ދުނިޔެ

އިންޑިއާއަކީ މަޝްވަރާއަށް ކަމުދާ މެދުވެރިއެއް ކަމަކަށް ނުދެކެން: ޔުކްރޭން

ރަޝިއާ، ޔުކްރޭން ހަނގުރާމަ ހުއްޓުވުމަށް މަޝްވަރާކުރުމުގައި މެދުވެރިއެއްގެ ދައުރު އިންޑިއާއަށް އަދާކުރެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް ޔުކްރޭންގެ އޮފިޝަލުން ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ހުންނެވީ ޔުކްރޭންގަ އެވެ. އެއީ އެ ގައުމުގެ ރައީސް ވޮލޮދިމީރު ޒެލެންސްކީއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށެވެ.

މި ދެ ލީޑަރުން މަޝްވަރާކުރައްވާ މައުލޫ އަކީ، ޔުކްރޭން ހަނގުރާމަ ކަމަށް ބުނެވެ އެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް ފަހު އާދައިގެ ހާލަތަށް ރުޖޫއަވުމާ މެދުވެސް މަޝްވަރާކުރައްވާނެ ކަމަށް ބުނެވެ އެވެ.

ޔުކްރޭންގެ އޮފިޝަލުންނާ ހަވާލާދީ އެމެރިކާގެ އޮންލައިން ނޫސް، ނިއުޔޯކް ޓައިމްސް ބުނާ ގޮތުން މޯދީގެ ދަތުރާ މެދު ޔުކްރޭނަށް މާބޮޑު އުންމީދެއް ނެތެވެ. އަދި ޔުކްރޭން ހަނގުރާމަ ހުއްޓުވުމުގައި ކުޅަދާނަ ދައުރެއް އިންޑިއާއަށް އަދާކުރެވިދާނެ ކަމަށް މެދު ޝައްކު ކަމަށް އޮފިޝަލުން ބުނެ އެވެ.

ނަރެންދުރަ މޯދީ އަކީ ބިޔަ އާބާދީއެއްގެ ޑިމޮކްރެޓިކް ވެރިއަކަށް ވާތީ ޔުކްރޭނުން އިހުތިރާމްކުރާނެ ކަމަށް އޮފިޝަލުން ބުނި ކަމަށް ނިއުޔޯކް ޓައިމްސްއިން ބުންޏެވެ.

މޯދީ ޔުކްރޭނަށް ވަޑައިގަތުމުން އިހުތިރާމް އަދާކޮށް މަރުހަބާ ދެންނެވުމުގެ ގޮތުން ހަރަކާތްތަކެއް ހިންގި ނަމަވެސް، މޯދީއަށް ކަމޭހިތަނީ މަޝްވަރާތައް ކާމިޔާބުކުރެވިދާނެ ކަމަށް އޮތް އިތުބާރެއްގެ ބޮޑުކަމުން ނޫން ކަމަށް ވެސް އޮންލައިން ނޫހުން ބުންޏެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާއަށް ޔުކްރޭނަށް ވަޑައިގަތީ ހުކުރު ދުވަހު އެވެ. ސޯވިއެޓް ޔޫނިއަންގެ ކިބައިން 1991 ގައި ޔުކްރޭން މިނިވަންވި ފަހުން އިންޑިއާގެ ބޮޑުވަޒީރަކު އެ ގައުމަށް ކުރެެއްވި މިއީ ފުރަތަމަ ދަތުރެވެ.

ރަޝިއާ ސިފައިން ފެބްރުއަރީ 2022 ގައި ޔުކްރޭނަށް އަރައިގަތް ފަހުން ނަރެންދުރަ މޯދީ ޔުކްރޭނަށް ވަޑައެއް ނުގަންނަވަަ އެވެ.

އެހެނެއް ކަމަކު، ބައިނަލްއަގްވާމީ ބައްދަލުވުންތަކުގެ ހަވާސާގައި މޯދީ އާއި ޔުކްރޭންގެ ރައީސް ޒެލެސްކީ ބައްދަލުކުރައްވައި ވަނީ މަޝްވަރާކުރައްވާފަ އެވެ.

ބޮޑުވަޒީރު މޯދީ ޔުކްރޭނަށް ވަޑައިގެންނެވިއިރު، ރަޝިއާ އާއި ޔުކްރޭން ހަނގުރާމަ ވަނީ ގަދަވެފަ އެވެ. ރަޝިއާގެ ކުރުސްކް ސަރަހައްދަށް ޔުކްރޭން ސިފައިން އޯގަސްޓް 6 ގައި ވަދެގަނެ ބޮޑު ބައެއް އޮތީ ހިފާފަ އެވެ.