ޔޫރަޕަށް ބޭނުންވާ ތެލާއި ގޭސް ރަޝިއާ ނޫން ގައުމަކުން ހޯދަން 10 އަހަރު ވެސް ނަގާފާނެ ކަމަށް ރަޝިއާގެ ނައިބު ބޮޑުވަޒީރު އެލެގްޒެންދަރު ނޮވާކް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ދުނިޔެއަށް ހަކަތަ ސަޕްލައި ކޮށްދޭ ގައުމުތަކަށް އެކަން އެނގޭނެ ކަމަށެވެ.
ރަޝިއާގެ ހަކަތަ ގަތުން ހުއްޓާލާނެ ކަމަށް ބުނާ ގައުމުތަކުން އެހެން އެ ބުނަނީ އަމިއްލަ އިހުތިޔާރުގައި ނޫން ކަމަށް ވެސް ނޮވާކް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ބަޔަކު ދެކެ ގަންނަ ބިރެއްގެ ސަބަބުން މަޖުބޫރު ވެގެން ބުނާ ބުނުމެއް ކަމަށެވެ.
ރަޝިއާގެ ހަކަތަ ގަތުން ހުއްޓާލާފައި އެހެން ދިމާއަކުން ލާހިކު އަގެއްގައި ހަކަތަ ހޯދުމަކީ ކުރިއަށް އޮތް 10 އަހަރަށް ބެއްޔަސް ގައުމަށް ބޮޑު ބުރައަކަށް ވާނެ ކަމެއްކަން ޔޫރަޕަށް އެނގޭ ކަމަށް ވެސް ނައިބު ވިދާޅުވި އެވެ.
ނޮވާކް ވިދާޅުވި ގޮތުގައި ރަޝިއާއާ އެއްވަރަށް ޔޫރަޕަށް ތެލާއި ގޭސް ސަޕްލައި ކޮށްދެވޭނެ އެހެން ގައުމެއް ނެތެވެ. އެމެރިކާ ކިތަންމު ބުރަ މަސައްކަތެއް ކުރި ނަމަވެސް މުޅި ޔޫރަޕަށް ބޭނުންވާ ވަރަށް ތެޔޮ ހޯދައި ނުދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަކަތަ އުފައްދަން ރަޝިއާ އިންވެސްޓް ކޮށްފައި ހުރި ވަރަށް އެމެރިކާގައި ތަރައްގީ ކޮށްފައި ނެތް ކަމަށް ވެސް ނޮވާކް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަޝިއާއަށް ދަތިކުރަން ފިޔަވަޅު ތަކެއް އެޅިދާނެ ކަމަށާއި ގޮތް ހުސް ވެގެން އަމާންދޭން ޖެހުމަކީ އެންމެ ގާތް ގޮތް ކަމަށެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ އުދުވާނީ ހަމަލާތައް ކުށްވެރި ކުރުމަށް އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ބައިވެރިން ތިބީ ފޫގަޅާފަ އެވެ.
އަދި ރަޝިއާއަށް އިގުތިސޯދީ ގޮތުން ދަތި ކުރަން އެ ގައުމަކަށް ކުރެވުނު ކަމެއް ކުރަމުން ގެންދާއިރު، ޖީބަށް ލުއި އަގެއްގައި ރަޝިއާ ނޫން ގައުމަކުން ތެލާއި ގޭސް ލިބޭނެ ގޮތެއް އެމީހުންނަކަށް ނެތެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކުން ބުނާ ގޮތުން ރަޝިއާގެ ތެލަށް ބަރޯސާ ކުރުން ހުއްޓާލާނެ އެވެ. އެކަމަކު ހުއްޓާލާނެ ވަކި ތާރީހެއް ބުނެދޭކަށް އެމީހުންނަކަށް ނުކެރެ އެވެ. އެހެންކަމުން އެކަން އަދިވެސް އޮތީ ކަމެއް ކުރަން ގަންނަ ހިތު ނިޔަތެއް ގޮތުގަ އެވެ.