ކްރިމިނަލް ކޯޓް

އާރަށު މައްސަލަ: ޖަވާބުދާރީވުން މިމަހު 27 ގައި

ވ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުންފުންޏަކަށް އެރަށް ވިއްކާލައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް ފައިސާ ލޯންޑާ ކުރުމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ދެ ދައުވާއަށް ދެން އޮންނަ އަޑުއެހުމެއްގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށް މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވެއްޖެ އެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މައްސަލަ ކުރިއަށް ގެންދަނީ މި މައްސަލައިގައި ދެން ހިމެނޭ ވ. ފެލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމާ ވެސް އެކީ އެވެ.

މި މައްސަލަ ފެށުމަށް މި މަހުގެ ދެ ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މިއަދާއި މިމަހުގެ 27 ވަނަ ދުވަހު އަޑުއެހުމެއް އޮންނާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ. މިއަދުގެ އަޑުއެހުމުގައި ދައުވާ އިއްވުމަށް ގާޒީ އެދިވަޑައިގަތް ނަމަވެސް، މައްސަލައިގައި ނުލިބޭ ލިޔުންތަކެއް ހުރުމާއި އަދި ދައުލަތުން ހުށަހެޅި ސީޑީތަކެއް ރީޑްނުކޮށްގެން އެކަން ޝަރީއަތުގެ ސަމާލުކަމަށް ގެންނެވި އެވެ.

އަދި މައްސަލައިގައި ހިމެނޭ ލިޔެކިޔުންތައް އެކީ ދިރާސާކޮށް ނުނިމޭ ކަމަށް ވެސް ދިފާއީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ވިދާޅުވެފަ އެވެ.

ޔޫސުފް ނައީމްގެ ފަރާތުން ވެސް ސީޑީތައް ރީޑް ނުކުރާކަން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން ގާޒީ ނިންމެވީ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ލިޔެކިޔުމުގެ ހުރިހާ ކަމެއް ނިންމައިލުމަށްފަހު މިމަހުގެ 27 ވަނަ ދުވަހުގެ އަޑުއެހުމުގައި ދައުވާ އިއްވައި ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އެދުވަހުގެ އަޑުއެހުން އޮންނާނީ 9:30 ގައެވެ.

އޭގެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް އަންނަ މަހުގެ 10 ވަނަ ދުވަހުގެ 9:30 ގައި ބާއްވަވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ދައުލަތުން އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ވަނީ، ޔޫސުފް ނައީމް، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން މެދުވެރިކޮށް ރިސޯޓެއް ހެދުމަށް ވ. އާރަށް ކުއްޔަށް ނެގުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަންގަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ. އެހެންވެ އާރަށުގެ މައްސަލާގައި ޔޫސުފް ނައީމުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.

ކްރިމިނަލް ކޯޓުގައި މިހާރު ވެސް ރައީސް ޔާމީންގެ އިތުރު މައްސަލައެއް ކުރިއަށް އެބަދެ އެވެ. އެއީ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. މި ދެ ދައުވާގެ ޝަރީއަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު 25 ވަނަ ދުވަހު އެވެ. މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.