ދުނިޔެ

ބްރިކްސް ސަމިޓްގައި އދ ބައިވެރިވާނެ: ތަރުޖަމާން

ދެކުނު އެފްރިކާގެ ޖޮހަނަސްބާގްގައި މި މަހު 22-24 އަށް އޮންނަ ބްރިކްސް ސަމިޓްގައި އދ ގެ މަންދޫންބުން ބައިވެރިވާނެ ކަމަށް ތަރުޖަމާން ފަރުހާން ހައްގު ވިދާޅުވެއްޖެ އެވެ.

އދ ގެ ތަރުޖަމާން ފަރުހާން ހައްގު ވިދާޅުވި ގޮތުގައި ބްރިކްސް ސަމިޓްގައި އދ ގެ ހައިސިއްޔަތާއި ބައިވެރިވާ އޮފިޝަލުންނާ ބެހޭ ތަފުސީލު އަންނަ ހަފުތާގައި އާންމުކުރައްވާނެ ކަމަށެވެ.

ބްރިކްސް ސަމިޓްގެ އަހަރީ ބައްދަލުމުގައި ބައިވެރިވުމަށް 23 ގައުމަކުން އެދިފައިވާ ކަމަށް ދެކުނު އެފްރިކާގެ ޚާރިޖީ ވަޒީރު ނޯލެދީ ޕަންދޯރާ ޖުލައިގައި ވިދާޅުވި ފަހުން ވެސް، ސަމިޓުގައި ބައިވެރިވުމަށް ގައުމުތަކުން އެދިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް އެދިވަޑައިގެންނެވި ގައުމުތަކުގެ ވެރިންގެ ތެރޭގައި ފަރަންސޭސި ރައީސް އިމަނުއެލް މެކްރޮން ވެސް ހިމެނެ އެވެ. ނަމަވެސް، އޭނާ ބައިވެރިކުރުމާ މެދު އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ޗައިނާ އިސްވެ އުފައްދާފައި އޮތް ބްރިކްސް ގުރޫޕްގައި ހިމެނެނީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ އެވެ. "ބްރިކްސް" އަކީ މި ގައުމުތަކުގެ ނަން ކުރުކޮށްލައިގެން އުފައްދާފައި އޮތް ނަމެކެވެ.

ބްރިކްސް ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށް ރަޝިއާގެ ރައިސް ލަޑިމިއާ ޕޫޓިން ދެކުނު އެފްރިކާއަށް ވަޑައިގެންފި ނަމަ ކަންތައް ވެދާނެ ގޮތަކަ މެދު ކުރިން އޮތީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ ދެކުނު އެފްރިކާ އަކީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެމްބަރަކަށް ވުމެވެ.

ރައީސް ޕޫޓިން އަކީ ނުފޫޒު ގަދަ ގައުމުތަކުން ބުނާ ގޮތުން ހަނގުރާމައިގެ ކުށްވެރިއެކެވެ. އެއީ ޔުކްރޭން ހަނގުރާމާގައި އޭނާގެ އަމުރަށް އެތައް ބަޔަކު މަރާފައިވާތީ ކަމަށް އެ ގައުމުތަކުން ބުނެ އެވެ.

މިކަމާ ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން ވެސް ވަނީ ޕޫޓިން ހައްޔަރުކުރަން އަމުރެއް ނެރެފަ އެވެ.

ދެކުނު އެފްރިކާ އަކީ ކްރިމިނަލް ކޯޓުގެ މެމްބަރަކަށް ވުމުން -- ޕޫޓިން އެ ގައުމަށް ވަޑައިގެންފި ނަމަ ހައްޔަރުކުރަން ޖެހެ އެވެ. މިއީ ގަވާއިދު އޮތް ގޮތް ނަމަވެސް ހާލަތު ބަދަލުވެގެން ދާނެ ގޮތެއް ނޭނގެ އެވެ.

މިހެން ކަން އޮތުމުން ޕޫޓިން ވަނީ ދެކުނު އެފްރިކާއަށް ވަޑައި ނުގަތުމަށް ނިންމާފަ އެވެ. ބްރިކްސް ސަމިޓްގައި އޭނާ ބައިވެރިވެ ވަޑައިގަންނަވާނީ ވީޑިއޯ މެދުވެރިކޮށް -- އޮންލައިކޮށެވެ.