ރައްޔިތުންގެ މަޖިލިސް

ހިޔާ ޕެޓިޝަން: ވަޒީރުންނާއި އެމްޑީން ކޮމިޓީއަށް

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅިގެން ބައެއް ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިންނާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

މަޖިލީހުގެ ޕެޓިޝަން ކޮމިޓީން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވަނީ ހިޔާ ޔޫނިއަން އިން 2،177 މީހުންގެ ސޮޔާ އެކު ހުށަހެޅި ޕެޓިޝަން ދިރާސާކޮށް މަޝްވަރާކޮށްފަ އެވެ.

ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ވިދާޅުވީ ފްލެޓްތަކުގެ ކުލި ބޮޑު ކަމުން ޕެޓިޝަން ބަލައިގަތުމަށް ތާއީދު ކުރައްވާ ކަމަށެވެ. ސަލީމް މީގެކުރިން ވިދާޅުވި ގޮތަށް މިއަދު ވެސް ވިދާޅުވ ހިޔާ ފްލެޓްތަކަކީ މީހުން ދިރިއުޅެން އެކަށީގެން ނުވާ ތަންތަން ކަމަށް އަދިވެސް ގަބޫލުކުރައްވާ ކަމަށެވެ. ފްލެޓަށް ވަންނަން ލިބުނު ވަގުތަކީ އާއިލާތަކުގެ އަތްމަތި ދަތި ދުވަސްވަރެއް ކަންވެސް ސަލީމް ފާހަގަކުރެއްވި އެވެ.

ސަލީމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ އެތެރޭގެ މަސައްކަތް އެއްކޮށް ނުނިންމާ އެތަންތަން ހަވާލުކުރިއިރު މި ދުވަސްވަރަކީ ފިހާރަތަކުގައި މުދާ ވެސް އަގު ބޮޑު ދުވަސްވަރެއް ކަމަށެވެ. އިޖުތިމާއީ ބޯހިޔާވަހިކަމެއްގެ ދަށުން މާލީ ހާލަތު ދަށް ބަޔަކަށް ފްލެޓް ދޭއިރު އެތަނަށް ވަނުމަށް ބޮޑު ހޭދައެއް ކުރަންޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

އެހެންކަމުން ސަލީމް ވަނީ ޕެޓިޝަންގައި ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހައުސިން މިނިސްޓަރާއި ފިނޭންސް މިނިސްޓަރާއި މާލޭގެ މޭޔަރާއި އެޗްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރާއި ރައީސް އޮފީސްގެ ބޭފުޅުން ކޮމިޓީ އަށް ހާޒިރުކުރުމަށް ހުށަހަޅުއްވާފަ އެވެ. އަދި އެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކުރުން އަވަސް ކުރުމަށްވެސް ސަލީމް އެދިވަޑައިގެންނެވި އެވެ. އެއީ ފްލެޓްގެ ފިނިޝިންއަށް ދީފައިވާ މުއްދަތަކީ ތިން މަސް ދުވަސް ކަމަށްވާތީ މައްސަލަ ބެލުމަށް އެހާ މުއްދަތު ހޭދަވާނަމަ މަގުސަދު ހާސިލު ނުވާނެތީ ކަމަށް ވިދާޅުވި އެވެ.

ސަލީމްގެ މި ހުށަހެޅުއްވުމަށް އެވަގުތު ކޮމިޓީގައި ތިއްބެވި ހަތް މެމްބަރުން ވެސް ވަނީ ތާއީދު ކުރައްވާފަ އެވެ. ނަމަވެސް އެ ބޭފުޅުން ކޮމިޓީ އަށް ހާޒިރުކުރާނެ ވަކި ދުވަހެއް ކޮމިޓީން މިއަދު ނިންމާފައެއް ނުވެ އެވެ.

ހިޔާ ފެލެޓް ޕެޓިޝަންގައި އެދިފައިވަނީ ފްލެޓްތަކުގެ މަހު ކުލި 5،600ރ. އަށް ކުޑަކޮށްދިނުމަށާއި އިންޓީރިއަ އާއި ފިނިޝިން އަށް ހޭދަވާ ގްރޭސް ޕީރިއަޑް 12 މަހަށް އިތުރުކޮށް، ޖުމުލަ އަގުން އިންޓީރިއާ އަށް ހޭދަވާ އެއް ލައްކަ ރުފިޔާ މާފުކޮށްދިނުމަށެވެ.

ހިޔާ ފްލެޓްގެ ކުއްޔަށް މަހަކު 7،500ރ. އަދި މެއިންޓަނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގަން ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ. ފްލެޓް އެޅުމަށް ނެގި ލޯނު އަނބުރާ ދައްކަން ޖެހޭތީ ކުލި ކުޑަކުރެވެން ނެތް ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ފްލެޓްގެ އެތެރޭގެ މަސައްކަތް ފްލެޓް ލިބޭ މީހުން އަމިއްލަ ހަރަދުގައި ކުރަން ޖެހޭއިރު އެކަމަށް ލައްކައެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ފްލެޓް ލިބުނު މީހުން ބުނެ އެވެ.