ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ކުއްލި ދަތުރެއްގައި މިހާރު ހުންނެވީ ޔުކްރޭންގަ އެވެ. މިއީ ޖަރުމަނުގެ އެހީތެރިކަމަށް ހުއްޓުމެއް ނެތްކަން ދުނިޔެއަށް ދެއްކެވުމަށް އޭނާ ކުރެއްވި ދަތުރެކެވެ.
ޔުކްރޭންގެ ވެރިރަށް ކީވްގައި، އެ ގައުމުގެ ރައީސް ވޮލޮދިމީރު ޒެލެސްކީ އަރިހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޯލަފް ޝޯލްޒް ވަނީ ޔުކްރޭނަށް އިތުރު އެހީތެރިކަން ޖަރުމަނުން ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ވައުދުވެފަ އެވެ.
މި ދަތުރުގައި އޭނާ ވަނީ 650 މިލިއަން ޔޫރޯގެ އަސްކަރީ އެހިތެރިކަން ކަށަވަރުކޮށް ދެއްވާފަ އެވެ. މިއީ އަސްކަރީ އެހީއަކަށް ވާތީ، ފައިސާގެ ބަދަލުގައި ލިބޭނީ އަސްކަރީ އާލާތްތަކެވެ. ހަނގުރާމަކުރަން ބޭނުންވާ ސާމާނެވެ.
މި ޕެކޭޖުގައި އައިރިސް ޓީ ވައިގެ ދިފާއީ ނިޒާމްތަކާއި ލެޕާޑް މަރުކާގެ ފުރަތަމަ ޖީލުގެ ޓޭންކަރުތައް އަދި އަސްކަރީ ޑްރޯން ހިމެނެ އެވެ.
ޗާންސެލަރާ ބައްދަލުކުރަައްވައި ޒެލެންސްކީ ދެއްކެވި ވާހަކަކަތުގައި، ރަޝިއާ ބަލިކުރުމަކީ ޖަރުމަން ފަދަ ޔޫރަޕްގެ ބާރުގަދަ ގައުމުތަކާ ނުލައި ވާނެ ކަމެއް ނޫނެވެ. އަދި ކުރިއަށް އޮތް 2025 ގައި ވެެސް ޖަރުމަނުގެ އެހީތެރިކަން ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަރުމަނުގެ ތާއީދާއި، މާލީ އަދި އަސްކަރީ އެހީއާ ނުލައި ހަނގުރާމަ ކޮޅެއްގައި ނުޖެއްސޭނެ ކަމަށްވެސް ޒެލެންސްކީ ވިދާޅުވި އެވެ.
ޒެލެންސްކީ އަދި ވިދާޅުވީ ޖަރުމަނުގެ އެހީތެރިކަން ކުޑަނުކޮށް -- މިހާރަށް ވުރެ އިތުރުކޮށްދެއްވާެނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.