ދުނިޔެ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާއަށް ޔުކްރޭނަށް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާއަށް މިއަދު ޔުކްރޭނަށް ވަޑައިގެންފި އެވެ. މިއީ ސޯވިއެޓް ޔޫނިއަންގެ ކިބައިން 1991 ގައި ޔުކްރޭން މިނިވަންވި ފަހުން އިންޑިއާގެ ބޮޑުވަޒީރަކު އެ ގައުމަށް ކުރެެއްވި ފުރަތަމަ ދަތުރެވެ.

ރަޝިއާ ސިފައިން ފެބްރުއަރީ 2022 ގައި ޔުކްރޭނަށް އަރައިގަތް ފަހުން ނަރެންދުރަ މޯދީ ޔުކްރޭނަށް ވަޑައެއް ނުގަންނަވަަ އެވެ. އެހެނެއް ކަމަކު، ބައިނަލްއަގްވާމީ ބައްދަލުވުންތަކުގެ ހަވާސާގައި މޯދީ އާއި ޔުކްރޭންގެ ރައީސް ޒެލެސްކީ ބައްދަލުކުރައްވައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

ބޮޑުވަޒީރު މޯދީ ޔުކްރޭނަށް ވަޑައިގަތުމުގެ ބޭނުމެއް ކަމަށް މީޑިއާއަށް އެނގިފައި އޮތީ، ޔުކްރޭންގެ ރައީސް މޮވޮދިމީރު ޒެލެންސްކީއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާ އާއި ޔުކްރޭން ސުލްހަކުރުމަށް މޯދީ މަސައްކަތްކުރައްވާނެ އެވެ. މިއީ ދެ ގައުމު ސުލްހަކުރުމަށް ބޮޑުވަޒީރު ކުރައްވާ ދަތުރެއް ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ޔުކްރޭނަށް ވަޑައިގަތުމުގެ ކުރިން ބޮޑުވަޒީޜު މޯދީ ވަނީ ޖުލައި 8 ރަޝިއާއަށް ރަސްމީ ދަތުރެއް ކުރައްވާފަ އެވެ. މި ދަތުރުގައި މޯދީއަށް އެރުއްވި މެހުމާންދާރީ ފެނި ދުނިޔެ ވަނީ ކޮސްވެފަ އެވެ.

ބޮޑުވަޒީރު މޯދީ ޔުކްރޭނަށް ވަޑައިގެންނެވިއިރު، ރަޝިއާ އާއި ޔުކްރޭން ހަނގުރާމަ ވަނީ ގަދަވެފަ އެވެ. ރަޝިއާގެ ކުރުސްކް ސަރަހައްދަށް ޔުކްރޭން ސިފައިން އޯގަސްޓް 6 ގައި ވަދެގަނެ ބޮޑު ބައެއް އޮތީ ހިފާފަ އެވެ.

ޔުކްރޭނުން މީގެ ކުރިން ރަޝިއާއަށް ދިން ހަމަލާތަކާ އަޅާ ބަލާއިރު، މިހާރު ދެމުންދާ ހަމަލާތަކުގައި ރަޝިއާއަށް ވަރަށް ބޮޑެތި ގެއްލުންތައް ވަނީ ލިބިފަ އެވެ. މިއީ ހުޅަނގުން ރޯފުކޮށްދޭ ބާރުގަދަ ހަތިޔާރު ބޭނުންކޮށްގެން ޔުކްރޭނުން ދޭ ހަމަލާތަކެއް ކަމަށް ރަޝިއާ ބުނެ އެވެ.

ޔުކްރޭންގެ އަނިޔާވެރިކަން މި ގޮތުގައި އޮއްވައި، ޔުކްރޭނާ ސުލްހަވުމަށް މަޝްވަރާނުކުރާނެ ކަމަށް ރަޝިއާއިން ވަނީ ބުނެފަ އެވެ.

ރަޝިއާއިން ސުލްހައަށްޓަކައި މީގެ ކުރިން ހުޅުވާފައި ހުރި ދޮރުތައް މިހާރު ހުރީ ބަންދުކޮށް ތަންޑުއަޅުވާފައި ކަމަށް ވެސް އެ ގައުމުން ބުނެ އެވެ.

ޔުކްރޭން ސިފައިން އަސްކަރީ ޑްރޯން ބޭނުންކޮށްގެން، ރަޝިއާގެ ވެރިރަށް މޮސްކޯއަށް ވެސް ވަނީ ހަމަލާދީފަ އެވެ. އަދި ދުރުރާސްތާ މިސައިލް ބޭނުންކުރަން އެމެރިކާއިން ޔުކްރޭނަށް ހުއްދަދިނުމާ އެކު ރަޝިއާގެ އެތައް މިތަނަށް ހަމަލާދޭނެ ކަމަށް ވެސް ޔުކްރޭން ބުނެ އެވެ.

މި ހާލަތުގައި އޮތް ހަނގުރާމައިގެ މައިދާނަށް ބޮޑުވަޒީރު މޯދި ވަޑައިގެން ކުރައްވާނެ މަޝްވަރާ އަކީ ކޮބައިކަމާ މެދު ސުވާލު އުފެދެ އެވެ. އެކަމު އޮތް އިތުބާރަކީ މޯދީ އަކީ ދުނިޔޭގައި ނުފޫޒުގަދަ ސިޔާސީ ލީޑަރެއް ކަމެވެ.