ޑރ. މުހައްމަދު މުއިއްޒު

ހިޔާ ފްލެޓްތަކުގެ ލިފްޓާއެކު ބަލިމީހުން އުފުލުން ފަސޭހަވާނެ: ރައީސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއު ނިމޭއިރު ލިފްޓުގައި ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ އާންމު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް އެމަނިކުފާނު ކުރިއަށް ގެންދަވާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ގދ. ގައްދޫ، ކައިރުގޭ މުހައްމަދު ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހިޔާ ޓަވަރުގައި އިތުރު ލިފްޓްތަކެއް ހަރުކުރާއިރު ބަލިމީހުން އުފުލުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެހޭނެތޯ ލަބީބު ކުރި ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ މިހާރު ހަރުކުރާ ލިފްޓްތަކުގެ ތެރޭގައި ސްޓްރެޗާ އެރުވޭ ލިފްޓް ހުންނާނެ ކަމަށެވެ.

"މިހާރު ހަރުކުރަމުންދާ ލިފްޓްތައް ހަރުކުރާއިރުގައި ސްޓްރެޗާ އެރުވޭ ލިފްޓްވެސް އޭގައި ހިމެނޭނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓްގައި އިތުރު ލިފްޓް ހަރުކުރުމުގެ މަޝްރޫއު ނިމޭއިރު ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ ކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ގާއިމުކުރުމަށްޓަކައި ޗައިނާގެ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕާ ވަނީ ހަވާލުކޮށްފަ އެވެ.

މި މަޝްރޫއުގެ ދަށުން މުޅި ޖުމްލަ 32 ލިފްޓް ހަރުކުރާނެ އެވެ.