ހިޔާ މަޝްރޫއު

ހިޔާ އާއި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްފި

ހިޔާ ފްލެޓްތަކާއި ވިނަރެސް ފްލެޓްތަކާއި އަތޮޅު ތެރޭގައި ސަރުކާރުން އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލި ކުޑަކުރަން ނިންމައިފި އެވެ.

ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކޮށްދީ ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ހަރަދު އަނބުރާ ދިނުމާއި ރަށްރަށުގައި އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުއްޔާއި ވިނަރެސް ފްލެޓްތަކުގެ ކުލި ކުޑަކުރުން އެއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ފްލެޓްތަކުގެ ފިނިޝިންއަށް ދިޔަ ހަރަދުގެ އެވްރެޖް އަގެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވަނީ ދެ ލައްކަ ރުފިޔާ އެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ނިންމަވާފައިވާ ނިންމެވުންތައް ނޫސްވެރިންނާ ހިއްސާކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ ފްލެޓް ފިނިޝިންއަށް ކުރި ހަރަދުން ދެ ލައްކަ ރުފިޔާ އުނިކުރުމަށް ހިޔާ ފްލެޓްގެ ކުލި ހަތް އަހަރަށް ކުޑަކުރަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވާފައިވާ ކަމަށެވެ.

"ހަތް އަހަރު ދުވަހަށް ކުރިން [ނިމިދިޔަ ސަރުކާރުގައި] ދަންކަން މިއޮތީ 5،700 ރުފިޔާ. ދެން ދައްކަން ޖެހޭނީ 3،984 ރުފިޔާ ކުރިއަށް އޮތް ހަތްއަހަރު ދުވަހަށް. ބަޖެޓަށް އެއްވެސް ބުރައެއް މިކަމަކުން ނާންނާނެ. އެކަންކަމަށް ވަރަށް ރަނގަޅަށް ދިރާސާ ކުރެއްވުމަށްފަހު މިކަން މިނިންމީ. މިކަމުގެ ފައިދާ ކުރާނީ ސީދާ ރައްޔިތުންނަށް،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ގެނައި މިބަދަލާ ގުޅިގެން ހިޔާ ފްލެޓްގެ މަހު ކުއްޔަށް ކުރިއަށް އޮތް ހަތް އަހަރަށް ދެން ދައްކަންޖެހޭނީ 3،984 ރުފިޔާ އެވެ.

ސަރުކާރުން މިއަދު ވަނީ ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ކުރިން ދައްކަންޖެހިފައިވާ އަދަދު 50 ޕަސަންޓަށް ކުޑަކޮށްދިނުމާ އެކު ވިނަރެސް ފްލެޓަށް މިހާރު ކުލީގެ ގޮތުގައި ދައްކަމުންދާ އަދަދުން އެވްރެޖުކޮށް 4،200 ރުފިޔާ އުނިކުރުމަށެވެ.

ރައީސް ވިދާޅުވީ ރަށްރަށުގައި އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުގެ ކުލީގެ ގޮތުގައިވެސް މިއަދުން ފެށިގެން ދެން ދައްކަންޖެހޭނީ މަހަކު 3،330 ރުފިޔާ އެވެ. އެކަމަކު ރަށްރަށުގައި މަހަކު 2،500 ރުފިޔާ ދައްކަމުންދާ ހައުސިން ޔުނިޓްތަކުގެ ކުއްޔަށް ބަދަލު ގެނެސްފައި ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރަށްރަށުގައި އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓްތަކުގެ ކުލި ނުދައްކާތީ ބައެއް މީހުން ދައްކަންޖެހިފައިވާ ޖޫރިމަނާ މާފުކޮށްދެއްވާނެ ކަމަށެވެ. އަދި އެ މީހުން ދައްކަންޖެހިފައިވާ ކުލީގެ ފައިސާ ބަހާލައިގެން ދެއްކޭނެ ގޮތެއް ހަމަޖައްސާނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ފްލެޓާއި ގޯތި ލިބޭނެ ކަމަށް ގެޒެޓްކޮށްފައިވާ ލިސްޓެއްގައި ނަން ހިމެނިފައިވާނަމަ އެ މީހަކަށް ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ރައީސް މިއަދުވެސް ތަކުރާރުކޮށް ވިދާޅުވި އެވެ.