ޔުކްރޭން ހަނގުރާމަ އަކީ އެމެރިކާ އާއި ހުޅަނގުން ކުރުވާ ހަނގުރާމައެއް ކަމަށް ޗައިނާގެ 80 ޕަސެންޓް މީހުން ބުރަވާ ކަމަށް ޔުނިވާސިޓީ ސާވޭއަކުން ދައްކައިފި އެވެ.
ޗައިނާގެ ސިންޚުއާ ޔުނިވާސިޓީން ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން ކުރި ސާވޭގައި އެމެރިކާ އަށާއި ހުޅަނގުގެ ގައުމުތަކަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ.
ރަޝިއާގެ ޖަރީމާތައް ކުށްވެރިކޮށް 10 ޕަސެންޓް މީހުން ވާހަކަދެއްކި އެވެ. އެ ޖަރީމާތަކުގެ ޒިންމާ ނަގަން ޖެހޭނެ ބަޔަކީ އެމެރިކާ ކަމަށް އެ މީހުން ގަބޫލުކުރާ ކަމަށް ވަނީ ބުނެފަ އެވެ.
މި ސާވޭގެ ތަފްސީލުގައި 80.1 ޕަސެންޓް ބުނަނީ ގޯސް ހަދަނީ އެމެރިކާ އާއި ހުޅަނގުން ކަމަށެވެ. ޔުކްރޭނަށް ވެސް ބޮޑެތި ގޯސްތައް ހެދިފައިހުރި ކަމަށް 11.7 ޕަސެންޓް ބުރަވެ އެވެ. ރަޝިއާ ގޯސް ކަމަށް ބުނަނީ 8.2 ޕަސެންޓެވެ.
ޔުކްރޭން ހަނގުރާމާއިގެ އެންމެ ބޮޑު ނުރައްކަލަކީ ހަނގުރާމައިގެ ސަބަބުން އާންމު ރައްޔިތުން ހާލުގައި ޖެހުމެވެ. އަދި ޔުކްރޭންގައި އިންވެސްޓްކޮށްފައި ހުރި ގައުމުތަކަށް ލިބޭ ގެއްލުމާ މެދުވެސް ގިނަ ބަޔަކު ކަންބޮޑުވެ އެވެ.
ދުނިޔޭގެ ކާބޯތަކެތީގެ ބާޒާރަށް އޮތް ނުރައްކަލީ ވެސް ކުޑަ ކަމެއް ނޫނެވެ. ޔުކްރޭނަކީ ދުނިޔެއަށް ގޮވާން ބޭރުކުރާ ވަރަށް ބޮޑު މާކެޓަކަށް ވާއިރު، ހަނގުރާމައިގެ ސަބަބުން ބަނޑަށް ޖެހޭ މީހުން އިތުރުވުމުގެ ޒިންމާ ވެސް އެމެރިކާ އުފުލަން ޖެހޭނެ ކަމަށް ސާވޭއިން ވަނީ ދައްކާފަ އެވެ.
އެމެރިކާއާ ބެހޭ ގޮތުން ޗައިނާ މީހުން ދެކޭ ގޮތާ މެދުވެސް ސާވޭގައި ވަނީ ނަޒަރު ހިންގާފަ އެވެ.
ޗައިނާ މީހުން ދެކޭ ގޮތުގައި އެމެރިކާ އަކީ މަކަރުވެރި ހީލަތްތެރި ބައެކެވެ. އެއީ އެއްގޮތަކަށް ވެސް އިތުބާރުކުރަން ހެޔޮވާވަރުގެ ބަޔަކު ވެރިކަންކުރާ ގައުމެއް ނޫން ކަމަށް އެ މީހުން ގަބޫލުކުރެ އެވެ.
ޑިޕްލޮމެޓިކް ހައްލަކާ ދިމާއަށް ދަތުރުކުރުމުގެ ބަދަލުގައި ޔުކްރޭނަށް ހަތިޔާރު ދީގެން ހަނގުރާމަ ދިގުދެންމުމަކީ ހުޅަނގުން ހަދާ ވަރަށް ބޮޑު ގޯހެއް ކަމަށްވެސް ސާވޭއިން ދެއްކި އެވެ.