ދުނިޔެ

ޗައިނާއިން ރަޝިއާއަށް އެހީވެގެން ނުވާނެ: އެމެރިކާ

ރަޝިއާއާ ދެކޮޅަށް އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ލިބޭ ފަދަ އެއްވެސް ކަމެއް ޗައިނާއިން ކޮށްދީންގެ ނުވާނެ ކަމަށް އެމެރިކާ އިންޒާރުދީފި އެވެ.

ސީއެންއެންގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރު ޖޭކް ސުލިވާން ވިދާޅުވީ ރަޝިއާއަށް ޖައްސާފައި އޮތް ދަތިހާޅުން އަރައިގަތުމަށް ޗައިނާ އެހީތެރިވެ ދީފި ނަަމަ ޗައިނާއާ މެދު އެމެރިކާ އަމަލުކުރާނެ ޕްލޭނެއް މިހާރު ވެސް އޮތް ކަމަށެވެ.

ޖޭކް ސުލިވާން ވިދާޅުވި ގޮތުގައި ރަޝިއާއިން ޔުކްރޭނަށް ހަމަލާ ދޭން އުޅޭކަން އެކަން ހިނގުމުގެ ކުރިން ޗައިނާއަށް އެނގެ އެވެ. އަދި އެމެރިކާ ގަބޫލުކުރާ ގޮތަކީ ވެސް އެއީ އެވެ.

ރަޝީއާގެ ރޭވުން ޗައިނާއަށް މުޅިން ނޭގުނެއް ކަމަކު އަސްކަރީ ހަމަލާއަކަށް ރަޝިއާ މަގު ފަހި ކުރަމުން ދާން ޗައިނާއަށް އޮންނާނީ އެނގިފައި ކަމަށް ވެސް އޭނާ ވިދާލުވި އެވެ.

ރަޝިއާގެ އެއްވެސް ސިނާއަތަށް ވިޔަފާރި އުސޫލުން ނަމަވެސް އެހީތެރި ވުމަކީ އެމެރިކާ ވަރަށް ދެކޮޅު ކަމެއް ކަމަށް އެޑްވައިޒަރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ޗައިނާގެ އަމަލުތަކުން މުޅި މަޝްރަހު ބަދަލުވާނެ ކަމަށެވެ.

ޖޭކް ސުލިވާން ވިދާޅުވި ގޮތުގައި އެމެރިކާގެ އޮފިޝަލުން މިހާރު ވެސް ޗައިނާ އޮފިޝަލުން މަޝްވަރާ ކުރެ އެވެ. ބައެއް ފަހަރު ހާމަކަށް ބޮޑުކޮށް އަދި ބައެއް ފަހަރު ސިއްރުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާއަށް ދަތި ކުރުމުގައި އެމެރިކާއިން ޗައިނާގެ އެހީއަށް އޮތީ އެދިފަ އެވެ. އަދި ޗައިނާ ނޫން ގައުމުތަކުން ވެސް ރަޝިއާއަށް އެހީތެރިވުމަކީ ވޮޝިންގްޓަން ދެކޮޅު ކަމެކެވެ.

އެމެރިކާ އާއި ޗައިނާ ވަޒިރުން ރޯމްގައި ބައްދަލުކޮށް މަޝްވަރާ ކުރި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އެހެން ނަމަވެސް ބައްދަލު ވުމުން އެދެވޭ ނަތީޖާއެއް އެމެރިކާއާށް ހާސިލުނުވި ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.