ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ސިންގަޕޫރަށް ވަޑައިގެންފި އެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ހެލްތު ޗެކަޕްއަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް ސިންގަޕޫރަށް ފުރާވަޑައިގެންނެވީ ޕީއެންސީ އިން ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްފަހު ރޭ އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސިންގަޕޫރަށް ވަޑައިގަންނަވަނީ އާރަށުގައި ފުޓްބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއާ ގުޅިގެން "ސެކަންޑް އޮޕީނިއަން" އެއް ހޯއްދެއްވުމަށާއި މީގެ ކުރިން ކުރި ސާޖަރީއެއްގެ ޗެކަޕްއަކަށެވެ.

އާ ރަށުގައި ފުޓްބޯޅަ ކުޅުއްވަނިކޮށް ލިބުނު އަނިޔާއަކާ ގުޅިގެން ރައީސް މުއިއްޒު އައިޖީއެމްއެޗް އިން ފަރުވާ ހޯއްދެވި އެވެ.

ރައީސްގެ ސިއްހީ ހާލަތާ ގުޅުވައި ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތައް އެމަނިކުފާނު ރޭ ވަނީ ދޮގުކުރައްވާފަ އެވެ.