އަސްކަރީ ގޮތުން ޔުކްރޭން ބާރުވެރި ކުރުވުމަކީ ހުޅަނގުން ބޭނުންވާ ގޮތް ނަމަވެސް ހުރިހާ ބާވަތެއްގެ ހަތިޔާރު ފޯރުކޮށް ނުދެވޭނެ ކަމަށް ނޭޓޯ ގައުމުތަކުން ބުނެފި އެވެ.
މިއީ ނޭޓޯ ގައުމުތަކުގެ ރަސްމީ ބުނުމެއް ނޫން ނަމަވެސް، ނޭޓޯ މެމްބަރު ގައުމުތަކުން މިކަމާ ސައްލާކޮށް ވަކިގޮތެއް ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ހުޅަނގު ގައުމުތަކުގައި އުފައްދާ ޒަމާނީ ފައިޓަރު ޖެޓާއި ޓޭންކަރުތައް ޔުކްރޭނަށް ނުފޮނުވަން ވެސް ވަނީ ނޭޓޯ މެމްބަރުން އެއްބަސްވެފަ އެވެ. އެއީ ހަނގުރާމަ މާބޮޑަށް ހޫނުވެ ރަޝިއާގެ ހަމަލާތަކުން މުޅި ސަރަހައްދު އަންދާލަފާނެތީ ކަމަށް ބުނެވެ އެވެ.
ނޭޓޯ ގައުމުތަކުން ޔުކްރޭނަށް އެހިތެރިވުމުގައި މިހާތަށް އަމަލުކޮށްފައި ވަނީ ބައިނަލްއަގުވާމީ މިންގަނޑުގައި ބުނާ އުސޫލުތަކަށް ކަމަށް ބުނެ އެވެ. އަދި ނޭޓޭ ގައުމުތަކުން ޔުކްރޭނަށް އެންމެ ފުރިހަމައަށް އެއްބާލުން ދޭން ނުކެރިގެން އުޅެނީ ރަޝިއާ ކޮށްފާނެ ކަމެއް ނޭނގޭތީ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ނޭޓޯ ކޮމާންޑަރުން ބުނާ ގޮތުން ރަޝިއާ - ޔުކްރޭން ހަނގުރާމަ ފެށުނުތާ ކައިރީގައި ޔުކްރޭނަށް ހަތިޔާރު ފޯރުކޮށް ދެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެކެވެ. އެކަން އެގޮތަށް ނުކުރި ނަމަ ހަނގުރާމަ މިހާރު އޮތް ގޮތަށް ބަދަލުވެގެން ނުދިޔައީސް ކަމަށް ވެސް ކޮންމާންޑަރުން ބުނެ އެވެ.
ޔުކްރޭނަށް ހަތިޔާރު ފޯރުކޮށް ދިނުމާ ބެހޭ ގޮތުގުން ނެޓޯ ގައުމުތަކުގެ މެދުގައި ވަކި އެއްބަސްވުމެއް އޮތްތޯ ސުވާލުކުރުމުން، ނޭޓޯ ތަރުޖަމާން ސީދާ ޖަވާބެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ އެކަން ކުރިއަށް ދާނީ ވަކިވަކި ގައުމުތަކުން ސައިޕްލައިކުރަން ބޭނުންވާ އަސްކަރީ އާލާތްތަކަށް ރިއާޔަތްކުރުމަށް ފަހުގައި ކަމަށެވެ.
އޭނާ އަދި ވިދާޅުވި ނޭޓޯއިން ވަކި ގޮތެއް ނުނިންމި ނަމަވެސް ޔުކްރޭން އާއެކު ގާތް ގުޅުން އޮންނަ ގައުމުތަކުން އަސްކަރީ ގޮތުން އެއްބާލުމުގައި ދެމިތިބވިދާނެ ކަމަށެވެ.