ހިޔާ މަޝްރޫއު

ހިޔާ ފްލެޓްތަކުގެ ޖިނާއީ ތަހުގީގެއް ހިންގަން އެދި މަޖިލީހަށް

ހިޔާ މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ބުނެ އެކަމާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަަހަޅައިފި އެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު މިއަދު ހުށަހެޅި މައްސަލަ މަޖިލީހުގެ ތަޅުމުން ބަލައިގަތީ 33 މެމްބަރުންގެ ވޯޓާ އެކުއެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ފަލާހު ވިދާޅުވީ ރައްޔިތުންނަށް ފަސޭހަކަމާއެކު އަގުހެޔޮކޮށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި ހިޔާ މަޝްރުއުގެ ދަށުން ފައިދާވާން އޮތް ނަމަވެސް ނިމިގެން ދިޔަ ސަރުކާރުން އަމަލުކުރީ އެއާ އިދިކޮޅަށް ކަމަށާއި އެ މަޝްރޫއުގައި މަަކަރާއި ކޮރަޕްޝަން އެކުލެވިގެންވާ ކަމަށެވެ.

ރައްޔިތުން ދިރިއުޅުމަށް އިމާރާތްކުރާ ތަނެއްގައި ފުރިހަމަވާން ޖެހޭ އަސާސީ ކަންކަން ފުރިހަމަ ނުކޮށް ގަސްދުގައި އިހުމާލުވެފައިވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުންނަށް ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައިިވާ ކަމަށްވެސް މައްސަލައިގައިވެ އެވެ.

ފަލާހު ވިދާޅުވީ ހިޔާގެ ފްލެޓްތައް ކުރީގެ ސަރުކާރުން ކުއްޔަށް ދޭން ނިންމި ރޭޓުން ކުއްޔަށް ދީފިނަމަ ބޮޑު ގެއްލުމެއް ވާނެ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓުން ވެސް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ދައުލަތަށް ފައިދާވާާން އޮތް ކަމެއްގައި އެހެން ގޮތަަކަށް މަަކަރާއި ހީލަތް ހެދުމާއި ދައުލަތުގެ ފައިސާއާއި ހިޔާނާތްތެރިވުމާއި މަގާމުގެ ނުފޫޒު ބޭނުންކުރުމާއި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމާ ގުޅޭ މައްސަލަތައް ބަލަން ޖެހޭ ކަމަށް ފަަލާހު ވިދާޅުވި އެވެ.

"އެހެންކަމުން އެ ކަމުގައި ޖިނާއި ތަހުގީގުތައް ހިންގައި ހާއްސަ އިސްކަމެއް ދީގެން އެކަން ބެލުމަށް އަޅުގަނޑު ހުށަހަޅަން،" ފަލާހު ވިދާޅުވި އެވެ.

ނިމިގެން ދިޔަ ސަރުކާރުގައި ހިޔާ ފްލެޓެއް ކުއްޔަށް ދޭން ކަނޑައެޅީ މަހަަކަށް 6،600 ރުފިޔާ އަށެވެ. ނަމަވެސް އެ ރޭޓުން ފްލެޓްތައް ކުއްޔެއް ދީފިނަމަ ފްލެޓަކުން 1.1 މިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

ކުރީ ސަރުކާރުން ކަނޑައެޅި ކުލި ކުޑަކަމަށް ބުނެ މި ސަރުކާރުން އެ ކުލި 11،000 ރުފިޔާ އަށް ބޮޑުކުރުމަށް ފަހު ފާޑުކިޔުންތައް މާބޮޑަށް އަމާޒުވުމުން ކުލީގެ ގޮތުގައި އެންމެ ފަހުން ކަނޑައެޅީ 7،500 ރުފިޔާ އެވެ.