ދުނިޔެ

ދެ ދައުލަތަކީ ބޮޑު އޮޅުވާލުމެއް: ހަމާސް

މެދުއިރުމަތީގައި ފަލަސްތީންގެ ބިމުގައި ޔަހޫދީން ތިބެގެން ނުވާނެ ކަމަށް ހަމާސްއިން ބުނެފި އެވެ.

އެ ޖަމާއަތުގެ އިސް ލީޑަރެއް ކަމަށްވާ ޚާލިދު މާޝާލް ވިދާޅުވި ގޮތުގައި އަރަބިންގެ ބިންތަކުގައި ޔަހޫދީންނަށް ދައުލަތެއް އޮވެގެން ނުވާނެ އެވެ.

އިޒުރޭލަކީ އަރަބިންގެ ބިންތައް ފޭރިގަނެ، ފަލަސްތީންގެ އިމުގައި އުފައްދާފައި އޮތް ޣައިރު ގާނޫނީ ޔަހޫދީ ދައުލަތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ފަލަސްތީންގެ މައްސަލައަށް އޮތް ހައްލަކީ މެދުއިރުމަތީގައި ދެ ދައުލަތް -- ޔަހޫދީންނަށް ދައުލަތެއް އަދި ފަލަސްތީނަށް ދައުލަތެއް އޮތުން ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ބޮޑު އޮޅުވާލުމެއް ކަމަށްވެސް ޚާލިދު މާޝާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ދައުލަތަކަށް ފަލަސްތީނުން ދުވަހަކު ވެސް އެއްބަސްނުވާނެ ކަމަށެވެ. އަދި ގަދަބާރުން އުފައްދާފައި އޮތް ޔަހޫދީ ޒަޔަނިސްޓް ދައުލަތަކީ ސައްހަ ދައުލަތެއް ކަމަށް ބަލައިނުގަންނާނެ ކަމަށެވެ.

ޚާލިދު ވިދާޅުވީ ދެ ދައުލަތް ގަބޫލުކޮށްފިނަމަ މާނަ އަކީ ޔަހޫދީންނަށް އެ މީހުންގެ އަމިއްލަ ގައުމަކަށް އެއްބަސްވެވުން ކަމަށެވެ. އަރަބި މުސްލިމުންގެ ބިންތަކުން ބޭރުކުރަން ޖެހިފައި ތިބި ބަޔަކަށް މުސްލިމުންގެ ބިންތަކުން ވެލިފުކެއްވެސް ހައްގު ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފަލަސްތީންގެ ހައްގުތަކުގެ ހިމާޔަތުގައި ޖިހާދުކުރާ ބަޔަކު އެކަމުގައި ސާބިތުވެ ތިބީ ޔަހޫދީންނަށް ހެޔޮ ގޮތް އެދިގެން ނޫން ކަމަށާއި މެދުއިރުމަށްޗަށް އޮތް އެންމެ ބޮޑު ނުރައްކަލަކީވެސް ޔަހޫދިން ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބެން ޖެހޭނީ ޚާލިދު މާޝާލް ވިދާޅުވި ގޮތުގައި ޔަހޫދީން ޖަހައިގެންފައި ހުރި ބިންތަކާ އެކު ކަމަށެވެ. އެ ނޫން ގޮތަކަށް ފަލަސްތީނަށް މިނިވަންކަން ލިބުނު ކަމަށް ގަބޫލު ނުކުރައްވާނެ ކަމަށެވެ.

ޚާލިދު ވިދާޅުވީ ޣައްޒާ ހަނގުރާމަ އަކީ ފަލަސްތީންގެ ނަސްލު ނައްތާލުމަށް ޔަހޫދީން ކުރާ ހަނގުރާމައެއް ކަމަށެވެ. އެ ނޫން ވިސްނުމެއް އޮތް ނަމަ ހަނގުރާމާ މިހާރު އޮންނާނީ ހުއްޓާލާފައި ކަމަށްވެސް ވިދާޅުވި އެވެ.

އެމެރިކާއާ އިނގިރޭސިން އަދި ވިލާތުން ދެ ދައުލަތަކަށް އެދިގެން އެހާ ބޮޑަށް ވާކާލާތުކުރަނީ ފަލަސްތީނަށް ރަނގަޅު ގޮތް ބޭނުންވާތީ ނޫން ކަމަށް ވެސް ޚާލިދު މާޝާލް ވިދާޅުވި އެވެ. އެ މީހުންގެ ވިސްނުމަކީ ޔަހޫދީންނަށް ހެޔޮ ގޮތް ހޯދައި ދިނުން ކަމަށް ވިދާޅުވި އެވެ.

ޚާލިދު އިތުރަށް ވިދާޅުވީ މެދުއިރުމަތީގައި ޔަހޫދީ ދައުލަތެއް އޮތުމަކީ އެމެރިކާ އާއި އިނގިރޭސިން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށެވެ. ނަމަވެސް އެ ފުރުސަތު ނުދިނުމަށް މަަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.