ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމްއާ ކޯލިޝަން ހެދުމުގެ ވިސްނުން ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ހަރަކާތްތައް ވަރުގަދަ ކުރުމުގެ ގޮތުން ފެށި ދަތުރުތަކުގެ ތެރެއިން އަރިއަތޮޅުގެ ރަށްރަށައް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ރައީސް ޔާމީން ވަނީ، ޖުމްހޫރީ ޕާޓީއާއެކު ދެން މަސައްކަތް ކުރާނީ ސަރުކާރު ކޯލިޝަނުން ވަކިވުމުން ކަމަށް ވިދާޅުވެފަ އެވެ. ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް / ޕީއެންސީން، ދެން ޖުމްހޫރީ ޕާޓީއާއެކު މަސައްކަތް ކުރާނަމަ ފުރަތަމަ ޖޭޕީން ކުރަންޖެހޭނެ ކަމަކީ ސަރުކާރު ކޯލިޝަނުން ވަކިވުން ކަމަށެވެ.
ރައީސް ޔާމީންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޖޭޕީގެ ނާއިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ ޖުމްހޫރީ ޕާޓީ ސަރުކާރުގައި އޮތީ ވަރަށް ސާބިތުކޮށް ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ކާމިޔާބު ސަރުކާރަކަށް ހަދަން ޖުމްހޫރީ ޕާޓީގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށެވެ.
ސައުދު ވަނީ ރައީސް ޔާމީނާއެކު ކޯލިޝަން ހެދުމުގެ އެއްވެސް ވިސްނުމެއް ޖުމްހޫރީ ޕާޓީގައި ނެތްކަމަށް ވިދާޅުވެފަ އެވެ.
"ޖޭޕީ މި އޮތީ ސާބިތުކަމާއެކު ރައީސް ސޯލިހްގެ ސަރުކާރާއެކު. އަދި މިސަރުކާރު ކާމިޔާބު ސަރުކާރަކަށް ހަދަން ޖޭޕީ ޓީމްގެ ފުލް ސަޕޯޓް އެބައޮތް،" އޭނާ ވިދާޅުވި އެވެ.
ޖޭޕީ މި އޮތީ ސާބިތުކަމާއެކު ރައީސް ސޯލިހްގެ ސަރުކާރާއެކު. އަދި މިސަރުކާރު ކާމިޔާބު ސަރުކާރަކަށް ހަދަން ޖޭޕީ ޓީމްގެ ފުލް ސަޕޯޓް އެބައޮތްއަހުމަދު ސައުދު | ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް
އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތައް ވަރުގަ ދަކޮށް، ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ފުޅާ ކުރުމުގެ ގޮތުން ކަމަށް ބުނެ، ރައީސް ޔާމީން އިސްކޮށް ހުންނަވާ ފެއްޓެވި މަސައްކަތުގައި އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ޖޭޕީއާއި ގާސިމްގެ ތާއީދު އަބަދުވެސް އެންމެ ބޮޑު އަރިއަތޮޅަށެވެ. އަރިއަތޮޅަށް ވަޑައިގެންނެވި ޓީމުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވަޑައިގަތެވެ.