ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތްތައް ކުރިޔަށް ނުގެންދާތީ އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީ ލީޑާޝިޕްގެ މެންބަރުން ހައި ކޯޓަށް ވަޑައިގެންފި އެވެ.
ހައި ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީންގެ ޝަރީއަަތާ ގުޅިގެން ރަޖިސްޓްރާއާ ބައްދަލު ކުރުމަށް އެދިވަޑައިގަތް ނަމަވެސް ރަޖިސްޓްރާއާ ބައްދަލެއް ނުކުރެވުނު ކަމަށާއި އެކަން ކުރެވޭނީ އެ މައްސަލާގައި ހިމެނޭ ވަކީލުންނަށް އެކަނި ކަމަށް އެ ކޯޓުން އެންގި ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ލީޑަރު ޖަލަށްލާފައިވާއިރު އޭނާ ނިސްބަތްވާ ޕާޓީގެ އިސް ފަރާތްތަކަށް ކޯޓުގެ ރަޖިސްޓްރާއާ ބައްދަލު ކުރެވެން ޖެހޭނެ ކަމަށާއި ކްރިމިނަލް ކޮޓުން ވެސް އެ ފުރުސަތު ދީފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންއަށް ހުކުމް ކުރި ފަހުން މިހާތަނަށް ފަސް މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި މިހާތަނަށް އެއްވެސް ޝަރީއަތެއް ތާވަލު ނުކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އަދި ކޮވިޑް-19 ގެ ތެރޭގައި ވެސް ހައި ކޯޓުގައި އެހެން ޝަރީއަތްތަކެއް ބޭއްވި ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ޝަރީއަތްތައް ތާވަލު ކުރެވޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
"މި މައްސަލައަކީ ދިގު ލައިގެން ދާނެ މައްސަލައެއް ނޫން ކަމަށް ހައި ކޯޓުން ވެސް ބުނެފައި. އަދި ވަރަށް މަހެއް ތެރޭގައި ޝަރީއަތްތައް ބާއްވާ ނިންމާލެވޭނެ ވާހަކަ ވެސް އޮތީ ބުނެފަ،" އަބްދުއްރަހީމް ވިދާޅުވި އެވެ. "ކުއްލި ނުރައްކަލުގެ ހާލަތުގައި ނުހިފެހެއްޓޭނެ ހައްގުތަކެއް ހުންނާނެ އިންސާފު ލިބުމުގެ ހައްގެއް ނުހުއްޓުވޭނެ،"
ރަޖިސްޓްރާއާ ބައްދަލު ނުކުރެވުމުން އޭގެން އެނގެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަތުތެރޭ މުޅި ނިޒާމް އޮތް މިންވަރު ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ރަޖިސްޓްރާއަކަށް ހުންނަވާ ބޭފުޅަކު ސީދާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރިޕޯޓު ކުރަން ޖެހުމަކީ އަދުލް އިންސާފުގެ ހާލަތު ގޯސްވެފައިވާ މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީން ގެންދަވަނީ މަނީލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އެ ކުށް ސާބިތުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ އަސްލު އޮޅުވާލައި އެއީ މަންފާ ހޯދައި އޭސީސީއަށް އެހެން ފައިސާތަކެއް ޖަމާކުރި މައްސަލާގަ އެވެ.
އޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮރަޕްޝަންގެ އިތުރު ދެ ދާއުވާއެއް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ވަނީ އުފުލައިފި އެވެ.