އާބަންކޯ

ހިޔާ ފްލެޓްތަކުގެ ކުލި 5،300 ރުފިޔާއަށް ކުޑަކުރަން ނިންމައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ހިޔާ ފްލެޓްތަކުގެ ކުލި 5،300 ރުފިޔާއަށް ކުޑަކުރަން ނިންމައިފި އެވެ.

ސަރުކާރުގެ އޮފިޝަލަކު އަވަސްއަށް މިރޭ މިކަން ޔަގީންކޮށްދެއްވި އެވެ. ނަމަވެސް އޭނާ ވިދާޅުވީ ސަރުކާރުން އިއްޔެ ނިންމާފައި މި ނިންމުން ރަސްމީކޮށް އިއުލާން ކުރާނީ ކަމާ ގުޅޭ އިދާރާތަކުގެ އިސްވެރިން ކަމަށެވެ.

ހިޔާ ފްލެޓްތައް މެނޭޖުކުރަމުން ގެންދާ އާބަންކޯ އިން ބުނީ ހިޔާފުލެޓްތަކުގެ ކުލި ކުޑަކުރުމުގެ މަޝްވަރާތައް ރައީސް އޮފީހާއި ހައުސިން މިނިސްޓްރީ އަދި އާބަންކޯ ގުޅިގެން ކުރިއަށްދާ ކަމަށެވެ.

"މިކަމުގެ ސަބަބުން ހެޔޮ ބަދަލެއް ހިޔާ ފުލެޓުގައި ދިރިއުޅުއްވާ ރައްޔިތުންނަށް ލިބިގެންދާނެ،" އާބަންކޯ އިން މިރޭ މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރައްވާނެ ކަމުގެ އިޝާރާތެއް ރައީސް ސޯލިހް ވަނީ މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު ދެއްވާފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "ހިޔާ"ގެ ނަމުގައި ކުރިއަށް ގެންދިޔަ މަޝްރޫއެއްގެ ތެރެއިން 7،000 ފްލެޓްގެ ބޮޑު ބައި ނިންމި އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ނިންމާފައި އޮތީ ހިޔާ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި 5،500 ރުފިޔާ ދައްކާ ގޮތަށެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވެ އެ އަދަދު ވަނީ 8،500 ރުފިޔާއަށް އިތުރުކޮށްފަ އެވެ. އެއީ މަހު ކުއްޔަށް 7،500 ރުފިޔާއާއި މެއިންޓަނަސް ފީގެ ގޮތުގައި 1،000 ރުފިޔާ އެވެ.

މިސަރުކާރުން ކުރިން ބުނި ގޮތުގައި ހިޔާ ފްލެޓް އަޅަން ނަގާފައިވާ ލޯނަށް ދައްކަންޖެހޭ އަދަދު ބޮޑުވުމާ ގުޅިގެން 7،500 ރުފިޔާ އަކީ ކުލި ކުޑަކޮށްދެވޭނެ އެންމެ ކުޑަ އަގެވެ.