ދުނިޔެ

ޖަރުމަނުގެ ރައްޔިތަކަށް ބެލަރޫސްގައި މަރުގެ ހުކުމް އިއްވައިފި

ބެލަރޫސްގައި ޖަރުމަނުގެ ރައްޔިތަކަށް މަރުގެ ހުކުމް އިއްވައިފި އެވެ. ޖަރުމަނުގެ ވެރިރަށް ބާލިންގައި ތިއްބެވި ބެލަރޫސްގެ ޑިޕްލޮމެޓުން ވަނީ ޖަރުމަނުގެ މީޑިއާތަކަށް މި ހަބަރު ހިއްސާކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބެލަރޫސްގެ ވެރިރަށް މިންސްކްގެ ކޯޓަކުން ޖަރުމަނުގެ ރައްޔިތެއް ކަމަށްވާ 29 އަހަރުގެ ރިކޯ ކްރިގާއަށް މަރުގެ ހުކުމް އިއްވީ ޓެރަރިޒަމާ ގުޅުން ހުރި މައްސަލަތަކެއްގަ އެވެ.

ރިކޯ ކްރިގާ ބެލަރޫސްއަށް އެތެރެވީ ކޮން ގޮތަކަށް ކަމެއް ނޭނގެ އެވެ. ނަމަވެސް ޔުކްރޭންގެ ސިފައިންނާ އެކު ރަޝިއާއާ ދެކޮޅަށް ހަނގުރާމަކުރުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށް ބެލެވޭ ކަމަށް ކޯޓުން ބުންޏެވެ.

ޖަރުމަނުގެ ޚާރިޖީ ވުޒާރާ އާއި ބެލަރޫސްގެ ޚާޖިރީ ވުޒާރާ މި މައްސަލައާ ގުޅޭ ގޮތުން މަޝްވަރާކުރާ ކަމަށް ވަނީ އެނގިފަ އެވެ. އަދި ރިކޯއަށް ބޭނުންވާ ހުރިހާ އެހީއެއް ފޯރުކޮށްދިނުމަށް ޖަރުމަނުން އެދިފައިވާ ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ޖަރުމަނުގެ ވުޒާރާތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރިކޯ ކްރިގާއަށް އިއްވީ ޒާތީ ހުކުމެކެވެ. އެއީ ޖަރުމަނުން ޔުކްރޭނަށް އެހީތެރިކަން ފޯރުކޮށްދީ ބަދަލުހިފުމުގެ ގޮތުން ބެލަރޫސްގެ ސަރުކާރުން އިއްވި ހުމުމެއް ކަމަށް ޖަރުމަނުން ބުނެ އެވެ.

ޖަރުމަނުގެ ޚާރިޖީ ވުޒާރާއިން ވަނީ ކްރިގާއަށް އިއްވި ހުކުމް ބަލައިނުގަންނަ ކަމަށް ބުނެފަ އެވެ. އަދި އޭނާ މިނިވަންކުރެވޭނެ ގޮތެއް އޮތްތޯ -- ބެލަރޫސްގެ ވަޒީރުންނާ މަޝްވަރާކުރާނެ ކަމަށް ޖަރުމަނުން ބުންޏެވެ.

ބެލަރޫސްގެ ތަހުގީގީ އިދާރާތަކުން ބުނާ ގޮތުން ކްރިގާ އަކީ އާދައިގެ މީހެއް ގޮތަށް ބެލޭނެ އެއްވެސް ހެއްކެއް ނެތެވެ. އޭނާގެ ފަރާތުން މުޅިންހެން ފެންނަން ހުރީ ގާނޫނާ ހިލާފު އަމަލުތައް ކަމަށް ތަހުގީގީ އިދާރާތަކުން ބުންޏެވެ.

ބެލަރޫސްއިން ނޮވެމްބަރު 2023 ގައި ކްރިގާ ހައްޔަރުކުރުމުގެ ކުރިންވެސް އޭނާ ވަނީ ސަރަހައްދީ ބޯޑަރުގައި ވަކިވެގަތުން ހަރަކާތްތެރިވާ ވަކިވަކި ހަނގުރާމަވެރި ގުރޫޕްތަކާ އެކުގައި މަސައްކަތްކޮށް -- ބެލަރޫސްގެ ސަރުކާރާ ދެކޮޅު ބާރުތަކެއް އުފައްދަން މަސައްކަތްކޮށްފައި ކަމަށް ތަހުތީގަށް ވަނީ އެނގިފަ އެވެ.

ރިކޯ ކްރިގާއަށް އިއްވި ހުކުމަކީ ޖަރުމަނު އެ ބުނާ ކަހަލަ ޒާތީ ހުކުމެއް ނޫން ކަމަށް ބެލަރޫސްގެ ސަލާމަތީ އިދާރާތަކުން ބުންޏެވެ. އޭނާއަށް ހުކުމް އިއްވާފައިވަނީ އޭނާގެ ކިބައިން ފެނިފައި ހުރި ކަމެއްގެ މައްޗަށް ބެލުމަށް ފަހުގައި ކަމަށް ވެސް ސަލާމަތީ ބާރުތަކުން ބުންޏެވެ.