން ދޭ ހަމަލާއަކުން އަސީރަކު މަރުވެއްޖެ ނަމަ އެކަމުގެ ޒިންމާ ބެންޖަމިން ނަތަންޔާހޫ ނަންގަވަން ޖެހޭނެ ކަމަށް ވެސް ހަމާސްއިން ވަނީ ބުނެފަ އެވެ.