ހިޔާ މަޝްރޫއު

"ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގައި އުޅުން މުސީބާތަކަށް ވެދާނެ: އިންތިގާލީ ކޮމިޓީ

Nov 16, 2018
98

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު، "ހިޔާ" މަޝްރޫއުގެ ގެ ދަށުން ހުޅުމާލޭގެ ދެވަނަ ފޭސްގައި ހަދާފައިވާ 7،000 ފްލެޓްތަކުގެ ޓަވަރުތައް މިހާރު ޑިޒައިން ކޮށްފައި ހުރި ގޮތުން މީހުން ވެއްދުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް، ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހާލަތު ބެލި، އިންތިގާލީ ކޮމިޓީއިން ބުނެފި އެވެ.

އެޗްޑީސީގެ ހާލަތު ބެލުމުގައި އެ ކޮމިޓީގެ ފަރާތުން އެންމެ އިސްކޮށް އުޅުނު، ހުސައިން ޝަހީމް އިއްޔެ އިންތިގާލީ ކޮމިޓީއިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވި ގޮތުގައި، ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހުޅުމާލޭ ދެވަނަ ފޭސްގައި ހަދަމުންދާ 25 ބުރީގެ 16 ޓަވަރުގައި ކޮންމެ ފްލޯއެއްގައި ދެ ކޮޓަރި ހިމެނޭ 20 އެޕާޓްމަންޓް ހުންނަ ކަމަށެވެ. އޭނާ ވިދާޅުވީ ފްލޯއެއްގައި 2،560 އެއްހާ މީހުން އުޅޭނެ ކަމަށް ލަފާކުރެވޭ އިރު އޭގެ ޓަވަރެއްގައި ހުންނަނީ ތިން ލިފްޓް ކަމަށެވެ. ހުސެން ވިދާޅުވި ގޮތުގައި، ތިން ލިފްޓް ހުރެގެން މިފަދަ އުސް އިމާރާތެއްގައި ދިރިއުޅޭ މީހުން އަރައި ފައިބައި ހެދުމަކީ ބޮޑު ތަކުލީފަކަށް ވާނެ އެވެ.

"20 އެޕާޓްމަންޓް އިންނަތަނެއްގައި ތިން ލިފްޓް ހަރުކުރީމާ މިވާގޮތަކީ، ސްކޫލްގަނޑި ފެށިގެން ގޮސް ނިމޭއިރުވެސް އެންމެ ފްލޯއެއްގައި ވެސް އެބައުޅޭ 2560 މީހުން ދިރި. އަޅުގަނޑުމެން މި ދައްކަނީ މީގެ 25 ފްލޯގެ ވާހަކަ. މީގެ 25 ފްލޯގައި އުޅޭ މީހުން އެއް ފްލޯއިން ލިފްޓަށް އެރިއަސް، އެ ލިފްޓްތައް ފުރުނީ. ދެން އަނެއް 24 ބުރީގެ މީހުން ތިބެން ޖެހޭނީ. އިންސާނީ ބޮޑު މުސީބާތަކަށް މިތަނުގައި ދިރިއުޅޭ މީހުންނަށް ވެގެން މިދަނީ،" ހުސެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ޓަވަރުތަކަށް މީހުން ވެއްދުމަކީ ކުރަން ހެޔޮވާވަރުގެ ކަމަކަށް ނުވެދާނެ ކަމަށާއި ދެކޮޓަރީގެ އެޕާޓްމަންޓްތައް ވެސް ހަދާފައި ހުރީ 550 އަކަފޫޓްގެ ސަރަހައްދެއްގައި ކަމަށެވެ. އެ ފްލެޓްތައް ލިބުނު ފަރާތްތައް ކަނޑައަޅައި އެ ފަރާތްތަކަށް މާދަމާރޭ ދަންވަރު 12:00 ގެ ކުރިން ލިޔުން ހަވާލު ކުރަން މިނިސްޓްރީ އިން މިހާރު ވަނީ ނިންމައިފަ އެވެ.

ހުސެން ވިދާޅުވީ، މި ފްލެޓްތައް އިމާރާތް ކުރުމަށް ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން އެޗްޑީސީއިން އަށް ބިލިއަން ރުފިޔާގެ ލޯނު ނަގާފައިވާ ކަމަށާއި އެ ލޯނުން އެޕާޓްމަންޓްތަކުގެ ފިނިޝިން އެއްކޮށް ނުނިންމޭ ކަމަށެވެ. އެ ފްލެޓްތައް ނިންމަން އަދިވެސް ސަރުކާރުން އިތުރު 640 މިލިއަން ރުފިޔާ އިންވެސްޓް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ކަމުން އެ މަޝްރޫއަށް އަރާ އަދަދު، 8.4 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އަދަދުގެ ލޯނު [8 ބިލިއަން ރުފިޔާއިން] އިން އެތަން ހަދަައިފިއްޔާ މި ރައްޔިތު މީހާއަށް މި ލިބެނީ އެއް ފަހާނާގައި ޓައިލްސް އާއި ދޮރާއި އެހެން ތާކު ދޮރެއް ނުހުރޭ، ވިންޑޯއެއް ނުހުރޭ ފްލޯ ޓައިލިންއެއް ނުހުރޭ. އާންމު ރައްޔިތު މީހާ އެތަން ގަނެގެން ވަންނަން އަދި އިތުރަށް ލޯނު އެބަ ނަގަން ޖެހޭ މިތަން ނިންމަން،" ހުސެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފަހު 10 މަސް ދުވަހުގެ ތެރޭގައި، އޭގެ ކުރިން 12 އަހަރުގެ ތެރޭގައި ނަގާފައި ނުވާ ވަރަށް ލޯނު ނަގާފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެކަނި 7.5 ބިލިއަން ރުފިޔާގެ ލޯނު ނަގާފައިވާ ކަމަށް ހުސެން ވިދާޅުވި އެވެ. ހުސެން ސުވާލު އުފެއްދެވީ ފަސް އަހަރުގެ ތެރޭގައި ދަރަނި ނުނެގި އަދަދަކަށް، ފަހު 10 މަސްދުވަހު ލޯނު ނެގީ ކީއްވެތޯ އެވެ.

"އެހާ ގިނަ ލާރި 10 މަސްތެރޭގައި ނެގީމާ މީގައި ސުވާލަކީ ހެޔޮނިޔަތުގައި ތަރައްގީއަށް ކުރަންވެގެން ކޮށްފައި ހުރި ކަމެއްތޯ؟ ރައީސް ޔާމީންއަށް ލިބިވަޑައިގެންނެވި ފަސް އަހަރު ވެރިކަމެއް ކުރައްވަން. އަދިވެސް އެ ހުންނެވީ ވެރިކަމުގައި. އެހެން ވީމާ ކީއްވެތޯ ފަސް އަހަރުން ނުންގެވި އެއްޗެއް އެންމެ 10 މަސްދުވަހުން ނެންގެވީ، ކެމްޕޭން ތެރެޔާވެސް ދިމާވާ ގޮތަށް މި ފައިސާއިން ކުރެއްވީ ކޮން ކަމެއްތޯ؟ އަޅުގަނޑުމެން ހައިރާންވޭ،" ހުސެން ވިދާޅުވި އެވެ.

މިހާ ބޮޑު އަދަދަކުން އެޗްޑީސީއަށް ލޯނު ނަގާފައި ވަނީ އެ ފައިސާ ދެއްކޭނެ ގޮތްތަކެއް ރާވާފައި ނޫންކަން ފާހަގަ ކުރައްވަމުން ހުސެން ވިދާޅުވީ، އެޗްޑީސީގެ ލޯނުތައް ދައްކަން މި ޑިސެމްބަރު މަހު ވެސް ސަރުކާރުގެ ބަޖެޓުން އެ ކުންފުންޏަށް 105 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށެވެ. އަދި އަންނަ އަހަރު އޭޕްރީލް މަހުގެ ތެރޭގައި ވެސް އެޗްޑީސީއިން ނެގި ލޯނުދައްކަން އެ ކުންފުންޏަށް 131 މިލިއަން ރުފިޔާ ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީގެއިން މި ފެންނަނީ ސަރުކާރުގެ އިހުލާސްތެރިކަން ނެތި ވަކި ބޭނުމަކަށް ސަރުކާރުގެ ކޮންޓްރޯލް އޮތް ކުންފުންޏެއް ބޭނުންކޮށް ރަނގަޅަށް އަމިއްލަ ފައި މައްޗަށް ތެދުވެވޭ ކުންފުންޏެއް ސަރުކާރުގެ ކެމްޕޭނަށާއި އަދި އިހުމާލުގެ އެތައް ބައިވަރު ކަންތައްތަކެއް ހިނގާފައި ހުރުމުގެ ސަބަބުން މިހާ ބޮޑަށް ދަރާފައި ހުރި ކަމަށް ގަބޫލު ކުރެވޭ،" ހުސެން ވިދާޅުވި އެވެ.