ހިޔާ މަޝްރޫއު

ލޯނު ލަސްވާތީ، ހިޔާ ފްލެޓް ނުނިންމާ ހަވާލު ކުރަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި "ހިޔާ ފްލެޓް" ތަކުގެ އެތޭގެ މަސައްކަތް ނިންމަން ލޯނު ނުލިބި ލަސްވާތީ ފްލެޓްތައް ހަވާލު ކުރަން ނިންމައިފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ 7،000 ފްލެޓް ދައްކާލަން މިއަދު ބޭއްވި މީޑިއާ ޓުއާ އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ ފްލެޓުގެ ފިނިޝިންގެ ބައެއް މަސައްކަތްތައް ނިންމަން އިތުރަށް 45 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 693 މިލިއަން ރުފިޔާ) ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފައިސާ ހޯދަން ކޮވިޑް-19 ގެ ކުރިން ވެސް މަސައްކަތް ކުރި ކަމަށާ، ނަމަވެސް ފައިސާ ލިބުން ލަސްވުމުން ފްލެޓުތަކުގެ މަސައްކަތް އެއްކޮށް ނުނިމުނު ނަމަވެސް ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ.

ފްލެޓުގެ މަސައްކަތް ކުރަމުން ގެންދަނީ ޗައިނާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އިންނެވެ. ޗައިނާ ސަރުކާރުގެ އެންމެ ބޮޑު އެއް ކުންފުންޏަށް މި މަޝްރޫއު ހަވާލުކޮށްފައިވަނީ، އެޕާޓްމަންޓެއް 62،000 ޑޮލަރު (954,800 ރުފިޔާ) ގެ ރޭޓުން 434 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.6 ބިލިއަން ރުފިޔާ) އަށެވެ. މި މަޝްރޫއުގެ ދަށުން 25 ބުރީގެ 16 ޓަވަރު އަޅާނެ އެވެ.

މީގެ ކޮންމެ ޓަވަރެއްގައި ކުރިން ހުންނާނެ ކަމަށް އެޗްޑީސީއިން ބުނީ 7،000 ފްލެޓެވެ. ނަމަވެސް މި ފްލެޓުތަކުގައި ބައެއް އަސާސީ ހިދުމަތް ތަކަށް ޖާހަ ހަދާފައި ނެތުމުން އިތުރު 280 ޔުނިޓް ވަނީ އެ ހިދުމަތް ތަކަށް ނަގަން ނިންމާފަ އެވެ. މި ހިދުމަތް ތަކަށް އެޕާޓްމަންޓްތައް ނަގަނީ ފްލެޓުގެ އެންމެ ތިރިން ނެވެ. މި ފްލެޓްތައް ނެގުމުން ފްލެޓަށް އެދުނު މީހުންނަށް ދޭން ހުންނާނީ 6،720 އެޕާޓްމަންޓް އެވެ.

އިންޓީރިއާ ހަދަން ޖެހޭނީ ފްލެޓް ލިބޭ މީހާ!

ހިޔާ ފްލެޓުގެ 24 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓްތައް އެޗްޑީސީ އިން މިއަދު ނޫސްވެރިންނަށް ދައްކާލިއިރު އެޕާޓްމަންޓްތަކުގެ 90 ޕަސެންޓު މަސައްކަތް ހުރީ ނިމިފަ އެވެ. ނަމަވެސް މީގެ އެއްވެސް އެޕާޓްމަންޓެއްގައި ކުލަ ފާލައެއް ނުވެ އެވެ. އަދި އެއްވެސް ތަނެއްގައި ބޮތްކެއް، ކަރަންޓާއި ފެނެއް ކޭބަލް ޓީވީއެއް ނެތެވެ. އަދި ބަދިގޭގައި ސިންކް ބަހައްޓާފައި ހުރިއިރު، ސިންކު ހުރީ ކޮންކްރީޓް ބެންޗެއްގައި ހަރުކޮށްފަ އެވެ. ބަދިގޭ ކަބަޑު ސެޓެއް ހަރުކޮށްފައެއް ނެތެވެ. އަދި އެޕާޓްމަންޓުގައި އެއްވެސް ދޮރެއް ނެތެވެ. ހަމައެކަނި އެޕާޓްމަންޓުގައި ލާފައި ހުރީ ޕްރައިމާ އެކަންޏެވެ. މި މަސައްކަތް ފުރިހަމަ ކުރުމަށް އިތުރަށް 45 މިލިއަން ޑޮލަރު ބޭނުންވެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ފްލެޓުތަކުގައި ދޮރެއް ނެތް ކަމަށާ، ތަށިމުއްޓެއް ވެސް ނުޖަހާ ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެ ފްލެޓަށް ވަންނަ މީހުންގެ ބޮޑުބައި އެ ތަނުގައި ދިރިއުޅެން ބޭނުން ނުވާނެ ކަމަށް ވިދާޅުވެ ރައީސް ވާހަކަ ފުޅު ދެއްކެވި އެވެ.

އެޗްޑީސީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީ ސުހައިލް ވިދާޅުވީ ޗައިނާގެ ސީއެސްއީސީ ކުންފުނިން އެއްބަސްވުމުގައި ބުނެފައިވާ ވަރަށް މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި ބާކީ ހުރި ބައި ނިންމާނަމަ އިތުރަށް ފައިސާ ބޭނުންވާނެ ކަމަށެވެ.

"ފްލެޓް ނިންމަން ކުރިން ލޯނު ނަގަން މަސައްކަތް ކުރިން. ނަމަވެސް [ޗައިނާ އިން ނަގާ] ލޯނު ރިއަަލައިޒް ވާ ގޮތެއް ނުވޭ. އެހެންވެ، ސަރުކާރުން ނިންމީ ކޮންޓްރެކްޓުގައި އޮތް ގޮތަށް ކުރިއަށް ގެންދަން. ދެން މި މަޝްރޫއަށް އިތުރު ލޯނެއް ނުނަގަން ވާނީ ނިންމާފަ،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފްލެޓް ނިންމޭނެ ތާރީހެއް ބުނަން ނޭނގެ ކަމަށާ، ނަމަވެސް މި އަހަރު ނިންމަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ކޮންޓްރެކްޓަރާ އެމްޑަބްލިއުއެސްސީއާ ވާހަކަ ދައްކާފަ ނިންމޭނެ ތާރީހު ފައިނަލްވުމުން އަޅުގަނޑުމެން އިއުލާނު ކުރާނަން ތާރީހު،" ސުހައިލް ވިދާޅުވި އެވެ.

މަހު ކުލި 11،000ރ. އަށްވުރެ ކުޑަ ވާނެ

ސުހައިލް ވިދާޅުވީ އެޕާޓްމަންޓުގެ ލޯނު 20 އަހަރަށް ބަލާލާނަމަ ކުރިން އޮތީ ގާތްގަނޑަކަށް މަހަކު 11،000ރ. ދައްކަން ޖެހޭ ގޮތަށް ކަމަށެވެ.

"ކުރިން އޮތީ 40 މިލިއަން ޑޮލަރު [ފިނިޝިން އަށް ނަގާ] ނަގާނަމަ 11،000ރ. މަހަކަށް ޖެހޭނެ ކަމަށް. އެކަމަކު އެ ލޯނު ނުނެގުމަކުން މާކަބޮޑު ބަދަލެއް ނާންނާނެ. ނަމަވެސް ކޮންމެވެސް ވަރެއް ކުޑަވާނެ،" ސުހައިލް ވިދާޅުވި އެވެ.

ހުޅުމާލެ ހިއްކަން ފެށިއރު ވެސް އެ މަސައްކަތުގައި އުޅުއްވި، ސުހައިލް ވިދާޅުވީ ހިޔާ ފްލެޓު މިހާރު ހުރި ސައިޒަށް ސޯޝަލް ހައުސިންއެއް ހެދުމުން މައްސަލަ ކުރިމަތިވާނެ ކަމަށެވެ.

"ޑިޒައިންއާ ބެހޭ ގޮތުން އެއްޗެއް ނުބުނާނަން. އެކަމަކު މި ސައިޒު [އެޕާޓްމަންޓް] ވެސް ބޭނުންވޭ. އެ ކަމަކު މި އަދަކަށް ހެދީމަ އަޅުގަނޑުގެ ސެންސް މޭކް ނުކުރޭ" އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސުހައިލް ވިދާޅުވި އެވެ.

ކޮޓަރީގެ ސައިޒް: 10.50 ދިގު، 9.50 ފުޅާ

ރާއްޖޭގެ ތާރީހުގައި ހިންގި ސޯޝަލް ހައުސިންގެ އެންމެ ބިޔަ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތަކުގެ ސައިޒަކީ 570 އަކަ ފޫޓެވެ. މިއީ ރާއްޖޭގައި އާއްމުކޮށް ފްލެޓް ރަޖިސްޓްރީ ކުރާ މިންގަނޑުން މިން އެޅުމުން ހެދުމުން އަންނަ ސައިޒެވެ. މި މިންގަނޑުން ބަލާނަމަ އެތެރޭގެ ފާރެއްނަމަ ބަލާނީ ފްލެޓުގެ ބައެއްގެ ގޮތުގަ އެވެ. އަދި ޖެހިގެން އިންނަ އެއާޓްމަންޓުގެ ފާރުގެ ބަލާނީ 50 ޕަސެންޓެވެ. ނަމަވެސް ދުނިޔޭގެ ބައެއް ގައުމުތަކުގައި މިންކުރާ ކުރާ ގޮތަށް، ކާޕެޓް އޭރިއާ [ފާރުތަކުގެ ބޯމިން ނުލާ ހަމައެކަނި ތަޅުމުގަ ހުންނަ ބޮޑުމިން] އިން ބަލާނަމަ 672 އަކަފޫޓު ހުރެ އެވެ.

މި ފްލެޓުގައި ހަތަރު ފިލްޓް ހުރެ އެވެ. ހުރިހާ އެޕާޓްމަންޓްތަކުގައި ހުރީ ދެ ކޮޓަރީގެ އެޕާޓްމަންޓް ތަކެވެ. ކޮޓައެއްގައި އެވްރެޖު ގޮތެއްގައި ފުޅާ މިނުގައި 10.50 ފޫޓު ހުރެ އެވެ. އަދި ފުޅާމިނުގައި 9.50 ފޫޓު ހުރެ އެވެ. އަދި ކޮންމެ އެޕާޓްމަންޓެއްގައި ވެސް ބޮޑު ސިޓިން ރޫމްއެއް ހުރެ އެވެ. ސިޓިން ރޫމުގެ ދިގުމިނުގައި ގާތްގަނޑަކަށް 25 ފޫޓު ހުރެ އެވެ. އަދި ފާހާނާ ތަކުގެ ފުޅާ މިނުގައި 3.50 ފޫޓު ހުންނައިރު ދިގު މިނުގައި ހުންނަނީ 6.50 ފޫޓެވެ. އަދި ދޮންނަ މެޝިން ބަހައްޓަން ބޭރުގައި ހާއްސަ ސަރަހައްދެއް ހަދާފައި ހުރެ އެވެ.