އިންޑިއާގެ ބޮޑުވަޒީރު އޯގަސްޓް 23 ގައި ޔުކްރޭނަށް ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ.
މިދަތުރަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިއަމް ޖައިޝަންކަރާއި ޔުކްރޭންގެ ހާރިޖީ ވަޒީރު ދިމިތުރީ ކުލެބާ މި މަހު ކުރީކޮޅު މަޝްވަރާކުރެއްވި ކަމަށްވެސް ހަބަރުތައް ބުނެ އެވެ.
މަޝްވަރާތަކުގައި އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު، އަޖީތު ދަވާލް އާއި ޔުކްރޭންގެ ސަލާމަތާ ބެހޭ މުޝީރު، އަންދުރޭ ޔަރުމާކްވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް މަސްދަރުތަކުން ބުނެ އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމަ ފެބްރުއަރީ 2022 ގައި ފަށައިގަތް ފަހުން އިންޑިއާގެ ބޮޑުވަޒީރު ޔުކްރޭނަށް ދަތުރެއް ނުކުރައްވަ އެވެ. އެކަމަކު މޯދީ އާއި ޒެލެންސްކީ -- ބައިނަލްއަގްވާމީ ބައްދަލުވުންތަކުގެ ހަވާސާގައި ބައްދަލުކުރައްވައި ވަނީ މަޝްވަރާކުރައްވާފަ އެވެ.
ނަރެންދުރާ މޯދީ އާއި ޒެލެންސްކީ ޖަޕާންގައި އަދި އިޓަލީގައިވެސް ބައްދަލުކުރެއްވި އެވެ. އެއީ މި ދެ ގައުމުގައި އޮތް ޖީސެވަން ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގަ އެވެ.
ރަޝިއާ، ޔުކްރޭން ހަނގުރާމައިގައި އިންޑިއާ އޮތީ ރަޝިއާ ކޮޅުގަ އެވެ. ރަޝިއާއާ ގުޅުން ކަނޑާލައި ވިޔަފާރީގެ މުއާމަލާތްތައް ހުއްޓާލުމަށް އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން އިންޑިއާއަށް ކުރި އެއްވެސް ޕްރެޝަރަކަށް އިންޑިއާ އިޖާބަދީފައެއް ނުވެ އެވެ.
އިންޑިއާގެ ބުނުމަކީ ދުނިޔޭގެ އިގުތިސާދުގައި އިންޑިއާ ދަމަހައްޓާނީ ގައުމަށާއި ފަރުދުންނަށް ހެޔޮ ގޮތަށް ކަމަށެވެ. ބަޔަކު ލައިދޭ ބުއްދިއެއްގައި ޖެހިގެން ގައުމުގެ އިގުތިސާދީ ސިޔާސަތު ވެއްޔާ މޮޑެވެން ބޭނުން ނުވާ ކަމަށެވެ.
އިންޑިއާ އާއި ރަޝިއާ އަކީ ވަރަށް ގާތް އެކުވެރި ދެ ގައުމެވެ. އިންޑިއާގެ ބޮޑުވަޒީރު މިދާކަށް ދުވަހު -- ޖުލައި އަށެއްގައި ރަޝިއާއަށް ރަސްމީ ދަތުރެއްވެސް ކުރެއްވި އެވެ. މި ދަތުރުގައި ރަޝިއާއިން ބޮޑުވަޒީރު މޯދީއަށް އަދާކުރި މެހުމާންދާރީ ފެނި އައި ރުޅީގައި އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން ވަނީ އަނދާހުލިވެފަ އެވެ.
ނަރެންދުރަ މޯދީ ޔުކްރޭނަށް ކުރައްވާ ދަތުރަކީ ސުލްހައިގެ ރޭވުމެއް ކަމަށް ބެލެވެ އެވެ. ރަޝިއާ އާއި ޔުކްރޭން އެއްގަލަކަށް އަރުވަން ގައުމުތަކުން ކުރާ މަަސައްކަތްތަކުގައި އިންޑިއާގެ ދައުރެއް އޮތުމަކީ ވެސް އޭޝިއާއަށް ލިބޭނެ މޮޅެއް ކަމަށް ގަބޫލުކުރެވެ އެވެ.