ޣައްޒާ ހަނގުރާމަ ހުއްޓުވަން ހަމާސްއާ އެކު އެއްބަސްވުމެއް ހަދާ ނަމަ އެއީ ހަމަލާތައް ހުއްޓުވަން ހަދާ އެއްބަސްވުމަކަށް ވެގެން ނުވާނެ ކަމަށް އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.
ނަތަންޔާހޫ މިހެން މި ވިދާޅުވީ އެމެރިކާގެ ހާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވި ވިދާޅުވުމަކާ ގުޅިގެންނެވެ.
ބްލިންކެން މެދުއިރުމައްޗަށް މިފަހުން ކުރެއްވި ދަތުރަށްފަހު ފުރާވަޑައިގަތުމުގެ ކުރިން ގަތަރުގައި މަޑުކުރައްވައި -- އެމެރިކާއިން ހުށަހަޅާފައި އޮތް ސުލްހައިގެ އެއްބަސްވުން އިޒުރޭލުން ގަބޫލުކުރި ކަމަށް ވިދާޅުވި އެވެ.
އެމެރިކާއިން ހުށަހެޅި އެއްބަސްވުން އިޒުރޭލުން ގަބޫލުކުރުމުން ބޯޅަ އެ ދިޔައީ ހަމާސްގެ ފަޅިއަށް ކަމަށް ބްލިންކެން ވިދާޅުވި އެވެ. ޣައްޒާ ހަމަލާތައް ހުއްޓާލަން އެދޭނަމަ ހަމާސްއަށް އޮތް ގޮތަކީ އެއްބަސްވުމުގައި ސޮއިކުރުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ނަތަޔަންހޫ ވިދާޅުވީ ހަމަލާތައް ހުއްޓާލަންޖެހޭ އެއްބަސްވުމަކަށް އިޒުރޭލު ތާއީދުނުކުރާ ކަމަށެވެ. ސުލްހައިގެ މަޝްވަރާތައް ކިތަންމެ ވަރަކަށް ކުރިއަށް ގެންދިޔަ ނަމަވެސް ހަމަލާތައް ހުއްޓާލުން ޝަރުތުކޮށް ހަދާ އެއްބަސްވުމަކަށް ރުހުން ނުދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާ ބުނާ ގޮތުން ގަތަރުގެ ވެރިރަށް ދޯހާގައި ކުރެވޭ ސުލްހައިގެ މަޝްވަރާތަކުން ކުރިއެރުން ލިބެ އެވެ. މި މަޝްވަރާތައް ކުރެވެނީ މިސްރާއި އިޒުރޭލު އަދި އެމެރިކާގެ އޮފިޝަލުން ވެސް ހިމެނޭ ގޮތުންނެވެ.
މިފަދަ ކޮންމެ އެއްބަސްވުމަކަށްފަހު ވައިޓް ހައުސްއިން ބަޔާނެއް ނެރެ އެވެ. އަދި ސުލްހަ ގާއިމުކުރެވެން ކުރިން އޮތް ދުރުމިން ލައްކަ ކައިރި ކުރެވިއްޖެ ކަމަށްވެސް ބުނެ އެވެ.
ވައިޓް ހައުސްގެ ބަޔާނާ ވިދިގެން އިޒުރޭލުން ވެސް ބަޔާނެއް ނެރެ އެވެ. އަދި ވައިޓް ހައުސްއިން ހަދަނީ ދޮގު ކަމަށް ބުނެ އެވެ. ސުލްހަ ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާތަކުގައި އެއްބަސްވެފައި ނުވާނެ ކަމަށްވެސް ޔަހޫދީން ބުނެ އެވެ.
ބެންޖަމިން ނަތަންޔާހޫ ވިދާޅުވި ގޮތުގައި އިޒުރޭލު ސިފައިން ޣައްޒާއަށް އަރާ ތިބީ ހަމާސް ބިމާ ހަމަކުރާށެވެ. ހަމާސްގެ ޒަމާން ދުއްވާލެވެންދެން ހަނގުރާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ނޫން ގޮތެއްގައި ހަމަލާތައް ހުއްޓާލާނެ ގޮތަކީ ހަމާސްގެ އަސްކަރީ ގޮފި އެކުއެކީގައި އަމާންދީ އިޒުރޭލާ ހަވާލުވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.