ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ސުލޫކީ މައްސަލައެއް ބަލައިދިނުމަށް އެދި އެ ޕާޓީގެ ކައުންސިލަށް އެ ކައުންސިލްގައި ހިމެނި ވަޑައިގަންނަވާ މެންބަރަކު ހުށަހަޅުއްވައިފި އެވެ.
ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެއްގެ މަގާމުގައި ވެސް ހުންނަވައި ޖަމީލު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ ކެންޕޭނަށް ނުކުންނަވާފަ އެވެ. އެ ދެ ބޭފުޅު ވަނީ އެކުގައި އދ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގެންފަ އެވެ.
އެ ކަމާ ގުޅިގެން ޖޭޕީގެ ގިނަ މެންބަރުން ހިތްހަމަނުޖެހުން ފާޅުކުރަމުން ދަނިކޮށް، އެ ޕާޓީގެ ކައުންސިލަށް ޖަމީލުގެ ސުލޫކީ މައްސަލައެއް ބަލައިދިނުމަށް އެދި ހުށަހެޅުއްވީ އެ ކައުންސިލްގެ މެންބަރެއް ކަމަށްވާ މުހައްމަދު ސައީދެވެ.
ޖޭޕީގެ ލީޑަރަށް ސައީދު ފޮނުއްވި ސިޓީގައި ވަނީ، ސަރުކާރު ކޯލިޝަންގައި ދެމި އޮންނަން ޕާޓީން ނިންމާފައި ވަނިކޮށް، އިދިކޮޅު ފަރާތްތަކުގެ ހަރާތްތަކުގައި ޖަމީލު ބައިވެރިވެވަޑައިގަތުމަކީ އެ ޕާޓީގެ އަސާސީގެ ގަވާއިދުގެ 66 ވަނަ މާއްދާއާ ހިލާފަށް ކުރެއްވި ކަމެއް ކަމަށެވެ.
ޖޭޕީއަކީ ސަރުކާރު ކޯލިޝަންގައި އޮތް ޕާޓީއަކަށް ވުމުގެ އިތުރުން ޕާޓީ ވަރުގަދަކޮށް މެންބަޝިޕް އިތުރު ކުރުމަށް އެ ޕާޓީގެ ލީޑަރު ގާސިމް އިސްވެ ހުންނަވައި މަސައްކަތް ފައްޓަވާފައިވާ ދަނޑިވަޅުގައި ޖަމީލު އެ ގޮތަށް އަމަލު ކުރެއްވީތީ، ގާސިމްގެ އެޑްވައިޒަރުގެ މަގާމުން ޖަމީލު ވަކިކޮށްދިނުމަށް ވެސް ސައީދުގެ ސިޓީގައި އެދިފައިވެ އެވެ.
ރައީސް ޔާމީނާއެކު ޖަމީލު އދ. ގެ އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ދަތުރުފުޅުގައި އޭނާ ވަނީ މިހާރު އޮތް ސަރުކާރަށާއި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ. އަދި ޕީޕީއެމް އަނބުރާ ރާއްޖޭގެ ވެރިކަމަށް އަންނަން ޖެހޭ ކަމަށް ޖަމީލު ވަނީ އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވެފަ އެވެ.