ކްރިމިނަލް ކޯޓް

އާރަށު މައްސަލަ ކުރިއަށް ގެންދެވޭނެ

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އޮތީ މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމާމެދު ގޮތެއް ނިންމުމަށް އޮތް އަޑުއެހުމެކެވެ.

މި މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތްޕުޅުން ދިފާއީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ މިއީ ދައުލަތުން ޔާމީން ފްރޭމް ކުރުމަށް އުފުލާފައިވާ ދައުވާތަކެއް ކަމަށެވެ. އެގޮތުން އުފުލާފައިވާ ދެ ދައުވާގައި ބަޔާންކުރާ ކުށުގެ ވާގިޔާތައް ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ވިދާޅުވި އެވެ.

ޔާމީންއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައި ނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެކުރިން ކަނޑައަޅާފައިވާ ކަމަށާއި އަދި މި ދެ ހެއްކަށް ބާރުލިބޭ އިތުރު ހެއްކެއް ނެތް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ޖަމީލް އިތުރަށް ވިދާޅުވެފައި ވަނީ ދައުލަތުން ބުނާ ފައިސާއެއް ވުޖޫދުގައި ވެސް ނެތް ކަމަށާއި އެއީ ހަދަހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށެވެ.

ޔޫސުފް ނައީމްގެ ފަރާތުން ދިފާއީ ވަކީލް ހަމްޒާ ލަތީފް ވިދާޅުވެފައި ވަނީ ޔާމީނާއި ޔޫސުފް ނައީމާމެދު ފައިސާގެ މުއާމަލާތްތަކެއް ކުރެވުނު ނަމަވެސް އެއީ ސައްހަ މުއާމަލާތްތަކެއް ކަމަށެވެ. ދައުލަތުން އެ މުއާމަލާތްތައް ދެ ޝަފަހީ ހެއްކަކަށް ރިއާޔަތްކޮށް ގުޅުވައިލުމަށްފަހު މައްސަލަ ރިޝްވަތަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

"އަދީބު އަދި ޒިޔަތުގެ ހެކިބަސް އެއްފަރާތްކޮށްފި ނަމަ ޖަވާބުދާރީވާން ޖެހޭ ކޭސްއެއް މިތާކު ނެތް. އެކަމަކު ވަކި ހެއްކެއް ބަލައި ނުގަތުމަށް ނިންމޭނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގައި،" ހަމްޒާ ވިދާޅުވި އެވެ.

ދިފާއުން ދެއްކި ވާހަކަތަކަށް ރައްދު ދެމުން ދައުލަތުން ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތު އަދާކުރުމަކީ ފްރޭމް ކުރުން ނޫން ކަމަށެވެ. އަދި މި މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް ޑައިރެކްޓް އަދި ގިނަ އަދަދެއްގެ އިންޑައިރެކްޓް ހެކިތަކެއް ހުށަހަޅާފައިވާނެ ކަމަށް ވެސް ބުންޏެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވީ މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ.

މި މައްސަލައިގައި ދެން އޮންނާނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ވާހަކަދެއްކުމެވެ. އެގޮތުން ހުށަހެޅުންތައް ހުށަހަޅަން ގާޒީ ވަނީ ހުރިހާ ފަރާތަކަށް ވެސް 15 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ. ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ.