ޑރ. މުހައްމަދު ޖަމީލް އަހުމަދު

"އަރާމު ކުރާނީ ޔާމީން މިނިވަން ކުރުމަށްފަހު"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރައްވާ، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ގެންނެވުމަށް ފަހުގައި ނޫނީ ފުރިހަމައަށް އަރާމު ނުކުރައްވާނެ ކަމަށް ކުރީގެ ނާއިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރަކަށް މިރޭ އައްޔަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލަކީ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސެވެ. ނަމަވެސް ސަރުކާރު އެކުލަވާލައި އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ބޭފުޅުންގެ ގުޅުން ގޯސްވެ ނައިބު ރައީސް ކަމުން ޖަމީލު ވަކި ކުރީ އެވެ. އޭގެ ފަހުން ޖަމީލް އަމިއްލަފުޅަށް އަރުވާލެއްވިގެން އިނގިރޭސި ވިލާތުގައި ހުންނަވައި މަސައްކަތް ކުރެއްވީ އިދިކޮޅު ފަރާތްތަކާއެކުގަ އެވެ.

އޭގެ ފަހުން ރާއްޖެ ވަޑައިގެން ޖުމްހޫރީ ޕާޓީއާއެކު މި ސަރުކާރަށް އެހީތެރިވެ ދެއްވާ ސިޔާސީ މަސައްކަތް ކުރައްވަން ފެއްޓެވުމަށް ފަހު ކުއްލި ގޮތަކަށް އަނެއްކާ ވެސް ރައިީސް ޔާމީނާ ގުޅުން ބަދަހި ކުރައްވާ ކައުންސިލް އިންތިހާބުގެ ކެންޕޭންތެރޭ ރައީސް ޔާމީނާއެކު އަތޮޅުތަކުގެ ތެރެއަށް ޖަމީލް ދަތުރު ކުރެއްވި އެވެ.

މި ސަރުކާރުގައި ރައީސް ޔާމީނާ ދެކޮޅަށް ހިންގި ޝަރީއަތުގައި އެމަނިކުފާނުގެ ގާނޫނީ ޓީމުގެ އިސް ވަކީލަކަށް ހުންނެވީ ވެސް އަދި މިހާރު ވެސް ރައީސް ޔާމީންގެ ލީގަލް ޓީމްގެ އިސްވެރިޔަކީ ޖަމީލެވެ. މިރޭ އަލުން ޕީޕީއެމާ ގުޅިވަޑައިގެން ޕާޓީގެ އެޑްވައިޒަރުކަން ގަބޫލުފުޅު ކުރެއްވި އިރު މިހާތަނަށް އެ މަނިކުފާނު ހުންނެވީ ގާސިމް އިބްރާހިމްގެ އެޑްވައިޒަރުގެ ގޮތުގަ އެވެ

ޖަމީލް މިރޭ ވިދާޅުވީ އެ މަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ ރައީސް ޔާމީން މިނިވަން ކުރެއްވުން ކަމަށެވެ. ރައީސް ޔާމީންގެ މައްޗަށް ހިންގުނީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާ އެ ވާހަކަތައް ބޭރުގެ ގައުމުތަކުގެ ސަމާލު ކަމަށް ގެނައުމަށް އިތުރަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"މިއަދު ރާއްޖޭގެ ލޮބުވެތި ރައްޔިތުން ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ރައީސް ޔާމީން ޖަލުގައި ބަހައްޓަވައިގެން އުޅުއްވަނީ ސިޔާސީ ހަސަދަވެރި ކަމެއްގެ ތެރޭގައިކަން. ރައީސް ޔާމީން މިއަދު ޖަލުގައި އެ ހުންނެވީ ބަދަލު ހިފުމުގެ ރޫހުގެ ތެރެއިންކަން. ރައީސް ޔާމީން މިއަދު ޖަލުގައި އެ ހުންނެވީ އެއްވެސް ހަމައެއް، އިންސާފަކުން ހިންގި ޝަރީއަތެއްގެ ތެރެއިން ނޫންކަން،" ރައީސް ޔާމީންގެ ވެރި ކަމުގައި ހިނގައިދިޔަ ބައެއް ގޯސް ކަންކަމުގެ ވާހަކަ ބޭރުގެ ދުނިޔޭގެ ސަމާލު ކަމަށް ގެންގޮސް، އޭރު ޖަލަށްލި ލީޑަރުގެ ހައްގުގައި މަސައްކަތްތަކެއް ކުރި އެމްއޯޔޫގެ ލީޑަރުކަން ވެސް ކުރެއްވި ޖަމީލް ވިދާޅުވި އެވެ.

ޖަމީލް ވިދާޅުވީ މިދިޔަ ފަސް އަހަރު ރައީސް ޔާމީނާއެކު ތަރައްގީގެ މަގުގައި ރާއްޖެ ހޯދާފައިވާ ކާމިޔާބީތައް ފަނޑުކޮށް ނުލެވޭނެ ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރަށް ރައްޔިތުންނަށް ކަމެއްކޮށް ނުދެވި، ގައުމާއި ރައްޔިތުން ބިކަވަމުން ދާ ކަމަށެވެ. އެހެން ކަމުން މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދަން ރައީސް ޔާމީން އަލުން ވެރި ކަމަށް ގެންނަން ޖެހޭ ކަމަށެވެ،

ޖަމީލް ވިދާޅުވީ ރާއްޖެ ތަރައްގީ ކުރެވެން އޮތީ ވެސް އަދި ރާއްޖެއަށް ހަމަޖެހުން ލިބޭނީ ވެސް އަލުން ރައީސް ޔާމީން ވެރިކަމަށް ގެނެސްގެން ކަމަށެވެ.

"ރާއްޖެއަށް ހަމަޖެހުން ގެންނަން ބޭނުންނަމަ، ރާއްޖޭގައި މިހުރި މައްސަލަތައް ހައްލު ކުރަން ބޭނުންނަމަ އަޅުގަނޑުމެންގެ ކުރިމަތީ އޮތް ހައްލަކީ އަޅުގަނޑުމެން އެންމެން ނިކުތުން. އަޅުގަނޑުމެންގެ މި ބިޔަ ބޮޑު ލަޝްކަރު މިއަދު ނުކުންނަން ވެއްޖެ. އަޅުގަނޑުމެން ނުކުމެ ކުރަންޖެހޭ އެންމެ ކަމެއް އޮތީ މައްސަލަތައް ހައްލު ކުރުމަށް..." ޖަމީލް މިރޭ ވިދާޅުވި އެވެ. "[މި ސަރުކާރަކަށް] 7،000 ފްލެޓް ދޭނެ ގޮތެއް ނޭނގިގެން މި އުޅެނީ. އަޅާ ނިމިފަ ހުރި އެއްޗެއް ދޭން ނޭނގިގެން މި އުޅެނީ. އަޅުގަނޑުމެން އަޅާފައި ހުރި ހޮސްޕިޓަލްތައް ބޭނުން ކުރާނެ ގޮތް ނޭނގިގެން މި އުޅެނީ. އެހެންވީމަ މި މައްސަލަތައް އޮތް ހައްލަކީ ރައީސް ޔާމީން ސަލާމަތް ކުރުމަށް އަޅުގަނޑުމެން އެންމެން ނިކުތުން."

ޖަމީލް ވިދާޅުވީ ޕީޕީއެމާއި ގުޅިވަޑައިގެންނެވީ ކުރަންޖެހޭ މަސައްކަތުގެ ބުރަކަން އެނގި ވަޑައިގެން ހުންނަވާ ކަމަށާއި މިވަގުތު ރާއްޖޭގެ ހާލަތު އޮތް ގޮތުން އިދިކޮޅުން ރައްޔިތުންނަށްޓަކައި ކޮށްދޭންޖެހޭ ވަރަށް މުހިންމު މަސައްކަތްތަކެއްވާ ކަމަށެވެ. ރާއްޖެ ދަތުރު ކުރަންވީ ރައީސް ޔާމީންގެ ވިސްނުމަށް ކަމަށާ ތަރައްގީގެ ވިސްނުން ބައްޓަން ކުރަންވީ ރައީސް ޔާމީންގެ ވިސްނުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަސުރުމާ ކުލައިގެ މި ރީތި ބަގީޗާގެ ތެރެއަށް އަލުން އައުމުގެ ފުރުސަތު ލިބުން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ފުރިހަމަ ގޮތުގައި އަރާމު ކުރާނީ ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަލާމަތުން ގެޔަށް ގެނެސް، 2023 ވަނަ އަހަރު އިރާދަ ކުރެއްވިއްޔާ ދިވެހި ގައުމުގެ ރިޔާސަތާ ހަވާލު ކުރުމަށް ފަހު،"

އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަސުރުމާ ކުލައިގެ މި ރީތި ބަގީޗާގެ ތެރެއަށް އަލުން އައުމުގެ ފުރުސަތު ލިބުން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ފުރިހަމަ ގޮތުގައި އަރާމު ކުރާނީ ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަލާމަތުން ގެޔަށް ގެނެސް، 2023 ވަނަ އަހަރު އިރާދަ ކުރެއްވިއްޔާ ދިވެހި ގައުމުގެ ރިޔާސަތާ ހަވާލުކުރުމަށް ފަހު
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް

ރިޔާސީ ޓިކެޓްގެ ވާހަކަ ނުދެއްކެވި

ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ދީގެން ކުރިއަށް ގެންދިޔަ އެ ރަސްމިއްޔާތުގައި ގިނަ ސުވާލުތައް އަމާޒު ކުރެވިގެން ދިޔައީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ލިބިވަޑައިގެންފިނަމަ އަމަލު ކުރައްވާނެ ގޮތަކާމެދުގަ އެވެ. އެ ސުވާލުތަކަށް ތަކުރާރުކޮށް ޖަވާބު ދެއްވަމުން ވެސް ޖަމީލް ވިދާޅުވީ އެ ވިސްނުން ވެސް މިވަގުތު ނެތް ކަމަށެވެ.

ޕީޕީއެމުން ކުރަންޖެހޭ މާބޮޑެތި މަސައްކަތްތައް އެބަހުރި ކަމަށާ އެއީ ރާއްޖެ މިހާރު އޮތް ހާލަތު ބަދަލު ކުރުން ކަމަށް ވިދާޅުވި އެވެ. ޖަމީލް އަދި ވިދާޅުވީ އެ ކަންކަން ބަދަލުކޮށް ރައްޔިތުންނަށް ހެޔޮގޮތް ހޯދަން އިދިކޮޅުން ނުކުންނާނެ ކަމަށާ މަސައްކަތް ހުއްޓާލާނީ ކާމިޔާބު ކުރުމަށް ފަހުގައި ކަމަށެވެ.

"އަޅުގަނޑުމެން މިތަނަށް [ޕީޕީއެމް] އައިސް މިތިބީ މަށައް ލިބޭނީ ރަނިންމޭޓްކަންތޯ، މަށައް ލިބޭނީ ރައީސްކަންތޯ، މަމީ ވަޒީރުތޯ، އެވާހަކަ ދައްކާކަށް ނޫން. މި ޕާޓީ މި އޮތީ އެންމެ އަޒުމެއްގައި. އެއީ މި ހާލަތު ބަދަލު ކުުރުން. އަޅުގަނޑުމެން ނުކުންނާނަން. މި ހާލަތު ބަދަލު ކޮށްފައި އަޅުގަނޑުމެން ހުއްޓާލާނީ."

އަޅުގަނޑުމެން މިތަނަށް [ޕީޕީއެމް] އައިސް މިތިބީ މަށައް ލިބޭނީ ރަނިންމޭޓްކަންތޯ، މަށައް ލިބޭނީ ރައީސްކަންތޯ، މަމީ ވަޒީރުތޯ، އެވާހަކަ ދައްކާކަށް ނޫން. މި ޕާޓީ މި އޮތީ އެންމެ އަޒުމެއްގައި. އެއީ މި ހާލަތު ބަދަލު ކުުރުން. އަޅުގަނޑުމެން ނުކުންނާނަން. މި ހާލަތު ބަދަލު ކޮށްފައި އަޅުގަނޑުމެން ހުއްޓާލާނީ
ޑރ. މުހައްމަދު ޖަމީލް އަހުމަދު | ކުރީގެ ނާއިބް ރައީސް

ރައީސް ޔާމީންގެ ވަދާއީ ވަސިއްޔަތުގައި އެނބުރި އެ މަނިކުފާނަށް ވަޑައިގެންނެވެންދެން "މިނިިކާ ބާޒަ" ކަށް ޕާޓީން ފުރުސަތު ނުދޭން އެދިވަޑައިގެންފައިވާތީ އެކަމާ ގުޅޭގޮތުން ވެސް މިރޭ ނޫސްވެރިން ސުވާލު ކުރި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އިދިކޮޅު ލީޑް ކުރައްވާ ޕީއެންސީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެފަދަ އެއްވެސް "ބާޒަކަށް" ޕީޕީއެމް / ޕީއެންސީން ފުރުސަތެއް ނެތް ކަމަށެވެ. ޖަމީލަކީ އެފަދަ ބޭފުޅެއްނަމަ މިރޭ ޕީޕީއެމަށް ސޮއި ނުކުރެއްވީސް ކަމަށެވެ.

"ޑރ. ޖަމީލަކީ ބާޒަކަށް ވާނަމަ އެމަނިކުފާނު މިރޭ ޕީޕީއެމަށް ސޮއި ނުކުރެއް ވީސް."