ދުނިޔެ

ޖަރުމަނުން ދޭ ހަތިޔާރުން ރަޝިއާއަށް ހަމަލާދީގެން ނުވާނެ: ޗާންސެލަރު

ޖަރުމަނުން އަސްކަރީ އެހީތެރިކަން ޔުކްރޭނަށް ފޯރުނޮށްދިނެއް ކަމަކު -- ހަނގުރާމައާ ގުޅުމެއް ނެތް ރަޝިއާގެ އިތުރު އަވަށްތަކަށް -- އެ ހަތިޔާރު ބޭނުންކޮށްގެން ޔުކްރޭނުން ހަމަލާދީގެން ނުވާނެ ކަމަށް ޖަރުމަނުގެ ޗާންސެލަރު އޯލަފް ޝޯލްޒް ވިދާޅުވެއްޖެ އެވެ.

އޯލަފް ޝޯލްޒް ވިދާޅުވި ގޮތުގައި ޖަރުމަނުން އަސްކަރީ އެހީތެރިކަން ޔުކްރޭނަށް ފޯރުކޮށްދެނީ ރަޝިއާއާ ހަނގުރާމަކުރާކަށް ނޫނެވެ. އެކަމަކު އެއީ ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ޔުކްރޭންގެ ބިންތައް އިސްތިއުމާރު ކުރުމަށް ހުރަަސްއެޅުމަށެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން ޔުކްރޭން ލައްވައި ރަޝިއާގެ ދުރު އަވަަށްތަކަށް ހަމަލާދިނުމަށް ދުރު ރާސްތާ މިސައިލް ފޯރުކޮށްދެނީ ޖަރުމަނުގެ ހައިސިއްޔަތެއް އޮވެގެން ނޫން ކަމަށް ވެސް ޗާންސެލަރު ވިދާޅުވި އެވެ.

ރަޝިއާއަށް ފަނާކުރަނިވި ހަމަލާދިނުމަށް ޖަރުމަން ދެކޮޅު ހެދި ނަމަވެސް، ޔުކްރޭންގެ ރައްކާތެރިކަން ދެމެހެއްޓުމަށް އަސްކަރީ ގޮތުން އެހީތެރިވާނެ ކަމަށް އޯލަފް ޝޯލްޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްވެސް ބަޔަކަށް ފަނާކުރަނިވި ގެއްލުންތަކެއް ދިނުމަކީ ޖަރުމަނުގެ ވިސްނުމެއް ނޫން ކަމަށެވެ. ނަމަވެސް ބައެއްގެ ހައްގުތައް ގެއްލިގެން ދާއިރު ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުން ރަނގަޅު ކަމަށް ގަބޫލުކުރެވޭތީ ޔުކުރޭނަށް އެހީތެރިވެދެއްވަނީ ކަމަށްވެސް ވިދާޅުވި އެވެ.

ޝޯލްޒް ވިދާޅުވީ ޔުކްރޭން ހަނގުރާމަ އަކީ ރަޝިއާއަށް ވެސް ގެއްލުން ބޮޑު ހަނގުރާމައެއް ކަމަށެވެ.

ޔުކްރޭން ހަނގުރާމައިގެ ސަބަބުން ރަޝިއާއަށް އެކުވެރިންތަކެއް ގެއްލިއްޖެ ކަމަށާއި އެ ގައުމުގެ އިގުތިސާދު ވެއްޓި މާލީ ނުތަނަވަސްކަން ކުރިމަތިވެފައި އޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެކަމަކު ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވި ގޮތުތައި، ހަނގުރާމަ ފެށުމުގެ ކުރިން ރަޝިއާގެ އިގުތިސާދު އޮތް ހާލަތަށް ވުރެ މިހާރު އޮތް ހާލަތުވެސް އަދި އިގްތިސާދު ދަތުރުކުރާ މިސްރާބުވެސް މާރަނގަޅެވެ. އަދި ހަނގުރާމައިގެ ސަބަބުން ރަޝިއާއަށް -- ކުރިން ނެތް ގިނަ ފުރުސަތުތަކެއް ފަހިވެފައި ހުރި ކަމަށްވެސް ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ ޔުކްރޭން ހަނގުރާމަ އަކީ ރަޝިއާ ކުރާ ހިތުން ކުރާ ހަނގުރާމައެއް ނޫން ކަމަށެވެ. އެކަމަކު އެއީ ރަޝިއާގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރަށްޓަކައި ކުރެވޭ ހަނގުރާމައެއް ކަމަށެވެ.

ނޭޓޯ ސިފައިން ޔުކްރޭންގައި އަސްކަރީ މަރުކަޒުތައް ގާއިމުނުކުރިނަމަ، ޔުކްރޭން ހަނގުރާމަ ނުހިނގާނެ ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.

ރަޝިއާގެ ދޮރުބުޑަށް ބޭރު ގައުމެއްގެ އަސްކަރީ ފައުޖުތަކެއް ޖަމާވުމުން، އެ މީހުން ދުރުކުރުމަކީ ލާޒިމުކަމެއް ކަމަށްވެސް ޕޫޓިން ވިދާޅުވި އެވެ.