ޔުކްރޭނުން ކިތަންމެ އާދޭހެއް ކުރި ނަމަވެސް، ޔުކްރޭން މަތީގައި ނޯފްލައި ޒޯން -- އުދުހުން މަނާ ސަރަހައްދެއް ކަނޑަނޭޅޭނެ ކަމަށް ނޭޓޯ ގައުމުތަކުން ބުނެފި އެވެ.
އުދުހުން މަނާ ސަރަހައްދެއް ގާއިމު ކުރުމަކީ ނޭޓޯ ގައުމުތަކުގެ ފޮރިން މިނިސްޓަރުންނަށް ފެނިވަޑައިގަންވާ ގޮތެއް ނޫން ކަމަށް ވިދާޅުވެ ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާގް ވިދާޅުވި ގޮތުން ނޯފްލައި ޒޯނެއް ކަނޑައަޅައިފި ނަމަ ހާލަތު ވާނީ ގޯހެވެ.
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވި ގޮތުން ޒެލެންސްކީ އެދިވަޑައިގަތް ނަމަވެސް ނޯފްލައި ޒޯނެއް ކަނޑައެޅުމަކީ ކުރެވެން އޮތް ކަމެއް ނޫނެވެ.
ނޯފްލައި ޒޯނެއް ކަނޑައަޅައިފި ނަމަ މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑުތަން ދަށްވާނެ ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. އެއީ ރަޝިއާގެ ހަމަލާތައް މައިތިރިކުރަން އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.
އިނގިރޭސި ބޮޑުވަޒީރު ވިދާޅުވީ އުދުހުން މަނާ ސަރަހައްދެއް ގާއިމުކޮށްފި ނަމަ އެ ސަރަހައްދުން އުދުހޭ ރަޝިއާ ބޯޓުތަކަށް ބަޑިޖަހައި ވައްޓާލަން ޖެހޭ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި އަދި ނޭޓޯގެ އެޖެންޑާގައި ވެސް އޮތް ކަމެއް ނޫން ކަމަށެވެ.
ނޯފްލައި ޒޯނެއް ގާއިމުކޮށްފި ނަމަ ކޮންމެވެސް ބަޔަކު އެ ސަރަހައްދު ބަލަހައްޓަން ޖެހޭނެ ކަަމަށް އިނގިރޭސި ބޮޑުވަޒީރު ވިދާޅުވި އެވެ. އެކަމަށް ހޭދަކުރާނެ ގޮތަކާއި އިސްނަގާނެ ބަޔަކުވެސް ކަނޑައަޅަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
ޔުކްރޭން އާއި ރަޝިއާ ކުރަނީ ނޭޓޯއާ ގުޅުމެއް އޮތް ހަނގުރާމައެއް ނޫން ކަމަށް ނޭޓޯ ގައުމުތަކުން ބުނެ އެވެ. އަދި މިހާރު އޮތް ހާލަތުގައި ނޭޓޯ ގައުމަކުން އެކަމުގެ ތެރެއަށް ވަދެއްޖެ ނަމަ ހަނގުރާމައިގައި މުޅު ޔޫރަޕް ބައިވެރިވީ ކަމަށް ރަޝިއާ ބަލާނެ ކަމަށް ވެސް ނޭޓޯ ގައުމުތަކުން ވަނީ ބުނެފަ އެވެ.
ނޭޓޯގެ ފޮރިން މިނިސްޓަރުން ވިދާޅުވާ ގޮތުން އެންމެ ރައްކާތެރި ގޮތަކީ ޔުކްރޭނަށް އަސްކަރީ ގޮތުން އެހީތެރިވުމެވެ. އަދި މާލީ ގޮތުންނާއި އިންސާނީ ކާރިސާތަކުން އަރައިގަންނާނެ ގޮތެއް ދައްކައި ދިނުމެވެ.