ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހިންގާ މައްސަލަތައް އަމިއްލަ ފަރާތެއް ނުވަތަ މީޑިއާތައް މެދުވެރިކޮށްގެން ނަމަވެސް ލައިވްކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން އެދިވަޑައިގެންފި އެވެ.
ވ. އާރަށުގެ މައްސަލައިގައި އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް ކުރިއަށްދާއިރު، އަޑުއެހުންތައް ލައިވްކޮށްދިނުމަށް މީގެ ކުރިން ވެސް ޔާމީންގެ ފަރާތްޕުޅުން ކޯޓުގައި އެދިވަޑައިގަތެވެ. އެކަމަކު އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވެފައި ވަނީ ކޯޓުގައި އެކަން ކުރަން ވަސީލަތްތަކެއް މިވަގުތު ނެތް ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ވެސް ގާޒީ ވަނީ އެކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ކޯޓުގައި އެކަން ކުރާނެ އިންސާނީ ވަސީލަތް ވެސް ނެތް ކަމަށާއި، މުވައްޒަފުންގެ ހުސްކަމެއް ކޯޓުގައި އުޅޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން މިއަދު ކޯޓުގައި ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ސިޔާސީ ދައުވާއެއް އުފުލާފައިވާއިރު، ފަނޑިޔާރުންނަށް ބަޔަކު އިންޒާރުދެމުންދާ ކަމަށެވެ. އެހެންކަމުން މައްސަލައިގެ އަޑުއެހުންތައް ވީހާވެސް ބޮޑަށް އާންމުންނަށް ވެސް ފެންނާނެހެން ކުރިއަށް ގެންދިއުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ރައީސް ޔާމީންގެ މައްޗަށް ވޮޑުމުލާ މައްސަލައިގައި އުފުލި ދައުވާގެ އަޑުއެހުންތައް ކޯޓުން އިސްނަގައިގެން ލައިވްކުރި ކަމާއި ލައިވްކުރަން ފުރުސަތު ހުޅުވާލި ކަންވެސް ފާހަގަކުރައްވާފަ އެވެ. ކޯޓުން އޭރު ކުރި އިއުލާނުގައި، ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ މައްސަލައިގައި ހިމެނޭ ފައިސާ އަކީ ދައުލަތުގެ ފައިސާ ކަމަށް ބުނެފައި އޮތް ކަމާއި އަދި އާންމުންގެ މަސްލަހަތުވެސް އެ މައްސަލަތަކުގައި އޮތުމުން މީޑިއާތަކަށް ބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ދެއްވި ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ޔާމީންގެ މައްޗަށް މިހާރު ޝަރީއަތް ހިނގާ މައްސަލަތަކުގައިވެސް ކުރިން އަމަލުކުރި ގޮތަށް އަމިއްލަ ފަރާތްތަކުން ޝަރީއަތުގެ އަޑުއެހުންތައް ލައިވް ކުރުމުގެ ފުރުސަތު ދެއްވުމަށް ވެސް ޖަމީލް އެދިވަޑައިގެންނެވި އެވެ. އަދި އަޑުއެހުން ފެށުމުގެ ކުރިން އިސް ގާޒީ ވިދާޅުވި ބައެއް ކަންކަމަށް ވެސް ޖަމީލް ރިއާޔަތްކުރެއްވި އެވެ.
އެއީ ޝަރީއަތުގައި ހިނގާ ކަންކަން މީޑިއާތަކުން ރިޕޯޓުކުރާއިރު ޝަރީއަތާ މެދު ސުވާލު އުފެދޭ ގޮތަށް ހަބަރުތައް ނުފެތުރުމަށެވެ. މައްސަލަ ލައިވްކުރުމުން ހާމަކަން ބޮޑު ގޮތެއްގައި ކަން ހިނގާ ގޮތް ރައްޔިތުންނަށް އެނގޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި ލައިވްކުރެވެންދެން އަޑުއެހުންތައް ކުރިއަށް ނުގެންދިއުމަށް ވެސް އެދިވަޑައިގަތެވެ.
ރައީސް ޔާމީންގެ މައްސަލަ އަށް ނުފޫޒުތަކެއް ފޯރުވަމުން އަންނަ ކަމަށާއި އެގޮތުން މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެއްކެވި ވާހަކަތައް ޖަމީލް ފާހަގަކުރެއްވި އެވެ. އެގޮތުން ރައީސް ޔާމީންގެ މައްޗަށް ހުކުމެއް ނުއިއްވާނަމަ ފަނޑިޔާރުން ވަކިކުރަން ޖެހިދާނެ ކަމަށް އާޒިމް ދެއްވި އިންޒާރުތައް ފާހަގަކުރެއްވި އެވެ. އެކަމާ ގުޅިގެން ވެސް ރައީސް ޔާމީންގެ ޝަރީއަތް ލައިވްކުރަން ބޭނުންވާ ކަމުގައި ވިދާޅުވި އެެވެ.
ޑރ. ޖަމީލް ދެއްކެވި ވާހަކަތަކާ ގުޅިގެން ދައުލަތުން ބުނެފައި ވަނީ ކޮރަޕްޝަންގެ މައްސަލަތައް ވީހާވެސް ބޮޑަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ދައުލަތުން ވެސް އެދޭ ކަމަށެވެ. އެކަމަކު ލައިވް ކުރާނެ ވަސީލަތްތައް ލިބެންދެން އަޑުއެހުންތައް ކުރިއަށް ނުގެންގޮސް މެދުކަނޑާލުމަށް ދައުލަތުން އިއުތިރާޒުކުރެއްވި އެވެ.
އަމިއްލަ ފަރާތްތަކުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ޝަރީއަތް ލައިވްކުރުމާ މެދު ގާޒީންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށް އިސް ގާޒީ ވިދާޅުވި އެެވެ. މިވަގުތަށް ކުރިން ވެސް ނިންމި ގޮތަށް، ކޯޓުގައި ވަސީލަތް ގާއިމްކުރެވެންދެން ލައިވް ނުކޮށް އަޑުއެހުންތައް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މި މައްސަލައިގައި ކޯޓުން އެކުލަވައިލި ތާވަލު ބަދަލުކޮށް މައްސަލަ ނިންމާ ތާރީހު އަވަސްކުރުމުން އެކަން ވެސް ޖަމީލް ފާހަގަކުރެއްވި އެވެ. އަދި ކުރިން އެކުލަވާލާފައިވާ ތާވަލާ އެއްގޮތަށް ރައީސް ޔާމީންގެ ޝަރީއަތްތައް ކުރިއަށް ގެންގޮސްދިނުމަށްވެސް ހުށަހެޅުއްވި އެވެ. ވަކީލުންނަކީ އެކި މައްސަލަތަކުގައި އުޅޭ ބައެއްކަމުންނާއި، ރައީސް ޔާމީންގެ މައްސަލައިގައި ކުރަންޖެހޭ މަސައްކަތް ބޮޑުކަމުން ދިފާއު ތައްޔާރުކުރުމަށް ގިނަ ވަގުތު ބޭނުންވާ ކަމަށްވެސް ވިދާޅުވި އެވެ.
މައްސަލަ އަވަސް ކުރުމަށް ފަހުން އެކުލަވާލި ތާވަލާ މެދު ދައުލަތުން އަދި އާރަށު މައްސަލައިގައި ދައުވާ ލިބޭ ޔޫސުފް ނައީމް އިއުތުރާޒެއް ނުކުރެ އެވެ.
އިސް ގާޒީ ވިދާޅުވީ ކަމެއް ދިމާވެއްޖެނަމަ އަބަދުވެސް ހަސްމުންނަށް ފަސޭހަ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އެއްވެސް ފަރާތަކާމެދު ތަފާތުކުރުންތައް ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
އާރަށު މައްސަލައިގައި އެންމެ ފުރަތަމަ ކޯޓުން އެކުލަވައިލި ތާވަލުގައި ހުކުމް ކުރުމަށް ނިންމާފައި ވަނީ މި އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހު އެވެ. އެކަމަކު ފަހުން ކޯޓުން ވަނީ މައްސަލަ އަވަސްކޮށް ޖޫން 30 ވަނަ ދުވަހު ރައީސް ޔާމީންގެ ދެ މައްސަލަ ވެސް ނިންމުމަށް ތާވަލުކޮށްފަ އެވެ.