ދުނިޔެ

ޖަރުމަނުގެ އިގްތިސާދު އެހެން ގައުމުތަކަށް ވުރެ ބޮޑަށް ހީނަރުވި: ޗާންސެލަރު

ޖަރުމަނުގެ ޗާންސެލަރު އޮލަފް ޝޮލްޒް ވިދާޅުވި ގޮތުން ބަދަލުވަމުންދާ ދުނިޔޭގައި ގައުމުގެ އިގުތިސާދު އެއްވާނެއްގައި ދެމެހެއްޓުމަކީ ދަތި އުނދަގޫ ކަމެކެވެ.

ވޭތުވެ ދިޔަ ދެތިން އަހަރުގެ ތެރޭގައި އިގުތިސާދީ ގޮތުން ޖަރުމަނަށް ނުރަނގަޅު އަސަރުތަކެއް ކޮށްފައިވާ ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.

ސަބަބެއް ކަމަށް ޗާންސެލަރު ދެއްކެވީ އިންފްލޭޝަނާއި އިންޓްރެސްޓް ރޭޓް ބޮޑުވުމުގެ ވާކަތަކެވެ. އޭގެ އިތުރުން ސަޕްލައި ޗެއިންތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން ވެސް ޖަރުމަނުގެ އިގްތިސާދަށް އެހެން ގައުމުތަކަށް ވުރެ ބޮޑަށް އަސަރު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝޮލްޒް ވިދާޅުވި ގޮތުން ޖަރުމަނަށް ދެން އެންމެ ބޮޑު ދަތިކަމެއް ކުރިމަތިވާނީ އިގުތިސާދު ހިންގަން ދަންނަ މީހުން މަދުވުމެވެ. އޭނާ ވިދާޅުވި ގޮތުގައި ޖަރުމަނަކީ ޒަމާނުއްސުރެ ހެޔޮ އިގުތިސާދެއް އޮންނަ ގައުމެކެވެ. އަދި އިގުތިސާދު ހިންގަން ދަންނަ މީހުން ގިނަ ގައުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަރުމަނަކީ ރޭވުންތެރިން ގިނަ ގައުމެއް ކަމަށް ވެސް ޝޮލްޒް ވިދާޅުވި އެވެ. އިގުތިސާދީ ކުޅިބައި ކުރިން ރާވާފައި އޮތް ގޮތް މިހާރު ކަމުނުދަނީ ކަމަށް އޭނާ ވިދާލުވި އެވެ. ގައުމަށް ބޭނުންވަނީ އާ ރޭވުންތެރިންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮލަފް ޝޮލްޒް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ޖަރުމަނުގެ އިގުތިސާދަށް ބަދަލުތަކެއް އަންނާނެ އެވެ. އިގުތިސާދަށް ބަދަލުތައް ގެނައުމަށް ސަރުކާރަށް ވުރެ ބޮޑަށް އިގުތިސާދީ މާހިރުންގެ ރޭވުންތެރިކަމަށް ދައުވަތުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މިނިވަން ވިޔަފާރީގެ ތެރެއަށް ނުވަންނާނެ ކަމަށް ޗާންސެލަރު ވިދާޅުވި އެވެ. އިގުތިސާދު ދެމެހެއްޓުމަށް ހަދާފައި ހުރި އެއްވެސް ގާނޫނެއް -- ގަވާއިދެއް ބަދަލުނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗާންސެލަރުގެ ވާހަކަތަކުގައި ދުނިޔޭގެ ތެލުގެ އަގުތަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ޖަރުމަނަށް ބޭނުންވާ ހަކަތަ ހޯދުމަށް ހިނގާ ޚަރަދާ ބެހޭ ގޮތުން ވެސް ބަހެއް ވިދާޅެއް ނުވެ އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން ޖަރުމަނަށް ކުރިމަތިވެފައި ހުރި އިގުތިސާދީ މައްލަތަކައް ޚާއްސަވަނީ ހަަމައެކަނި ޖަރުމަނަކަށް ނޫނެވެ. މިއީ ޔޫރަޕް ބައެއް އެހެން ގައުމުތަކުން ވެސް ކުރާ ތަޖުރިބާއެއް ކަމަށް މާހިރުން ވިދާޅުވެ އެވެ.

ރަޝިއާއިން ހަކަތަ ގަތުން ހުއްޓާލައި އެހެން ދިމަދިމާއަށް ދީއްލާލުމަކީ ވެސް ޖަރުމަނަށް ހެދުނު ވަރަށް ބޮޑު ގޯހެއް ކަމަށް އިގުތިސާދީ މާހިރުން ބުނެ އެވެ. ޖަރުމަނުން މި ކަމަށް އެއްބަސް ނުވުމުގެ އިތުން މިކަމާ ބެހޭ ގޮތުން ވާހަކަދައްކާކަށް ވެސް ބޭނުމެއް ނުވެ އެވެ.