ޑރ. މުހައްމަދު މުއިއްޒު

ދުނިޔޭގެ ލީޑަރުންގެ ވައުދުތަކުން ނަތީޖާ ނެރުމަށް ރައީސް ގޮވާލައްވައިފި

ދުނިޔޭގެ ލީޑަރުންގެ ވައުދުތައް، ނަތީޖާ ފެންނާނޭ ފަދަ އަމަލުތަކަކަށް ބަދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

ރައީސް މުއިއްޒު މިކަމަށް ގޮވާލެއްވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް -- ސިޑްސްގެ ފަރާތުން މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އެކުވެރި ދައުލަތްތަކުގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި ބޭއްވި ލީޑަރުންގެ ސަމިޓުގައި އިއްވެވި ބަޔާނުގަ އެވެ.

މި ބައްދަލުވުމުގައި އިއްވެވި ބަޔާނުގައި ރައީސް މުއިއްޒު ވަނީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ބޭނުންތައް ފުއްދައިދިނުމުގައި މިއަދުގެ މާލީ ނިޒާމު ނާކާމިޔާބުވެފައިވާ ކަމަށާއި މާލީ ވަސީލަތްތައް ނެތި ތިބެ ހިފާ އަމާޒުތަކަކީ ހަމައެކަނި އުއްމީދުތަކެއް ކަމުގައި ވިދާޅުވެފަ އެވެ.

މި ބައްދަލުވުމުގައި އިއްވެވި ބަޔާނުގައި ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތައް އަހަރެއްގެ ތަރައްގީ ގެއްލިގެންދާ ކަމަށެވެ. އަދި، މިއަދުގެ މާލީ އޮނިގަނޑަކީ ކުދި ޖަޒީރާ ގައުމުތަކުގެ މުހިންމު ބޭނުންތައް ފުއްދައިދެވޭނޭ ގޮތަކަށް ފަރުމާކުރެވޭ އޮނިގަނޑެއްކަން ކަށަވަރުކުރުމަށް ތިން ކަމެއް ބޭނުންވާ ކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ފާހަގަކުރެއްވި ކަންތައްތައް

  • 1. އދ. އާއި، ބައިނަލްއަޤުވާމީ މާލީ މުވައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ފުރިހަމަ އެހީތެރިކަން ލިބުން،
  • 2. މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ ގުޅޭ ދަރަނި މައާފުކޮށްދިނުމާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ މަސައްކަތަށް ދޭ ބަދަލުގެ ގޮތުގައި ކްރެޑިޓްވަރދިނަސް މާނަކުރާ ގޮތް ބަދަލުކުރުން،
  • 3. މޫސުމީ ބަދަލުތަކާ ގުޅޭ މާލިއްޔަތަށް ހާއްސަ، އަދި ސިޑްސްގެ ހަގީގީ ބޭނުންތައް ތަމްސީލުވާފަދަ، ކުރިއަށްވުރެ ހަރުދަނާ، ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލް (އެންސީކިއުޑީ) ކަނޑައެޅުމަށާއި، ބައިނަލްއަޤުވާމީ ކާބަން މާކެޓް މެކޭނިޒަމާ ގުޅޭ މަޝްވަރާތައް ނިމުމަކަށް ގެނައުން.

މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއިން އަޅާފައިވާ ބަދަލުގެނުވަނިވި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން، އިގުތިސާދީ އަދި ޙަޟާރީ ތަރައްގީ އާއި ހަކަތަ އުފެއްދުންފަދަ ފިޔަވަޅުތައް ފާހަގަކުރެއްވި އެވެ. ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން މޫސުމީ ކަންކަމުގައި ފިޔަވަޅުތައް އެޅުމަށް އެދި އަޑުއުފުލާތާ އެތައް އަހަރެއް ވެއްޖެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވައުދުތައް އަމަލީގޮތުން ދެއްކުމަށް ގޮވާލައްވާފަ އެވެ.