ހަބަރު

ކޮމިޓީގައި މުއިއްޒާއި އަސްލަމް: ހިޔާ ފްލެޓް އަގުގެ ބަހުސެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓްތަކުގެ އަގާއި މަޝްރޫއުގެ ހަރަދުތަކުގެ ހިސާބާ ގުޅޭ ގޮތުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި މިހާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހޫނު ބަހުސެއް ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ކުރީގެ މިނިސްޓަރު މުއިއްޒު އާއި މިހާރު މިނިސްޓަރު އަސްލަމް ހާޒިރުކޮށްފައި ވަނީ ހިޔާ މަޝްރޫއުގެ މައުލޫމާތުތަކާ ގުޅޭ ގޮތުން ކުރީގެ ސަރުކާރުގެ ބޭފުޅުންނާއި މިހާރުގެ ސަރުކާރުގެ ބޭފުޅުން ހާމަކުރާ މައުލޫމާތުތައް ތަފާތުތައް ވެފައިވާ ކަން ފާހަގަ ވެސް ވެފައިވަނިކޮށެވެ.

ހިޔާ މަޝްރޫއާ ގުޅޭ ގޮތުން ރައީސް އޮފީހުގައި ހުރި މައުލޫމާތުތަކާ ހަވާލާ ދީ މިނިސްޓަރު އަސްލަމް ވިދާޅުވީ، ހިޔާ މަޝްރޫއަށް ހަ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެކަމަކު މަސައްކަތް ހަވާލު ކުރެވުނު ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ) އަކީ އެންމެ ބޮޑު އަގު ހުށަހެޅި ކުންފުނި ކަމަށެވެ. އެއީ 62،000 ޑޮލަރަށް ހައުސިން ޔުނިޓެކެވެ.

އަސްލަމް ވިދާޅުވި ގޮތުގައި ޗައިނާގެ ސީއެސްއީސީއާ ހަވާލުކުރެވިގެން އަޅާފައިވާ ފްލެޓްތަކުގެ އަގު ހުރީ މާރުކޭޓު ރޭޓަށް ވުރެ ބޮޑު އަގެއްގަ އެވެ. އަދި ފްލެޓްތަކުގެ ކޮޓަރިތަކުގެ ޖާގަ ހުރީ ސޯޝަލް ހައުސިންއެއްގައި ހުންނަން ޖެހޭ އެންމެ އާންމު ދަށް މިންގަނޑަށް ވުރެ ވެސް ކުޑަ ސައިޒެއްގައި ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް އެހެން ވިދާޅުވުމުން ކޮމިޓީގެ މެންބަރުން ވަނީ އެހާ ބޮޑު އަގެއްގައި ޗައިނާގެ ސީއެސްއީސީއާ ހަވާލު ކުރެވިގެން ފްލެޓްތައް އަޅާފައިވަނީ ކީއްވެގެންތޯ އާއި މާރުކޭޓް ރޭޓަށް ވުރެ ބޮޑު އަގެއްގައި ފްލެޓްތައް ހަވާލު ކުރި ސަބަބަކާ ގުޅޭ ގޮތުން މުއިއްޒަށް ސުވާލު ކޮށްފަ އެވެ.

މެންބަރުންގެ އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ ފްލެޓްތަކުގެ މައުލޫމާތުތައް ސާފުކޮށް އޮންނާނީ އެޗްޑީސީގައި ކަމަށާއި އެ މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެ ކުންފުނިން ކަމަށެވެ. އެ ގޮތުން އެޗްޑީސީން ދިން މައުލޫމާތުގެ މައްޗަށް މަހަކު 5،600 ރުފިޔާއަށް ފްލެޓްތައް ދޫކުރަން އޭރުގެ ސަރުކާރުގައި ނިންމެވި ކަމަށް މުއިއްޒު ވިދާާޅުވަމުން ގެންދެވި ވާހަކަ މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.

ނަމަވެސް މިނިސްޓަރު އަސްލަމް އެ ވާހަކަ ދޮގު ކުރެއްވި އެވެ. މަޝްރޫއަށް ހިނގި ހަރަދުތައް އެޗްޑީސީން އާންމު ކުރި ކަމަށެވެ. އެ ހަރަދުތައް ހިސާބު ކުރުމުން ވަރަށް ސާފުކޮށް 20 އަހަރަށް ހަރަދުތައް ބަހާލުމުން މަހަކަށް 5،600 ރުފިޔާ ނުޖެހޭނެ ކަން ސާފުވާނެ ކަމަށެވެ. އަސްލަމް ވިދާޅުވި ގޮތުގައި މަހަކަށް ޖެހޭ އަގަކީ 6،849 ރުފިޔާ އެވެ.

"މުޅި ޕްރޮޖެކްޓް ވެލޫ އަކީ 434 މިލިއަން ޑޮލަރު. އެއީ ހަ ބިލިއަން ރުފިޔާ. ހަ އިންސައްތަ އިންޓްރެސްޓް ރޭޓުގައި 20 އަހަރުން ދައްކާ ގޮތަށް އިނީމާ ލޯނު ދައްކާ ނިމި އެއްވެސް ރިސްކް ފެކްޓަ ނުކޮށް 6،849 ރުފިޔާ ޖެހޭނެ. މިއީ ރޮކެޓް ސައިންސެއް ނޫން، އެންމެ އާދައިގެ ހިސާބުން ކަލްކިއުލޭޓް ކުރީމަ ކޮންމެ މީހަކަށް ވެސް ޖެހޭނީ މި އަދަދު،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އެހެން ވިދާޅުވުމުން މުއިއްޒު މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ހިޔާ މަޝްރޫއުގެ ހަރަދުތަކުގެ ހިސާބުތައް ހިމެނޭ އަދަދުތައް މުއިއްޒު ކޮމިޓީގައި ފަހުން ވިދާޅުވި އެވެ. އެ ގޮތުން 434 މިލިއަން ޑޮލަރު ހަރަދުވެފައިވާއިރު، މަޝްރޫއާ ގުޅިގެން ކޮށްފައިވާ ހިންގުމާއި އިދާރީ ހަރަދުތަކާއި ފިނިޝިން ހަރަދުތަކާ އެކު ޖުމުލަ 563 މިލިއަން ޑޮލަރު އަރާ ކަމަށާއި މި ގޮތަށް 20 އަހަރަށް ބަހާލުމުން ޖެހޭނެ އަދަދަކީ 5،600 ރުފިޔާ ކަމަށެވެ.

"434 މިލިއަން ޑޮލަރު އެއީ ޕްރޮޖެކްޓް ކޮސްޓް. 40.8 ރައުންޑްއޮފް ކޮށްލާފައި އިންޓްރެސްޓް ކޮސްޓް. މާކެޓިން ކޮސްޓް 450،000 އެއްހާ ޑޮލަރު. ޕްރޮޖެކްޓް މެނޭޖްމެންޓް ކޮސްޓް 1.7 މިލިއަން ޑޮލަރު، ލޭންޑް ކޮސްޓް 45 ބިލިއަން ޑޮލަރު. ފިނިޝިން ކޮސްޓް 41.5 މިލިއަން ޑޮލަރު. ޖުމްލަ 564 މިލިއަން ޑޮލަރު، 20 އަހަރަށް ބަހާލުމުން ޖެހޭނީ އަޅުގަނޑު މި ދަންނަވާ ގޮތަށް މަހަކަށް 5،600 ރުފިޔާ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ދެން ވިދާޅުވީ ހިޔާ މަޝްރޫއުގެ މައުލޫމާތުތައް އޭރު އެއް ކުރުމަށް އެނާއާއެކު އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އާޒިމް ކަމަށެވެ. ރައީސް އޮފީހަށް ހައުސިން މިނިސްޓްރީން އެ މައުލޫމާތުތައް ހިއްސާކޮށްދެއްވީ ވެސް އޭނާ ކަމަށް ވިދާޅުވި އެވެ.

އޭގެ ފަހުން ކޮމިޓީގެ މެންބަރުންގެ ސުވާލުތައް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާޒިމަށް ވެސް އަމާޒުވި އެވެ. އެ ސުވާލުތަކުގެ ޖަވާބުގައި އާޒިމް ވިދާޅުވީ މުއިއްޒު ހިއްސާ ކުރައްވާ އަދަދު ޖެހެނީ ހަމައެކަނި ކޮންސްޓްރަކްޝަން އިންޓްރެސްޓް ހިމެނުން ކަމަށެވެ. އަދި ދެ އަހަރުގެ ގްރޭސް ޕީރިއަޑް ނިމުމުން އެ އަދަދު އިތުރުވެގެންދާ ކަމަށެވެ.

"އެހެންވީމަ އެ ގްރޭސް ޕީރިއަޑްގެ އިންޓްރެސްޓްއާއި ރިސްކް ލީމަ [މިނިސްޓަރު މުއިއްޒު] ފާހަގަ ކުރައްވާ އެ އަދަދު އިތުރުވާނެ. މިނިސްޓަރު އަސްލަމް ވިދާޅުވާ އެ ފިގާއަކީ މިހާރު އަސްލު ފްލެޓްގެ އަގަށް ޖެހޭ ފިގާއަކީ،" އާޒިމް ވިދާޅުވި އެވެ.

ދެ މިނިސްޓަރުން އެކަކު އަނެކު ގޯސް ކުރެއްވުމުގައި

ކޮމިޓީގައި މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަމުން ވިދާޅުވީ، 527 އަކަ ފޫޓަށް ފްލެޓްތައް ހެދިއިރު އެއީ ރައްޔިތުންނަށް އެންމެ ހައްގު މިންވަރު ނޫން ކަމަށެވެ. އެއީ ސޯޝަލް ހައުސިންގައި އާންމުކޮށް އޮންނަ ޖާގައިގެ މިންގަނޑަށްވުރެ ވެސް ކުޑަ މިންގަނޑެއް ކަމަށެވެ. އަދި މުޅި މަޝްރޫއު ވެސް ހަވާލު ކުރީ އަގު ހެޔޮކޮށް ކުރެވެން އޮއްވައި ބޮޑު އަގުގައި ކަމަށް އަސްލަމް ވިދާޅުވި އެވެ.

ކޮމިޓީގެ މެންބަރަކު ވަނީ ފްލެޓްގައިވާ ޖާގައަކީ ރައްޔިތުންނަށް އެންމެ ހައްގު މިންވަރު ކަމަށް ގަބޫލު ކުރައްވަންތޯ މުއިއްޒަށް ސުވާލު އަމާޒުކޮށްފަ އެވެ. މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުން ރޭވި ގޮތަށް މަޝްރޫއު ކުރިއަށް ގެންދިޔަ ނަމަ ރައްޔިތުންނަށް އެންމެ ހައްގު މިންވަރު ދެވުނީސް ކަމަށެވެ. ނަމަވެސް ސަރުކާރުން މަޝްރޫއަށް ގެނައި ބަދަލުތަކުގެ ސަބަބުން މިހާރު އެންމެ ހައްގު މިންވަރަށް ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ސަރުކާރުން ރާވާފައިވާ ގޮތުންނަމަ ފްލެޓްގެ އަގު މިއަށްވުރެ ކުޑަކޮށް އެބަ ޖެހޭ، ފިނިޝިން މަސައްކަތް ވެސް ނިންމާ ގޮތަށް އޮތީ، ޓައިލްސްއާއި ފަންކާއާއި ދޮރާ ހުރިހާ ކަމެއް ނިންމާފައިދޭ ގޮތަށް، އެހެން ނަމަވެސް މި ސަރުކާރުން އެ ބަޔަށް އުނިތަކެއް ގެނައިމަ މިހާރު ދެން ހައްގު މިންވަރަކަށް ނޫން އެ ދެވެނީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒުގެ އެ ވާހަކަތައް މިނިސްޓަރު އަސްލަމް ދޮގު ކުރެއްވި އެވެ. އަސްލަމް ވިދާޅުވީ ފްލެޓްގެ މަސައްކަތްތައް ކުރިއަށް ގޮސްފައި ވަނީ މިދިޔަ ސަރުކާރުން ކޮންޓްރެކްޓަރާއި މަސައްކަތް ހަވާލު ކުރި ގޮތަށް ކަމަށެވެ. އޭގައި ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތަކެއް ނުހިމެނޭ ކަމަށެވެ.

ކުރީގެ ސަރުކާރުން 7،000 ޔުނިޓް އެޅުމަށް ޗައިނާގެ ކުންފުންޏާ ހަވާލުކުރެވުނުއިރު، ނިމިފައި އޮތީ 6،720 ޔުނިޓް ކަމުން އެ އަދަދު އުނިވި ސަބަބަކާ ގުޅޭ ގޮތުން ވެސް ބައެއް މެންބަރުން ސުވާލު ކުރެއްވި އެވެ. އެއަަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ އޭނާ ފްލެޓްތަކަށް ޒިޔާރަތް ކުރުމުން ތިރީ ފަންގިފިލާގައި އެއްވެސް ފްލެޓަށް ނެތްކަން ފާހަގަކުރެވުނު ކަމަށާއި އޭގެ ސަބަބުން ފްލެޓްތަކެއް މަދުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ވެސް ފްލެޓްތަކަށް ޒިޔާރަތް ކުރުމުން ފާހަގަކުރެވުނު އެންމެ ގްރައުންޑް ފްލޯގައި އެއްވެސް ހައުސިން ޔުނިޓްއެއް ނެތް ކަން، ދެން އެ ތަނުގައި އޭރު ތިބި އެޗްޑީސީގެ މުވައްޒަފުން ކައިރިން ސާފުކުރުމުން އެނގުނީ އެއީ މި ސަރުކާރުން ގެނައި ބަދަލަކުން ގްރައުންޑް ފޯލާގައި ޔުނިޓްތައް ނެތި ހުސްކުރީ ކަމަށް،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު އެހެން ވިދާޅުވުމުން އެއަށް އެއްވެސް ބަދަލެއް ގެނެސްފައިވޭތޯ އަސްލަމަށް ކޮމިޓީގެ މެންބަރުން ސުވާލު ކުރެއްވި އެވެ. އަސްލަމް ވިދާޅުވީ މުއިއްޒު ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށެވެ. ފްލެޓްތައް ކުރިއަށް ގެންގޮސްފައިވަނީ ކުރީގެ ސަރުކާރުން ހަވާލު ކުރި ގޮތަށް ކަމަށެވެ.

"ނޫން، އެއީ މި ސަރުކާރުން ނިންމި ކަމެއް ނޫން، ކުރީގެ ސަރުކާރުން ހަވާލުކުރި ގޮތަށް އެ އޮތީ ގެންގޮސްފައި،" އަސްލަމް ވިދާޅުވި އެވެ.

ފްލެޓްތައް ދޫކުރީ ބޭއިންސާފުން ކަމަށް ކުރާ ތުހުމަތު މުއިއްޒު މިއަދު ވެސް ދޮގުކުރެއްވި އެވެ. ހުރިހާ ކަމެއް ދިޔައީ އުސޫލުގެ ތެރެއިން، ގެޒެޓްކުރެވި ނޫސްވެރިންނަށް މައުލޫމާތުތައް ދެއްވަމުން ހާމަކަން ބޮޑު ގޮތަކަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް ދެން ވިދާޅުވީ ހިޔާގެ ފްލެޓްތައް ދިން ގޮތް އަލުން އިވެލުއޭޓް ކުރަމުން އަންނަ އިރު، ދެން ނުކުންނާނީ އާ ލިސްޓެއް ކަމަށެވެ. އެ ލިސްޓާއި ކުރީގެ ލިސްޓް އެއްގޮތް ވެދާނެތޯ ވިދާޅުވާން އެނގިވަޑައިނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.