ނޭޓޯ އަކީ ސަރަހައްދީ ދިފާއީ ޖަމާއަތެއް ކަމަށް އެ މީހުން ބުނި ނަމަވެސް އެއީ ފިތުނަ އާއި ފަސާދަ އުފެއްދުން ނޫން ކަމެއް ކުރާ ބައިގަނޑެއް ނޫން ކަމަށް ޗައިނާ ބުނެފި އެވެ.
ޗައިނާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ ސަފީރު ޒަން ޖުން ވިދާޅުވި ގޮތުގައި ދުނިޔެއަށް މިފަހުން ކުރިމަތިވި ހުރިހާ ފިތުނައެއްގެ ހިއްސާދާރަކީ ނޭޓޯ އެވެ.
ފިނި ހަނގުރާމާއިގެ ވިސްނުމާއި ގޮތްދޫނުކުރުން އެ މީހުންގެ ކިބައިން އަދިވެސް ފިލައިގެން ނުދާ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.
ޗައިނާގެ ސަފީރު މިމޭރުމުން ވާހަކަދެއްކެވި ސަބަބަކީ މިދިޔަ ހަފުތާގައި ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި ނިމިގެންދިޔަ ނޭޓޯ ސަމިޓްގައި ޗައިނާއަށް ގަދަރުކުޑަކޮށް ބައިވެރިން ނެރުނު ބަޔާނަކާ ގުޅިގެންނެވެ.
ނޭޓޯ ސަމިޓްގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގައި ނޭޓޯގެ ދައުރަށް ޗައިނާ ހުރަސްއަޅާ ކަމަށެވެ. އަދި ނޭޓޯގެ ޝައުގުވެރިކަން ހުރި ކޮންމެ ދިމާއެއްގައި ޗައިނާއިން ގޮވާންކުރާ ކަމަށް އޮތީ ބުނެފަ އެވެ.
ޗައިނާގެ މަގުސަދަކީ ނޭޓޯގެ ހައިސިއްޔަތެއް ނެތްކަން ސާބިތުކުރުން ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ޒަން ޖުން ވިދާޅުވި ގޮތުގައި ނޭޓޯއިން ޗައިނާއާ އަޅައިގަނެގެން އުޅޭ އުޅުމަކީ އެ މީހުންގެ އަމިއްލަ ބާރުގައި ކުރާ ކަމެއް ނޫނެވެ. އެއީ އެހެން ބަޔަކު އަޑީގައި ތިބެގެން -- ނޭޓޯ ލައްވައި ކުރުވާ ކަމެކެވެ.
އެމެރިކާ އާއި ބައިވެރިންނަކީ ހަސަދަވެރިކަން ބޮޑު އަދި އަނެކުންނަށް ރަނގަޅު އެއްވެސް ކަމެއް ވާން އެދޭ ބައެއް ނޫން ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.
ފިނި ހަނގުރާމައިގެ ވިސްނޫން ދޫކޮށް ތަރައްގީވާން ލިބިފައި އޮތް ފުރުސަތު ދޫކޮށްލައި ނޭޓޯ އާއި ބައިވެރިން އުޅެނީ ޒަމާން ޚަރާބުކުރަން ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.
ނޭޓޯ އަކީ ސަރަހައްދީ ރައްކާތެރިކަން ހިޔާމަތްކުރުމުގެ ނިޔަތުގައި އުފެއްދި ޖަމާއަތެއް ނަމަވެސް، އެ ޖަމާއަތުން ވަނީ ސަރަހައްދުން ބޭރުވެ އެހެން ގައުމުތަކަށް ބޮޑު ބިރަކަށް ވެފައި ކަމަށްވެސް ޒަން ޖުން ވިދާޅުވި އެވެ.
ދުނިޔޭގައި ކުއްލިއަކަށް ފެތުރިގަންނަ ވޭންގަދަ ބޮޑު ބައްޔަކަށް ވުރެ ވެސް ނޭޓޯގެ ކަންތައްތައް ބޮޑުވެއްޖެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ނޭޓޯ މައްސަލައަކަށް ނުވާ ގައުމެއް ދުނިޔޭގައި މިހާރު ނެތް ކަމަށްވެސް ސަފީރު ވިދާޅުވި އެވެ.