އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އިންޑިއާއަށް ވަޑައިގެންފި އެވެ. ދަތުރުގެ ބޭނުމެއް ކަމަށް ވިދާޅުވީ މިނިވަން ވިޔަފާރި ފުޅާކުރެއްވުމާއި ދޭދޭގުޅުން ބަދަހިކުރެއްވުން ކަމަށެވެ.
އިންޑިއާއަށް ވަޑައިގެންނެވި ދަތުރުމަތީގައި، މަތިންދާބޯޓުގައި ބޮރިސް ޖޯންސަން ދެއްކެވި ވާހަކަތަކުގެ ތެރޭގައި އިނގިރޭސިވިލާތުން އިންޑިއާއަށް ވިސާ އިތުރުކޮށްދެއްވުމާއި އިންޑިއާގެ އަމިއްލަ ހަނގުރާމަމަތީ ޖެޓު އުފައްދަން އިނގިރޭސިވިލާތުން އެހީތެރިވެދެއްވާނެ އެވެ.
ބޮރިސް ޖޯންސަން ވިދާޅުވި ގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލު ކުރަައްވައި އިނގިރޭސިވިލާތުން އިންޑިއާއަށް ޚާއްސަ ޕެކޭޖެއް ހުށަހަޅުއްވާނެ އެވެ. އެކަމަކު އެ ވިދާޅުވި ޕެޖޭކްގެ ފަހަތުގައި އޮތީ ކޮން އެދުންފުޅެއް ކަމައް ވިދާޅެއް ނުވެ އެވެ.
ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުން ގެންދާ ހަމަލާތަކުގައި އިނިގިރޭސިވިލާތް ގެންދަނީ އެމެރިކާ ޖަހާހާ ބެރަކަށް ނަށަމުންނެވެ. އިނގިރޭސި ބޮޑުވަޒީރު އިންޑިއާއަށް ވަޑައިގަތުމުގައި އޮތް ބޭނުމަކީ ވެސް އެބައިގަނޑުގެ ތެރެއަށް އިންޑިއާ ވެއްދުމެވެ.
ރަޝިއާ - ޔުކްރޭން ހަނގުރާމާގައި މުޅި ދުނިޔެ ރަޝިއާ ކުށްވެރިކުރި ނަމަވެސް އިންޑިއާ އޮތީ ރަޝިއާއާ އެކު އެެވެ. ރަޝިއާއަށް ދަތިކުރަން އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ އިއްތިހާދުން ރަޝިއާގެ ތެލާއި ގުދުރަތީ ގޭސް ގަތުން ހުއްޓާން ބޭނުންވި ނަމަވެސް އިންޑިއާ އޮތީ ރަޝިއާ ދޫކޮށްލާ ގޮތަކަށް ނޫނެވެ.
އިންޑިއާ އާއި ރަޝިއާއާ ދެމެދުގައި އޮތީ ދުޅަހެޔޮ އެކުވެރިކަމެކެވެ. އިގުތިސޯދީ ގޮތުން ދެގައުމުގެ ދެމެދުގައި ފައިދާހުރި މުއާމަލާތްތަކެއް ކުރެވެ އެވެ. ސަލާމަތީ ރޮނގުން ބެލި ނަމަވެސް އިންޑިއާ އޮތީ ރަޝިއާގެ އުފެއްދުންތަކަށް ބަރޯސާކޮށްގެންނެވެ.
ބޮރިސް ޖޯންސަން އިންޑިއާއަށް ކުރައްވާ ދަތުރުގައި އިންޑިއާގެ ވިސްނުން ބަދަލުކުރެވޭތޯ މަސައްކަތް ކުރައްވާނެ އެވެ. ރަޝިއާގެ ތެލާއިން މިސަލް ޑިފެންސް ނިޒާމު އިންޑިއާއިން ގަތުން ހުއްޓުވޭތޯ މަސައްކަތް ކުރައްވާނެ އެވެ.
މަޝްރަހު ދިރާސާކުރާ މީހުން ދެކޭ ގޮތުގައި ރަޝިއާއާ އެކު އޮތް ގުޅުން އިންޑިއާއިން ބަދަލުކުރުމަކީ ބޮރިސް ޖޯންސަންއަށް ވެސް ކުރެއްވޭ ވަރުގެ ކަމަކަށް ނުވާނެ އެވެ.
އިންޑިއާ ލަންބާލުމަށް އެމެރިކާ ކުރި މަސައްކަތްތައް ވެސް އޮތީ ފޭލިވެފަ އެވެ. އެހެންކަމުން ބޮރިސް ޖޯންސަންގެ ދަތުރުން މާބޮޑު ފައިދާއެއް ހާސިލް ކުރެއްވޭނެ ކަމަށް ނުފެންނަ ކަމަށް ދިރާސާކުރާ މީހުން ބުނެ އެވެ.